ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް ވަމުންދާ ގެއްލުން ކުޑަ ކުރުމަށް ސަރުކާރުން އިއުލާންކޮށްފައިވާ ރިކަވަރީ ޕްލޭންގެ ދަށުން ވިޔަފާރިތަކަށް އެހީތެރިވުމަށް މިނިސްޓްރީ އޮފް ފިނޭންސް އާއި ގުޅިގެން ކޮވިޑް-19 ރިކަވަރީ ސްކީމުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް އިން ލޯނު ދޫކުރަން ނިންމައިފިއެވެ.
މި ސްކީމުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް އިން ފައިނޭންސްކޮށްދިނުމަށް ހަމަޖެހިފައިވަނީ ރިސޯޓްތަކާއި އަހަރެއްގެ މައްޗަށް ޓަރންއޯވަރގެ ގޮތުގައި 10 މިލިއަނަށްވުރެ މަތީ އަދަދެއް ހޯދައިފައިވާ ވިޔަފާރިތަކަށެވެ.
ސަރުކާރުން ގާއިމްކޮށްފައިވާ މި ސްކީމް އަށް އެދި ހުށަހެޅުމުގެ ފުރުސަތު ކޮވިޑް-19 އާ ގުޅިގެން މާލީ ގޮތުން ދަތިތައް ކުރިމަތިވެފައިވާ ފަރުދުންނާއި ކޯޕްރޭޓްތަކުގެ އިތުރުން ވިޔަފާރިތަކަށް ލިބިގެންދާނެއެވެ.
މިގޮތުން މި ފަރާތްތަކަށް ވިޔަފާރިތަކަށް ބޭނުންވާ ހިންގުމުގެ ހަރަދު ހަމަޖެއްސުމަށް ވޯކިން ކެޕިޓަލް ގެ ގޮތުގައި ފައިނޭންސިން އަށް އެދި ހުށަހެޅޭނެއެވެ. މިއީ އެއްވެސް ރަހުނަކާ ނުލައި އަހަރަކު %6 އިންޓްރެސްޓްގައި ދޫކުރާ ފައިނޭންސިން އެކެވެ. މި ފައިނޭންސިން އަނބުރާ ދެއްކުމަށް 6 މަހުގެ ގްރޭސް ޕީރިއަޑެއް ހިމެނިގެން ޖުމްލަ 3 އަހަރުގެ މުއްދަތެއް ލިބޭނެއެވެ. މި ގްރޭސް ޕީރިއަޑްގައި އިންޓްރެސްޓް އަދި ޕްރިންސިޕަލް ޕޭމަންޓް ދައްކާކަށް ނުޖެހޭނެއެވެ.
މި ސްކީމް އާ ގުޅޭ އިތުރު މައުލޫމާތު ބޭންކް އޮފް މޯލްޑިވްސްގެ ވެބްސައިޓް https://www.bankofmaldives.com.mv/covid-19-recovery-scheme އިން ލިބޭނެއެވެ.