ކޮވިޑް-19އާ ގުޅިގެން މި ދުވަސްވަރު އައިޑީ ކާޑު ހެއްދުމުގެ ހިދުމަތް މެދުކަނޑާލާފައި ވާތީ އައިޑީކާޑު ނެތަސް އެފަދަ އެހެން ލިޔެކިޔުމެއް އޮތް ނަމަ އާސަންދަ ހިދުމަތް ލިބޭނެ ކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ.
އާސަންދަ ކުންފުނިން މިގޮތަށް ނިންމާފައި މިވަނީ އައިޑީ ކާޑު މެދުވެރިކޮށް ހިދުމަތް ދޭ ހުރިހާ ފަރާތްތަކުން ވެސް މިގޮތަށް އަމަލު ކުރުމަށް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)އިން އެދިފައިވަނިކޮށެވެ.
އެ ކުންފުނިން ބުނީ ކޮވިޑް-19 އާ ގުޅިގެން ކޮށްފައިވާ އިއުލާނެއްގައި ބުނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި، އާސަންދަ ހިދުމަތް ދޭ ހުރިހާ މަރުކަޒަކުން ވެސް، ބަލި މީހާގެ އައިޑީ ކާޑު އަތުގައި ނެތިއްޖެ ހާލަތެއްގައި އެފަދަ އެހެން ލިޔެކިޔުމަކުން ހިދުމަތްދޭނެ ކަމަށެވެ.
އެގޮތުން އައިޑީ ކާޑުގެ ކޮޕީ ނުވަތަ ލައިސަންސް ކާޑާއި ޕާސްޕޯޓު ފަދަ އައިޑީ ކާޑު ނަންބަރު ފެންނަން އޮންނަ ލިޔުމެއް ނުވަތަ އެފަދަ ލިޔުމެއްގެ ފޮޓޯ ހުށަހަޅައިގެން އާސަންދަ ޕޯޓަލްއިން ޗެކްކޮށް ވެރިފައި ކުރުމަށްފަހު އާސަންދަ ހިދުމަތް އެ މީހަކަށް ލިބިދެވޭނެ އިންތިޒާމް އެ ކުންފުނިން ހަމަޖައްސާފައިވާނެ ކަމަށް ބުނެފައިވެ އެވެ.
ޑީއެންއާރްއިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން އަޅަމުންދާ އެކި ފިޔަވަޅުތަކާ އެކު އައިޑީ ކާޑު ހެދުމުގެ ހިދުމަތް ވެސް މެދުކަނޑާލާފައިވާ ކަމަށެވެ.
އެހެންވެ މިކަން ހައްލުކުރުމުގެ ގޮތުން އައިޑީކާޑު ނަމްބަރު ފެންނަ ލިޔުމެއް ދިނުމުން، އަލަށް އުފަންވާ ކުދިންނާއި، އައިޑީކާޑު ގެއްލިފައިވާ މީހުންނާއި، އައިޑީކާޑުގެ މުއްދަތު ހަމަވެފައި ތިބި މީހުންނަށް ހިދުމަތް ދޭން ޑީއެންއާރްއިން ވަނީ އެދިފަ އެވެ.