ކޯވިޑް-19 އާ ގުޅިގެން ސަރުކާރުން ހުޅުވާލާފައިވާ އިކޮނޮމިކް ރިލީފް ޕެކޭޖުތަކުން ލޯނަށް އެދި ހުށައެޅުމަށް މާދަމާ ހުޅުވާލާނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން ވަނީ އިކޮނޮމިކް ރިލީފް ޕެކޭޖެއް ތައާރަފް ކުރައްވާފައެވެ. މިޕެކޭޖް މެދުވެރިކޮށް ވިޔަފާރިތަކަށް ލޯނު ދުކުރުމަށް މިމަހުގެ 8 ވަނަ ދުވަހު ބޭންކް އޮފް މޯލްޑިވްސްއާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ހުޅުވާލާނެކަން މިހާރު ވަނީ އިއުލާންކޮށްފައެވެ.
މިޕެކޭޖުގެދަށުން ވިޔަފާރިތަކަށް ދޫކުރާ ލޯނު ދޫކުރާނީ %6 އިންޓަރެސްޓް ރޭޓުގައި 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑަކާ އެކުގަ އަދި ލޯނު އަނބުރާ ދައްކަންޖެހޭނީ 3 އަހަރު ދުވަހުގެ ތެރޭގައެވެ.
މި ޕެކޭޖުން ރިސޯޓްތަކަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ބީއެމްއެލް މެދުވެރިކޮށެވެ. މި ސްކީމްގެ ދަށުން ރިސޯޓުތަކަށް ގިނަވެގެން ދޫކުރާނީ 7.71 މިލިއަން ރުފިޔާ ކަމަށާއި ރިސޯޓްތަކަށް ލޯނު ދޫކުރުމުގައި ދިވެހިން ހިންގާ ރިސޯޓްތަކާއި ދިވެހި މުވައްޒަފުން ވަޒީފާގައި ގެންގުޅޭ ނިސްބަތް %45 ނުވަތަ އެއަށްވުރެ މަތި ރިސޯޓްތަކަށް އިސްކަންދޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި މިދިޔަ އަހަރު ވިޔަފާރިއަށް ފައިދާ ވެފައިވޭތޯއާއި 3 އަހަރުގެ ކޭޝްފްލޯ ހުރިތޯވެސްބަލާނެއެވެ.
މީގެއިތުރުން ކޯވިޑް-19 އާ ގުޅިގެން ދިވެހި މުވައްޒަފުން ވަޒީފާއިން ވަކިކޮށް މުސަރަ ނުލިބޭގޮތަށް ޗުއްޓީއެއް ނަގަން މަޖުބޫރުކޮށްފައިވާ ރިސޯޓްތަކަށް މިލޯނެއް ނުލިބޭނެއެވެ.
ވޭތުވެދިޔަ އަހަރު 10 މިލިއަނަށްވުރެ މަދުން އާމްދަނީ ލިބިފައިވާ ރިސޯޓުތައް ނޫން ވިޔަފާރިތަކަށް ލޯނު ދޫކުރާނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށެވެ. މިލޯނުތަކާ ގުޅުންހުރި އެންމެ ފަހުގެ މައުލޫމާތު ބީއެމްއެލްއާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ހާމަކުރާނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.
ކޯވިޑް-19 އާގުޅިގެން އިކޮނޮމިކް ރިލީފް ޕެކޭޖުން މީގެ ކުރިންވެސް ސަރުކާރުން ވަނީ ބައެއް ކަންކަން ފަހިކޮށްދެއްވާފައެވެ.