twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހުށަހެޅުނީ އިތުބާރު ހުރި ހެއްކެއްތަ؟

Apr 16, 2020

ޖިނާޢީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހަކު ބަންދުން ދޫކޮށްލީތޯއެވެ؟ ނުވަތަ ތަޙުޤީޤަށް ލިބިފައިވާ ހެކި ކޯޓުން ބަލައިނުގަތީތޯއެވެ؟ ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހަކު، އެ ކުށް ކުރިކަން ސާބިތުކޮށްދެވޭނެ ފަދަ ހެއްކާއި ޤަރީނާ ހުރިކަމުގައިވީނަމަވެސް، އެކި ސަބަބުތަކާހުރެ އެމީހަކު އެކުރި ކުށަށް އަދަބު ނުލިބި ސަލާމަތްވެގެން ދާތަން ފެނެއެވެ. އެގޮތުން އެއްކަމަކީ އެ މައްސަލައިގައި ލިބިފައިވާ ހެއްކާއި ޤަރީނާއަކީ، އޭގެ ޒާތުގައި އެ ކުށް ސާބިތުކުރެވޭނެ ހަރުދަނާ ހެއްކާއި ޤާރީނާއަށް ވީނަމަވެސް، އެ ތަކެތި ހޯދާފައިވަނީ ޤާނޫނާއި ޚިލާފަށް ކަމުގައިވާތީ، ކޯޓުގައި ޤަބޫލު ނުކުރެވޭފަދަ ތަކެތީގެ ގޮތުގައި ކަނޑައެޅިގެން ދިއުމެވެ.

ހެއްކާއި ޤަރީނާ، އެއީ ޤާނޫނާ ޚިލާފަށް ހޯދާފައިވާ ހެކި ކަމުގައި ކަނޑައެޅިގެންދާ ގޮތާއި، އަދި މިފަދަ ހެކީގެ ބުރަދަނަކީ ކޮބާތޯ ބަލާލަމާތޯއެވެ.

ހެއްކާއި ޤަރީނާ ހޯދޭނެ އުޞޫލު

ފުލުހަށް ހުށަހެޅޭ ޖިނާޢީ މައްސަލައަކާއި ގުޅިގެން ތަޙުޤީޤެއް ހިންގާ، އެމައްސަލައާއި ގުޅޭ ހެއްކާއި ޤަރީނާ ޤާނޫނާއި ޤަވާއިދުތަކާއި ހެދިފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ހޯދުމަކީ ފުލުހުންގެ ޒިންމާއެކެވެ. ފުލުހުން މީހަކު ހައްޔަރުކުރާނަމަ، ހައްޔަރު ކުރަންވާނީ ކޯޓު އަމުރެއްގެ ދަށުން، ނުވަތަ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދައާއެކު، އަދި އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށެވެ.

މީގެ އިތުރުން ތަޙުޤީޤަށް ހިންގާ އޮޕަރޭޝަނަކީ، ވަކި ފަރާތެއްގެ ހުއްދަ ލިބިގެން މެނުވީ ހިންގޭނެ އޮޕަރޭޝަނެއް ނޫންނަމަ، އޮޕަރޭޝަން ފެށުމުގެ ކުރިން ހުއްދަ ހޯދަންވާނެއެވެ. މިސާލަކަށް ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަނެއް ހިންގާނަމަ، ކޮމިޝަނަރ އޮފް ޕޮލިސް ނުވަތަ ކޮމިޝަނަރ އޮފް ޕޮލިސް އެކަމަށް ހުއްދަ ދިނުމަށް ކަނޑައަޅުއްވާފައިވާ އޮފިސަރެއްގެ ހުއްދަ ލިޔުމުން އޮންނަންވާނެއެވެ.

ހަމައެހެންމެ، ތަނެއް ބަލައިފާސްކޮށް އެތަނުން ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްވެސް އެއްޗެއް، ކަނޑައަޅާފައިވާ އުޞޫލާއި ހަމަތަކުގެ މަތިން ނޫންގޮތަކަށް ނަގައިގެން ނުވާނެއެވެ. މިސާލަކަށް ވައްކަމުގެ މައްސަލައެއްގައި، ތުހުމަތު ކުރެވިފައިވާ މީހާ ދިރިއުޅޭ ތަނެއް ބަލައިފާސްކުރުމަށް ވަންނަން ޖެހިއްޖެނަމަ، ކޯޓު އަމުރެއްގެ ދަށުން ނުވަތަ އެތަނުގެ ވެރިފަރާތުގެ ރުހުން ލިބިގެން މެނުވީ އެތަނަކަށް ނުވަނުމާއި، އަދި އެތަނުގެ ވެރިފަރާތް ނުވަތަ ވެރިފަރާތުގެ މަސްލަޙަތު ހިމާޔަތްކޮށްދޭ ފަރާތެއްގެ ޙާޟިރުގައި މެނުވީ، އެތަނެއް ބަލައިފާސްކޮށް އެތަނުން އެއްވެސް އެއްޗެއް ނަގައިގެން ނުވާނެއެވެ.

ތަޙުޤީޤުގައި ދޭ ބަޔާން ޤަރީނާއަކަށްވާ ޙާލަތްތައް

ކުށުގެ ތުހުމަތުގައިވާ މީހާ ޝަރީޢަތުގެ މަޖިލީހުގައިވާ އިޢުތިރާފު ފިޔަވައި ވެވޭ އެހެން އިޢުތިރާފަކީ، ހެއްކެއްކަމުގައި ނުބެލެވޭނެކަމަށް ޤާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވެއެވެ. މިސާލަކަށް ފުލުހުންގެ ތަޙުޤީޤުގައި ކުށަށް އިޢުތިރާފުވެފައި، ކޯޓުގައި އެކުށަށް އިންކާރުކުރާ ޙާލަތުގައި، ފުލުހުންގެ ތަޙުޤީޤުގައި ދިން ބަޔާން ޤަރީނާއެއްގެގޮތުގައި ޤަބޫލުކުރެވޭނީ، ކުށުގެ ތުހުމަތުގައިވާ މީހާ، ބުއްދި ސަލާމަތުންހުރެ އެއްވެސް މަޖުބޫރު ކަމެއްނެތި ދީފައިވާ ބަޔާނެއް ކަމުގައިވާނަމަކަން، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޙުކުމްތަކަށް ބަލާއިރު އެނގެން އޮވެއެވެ. އެހެންނަމަވެސް، ތަޙުޤީޤުގެ މަރުޙަލާގައި ދީފައިވާ ބަޔާނަށް ބާރު ލިބިދޭ އިތުރު ހެއްކާއި ޤަރީނާ ނެތްނަމަ، އެ ޤަރީނާއަކީ ކުށް ސާބިތުކުރުމަށް ފުދޭނެ އެއްޗެއްނޫނެވެ.

ޤާނޫނާ ޚިލާފަށް ހޯދާ ހެކީގެ ބުރަދަން

މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ، ނުވަތަ ސުވާލުކުރުމަށް ގެންދެވޭ މީހާއަށް މަޖުބޫރުކޮށްގެން ބަޔާން ހޯދުމަކީ، އެއްވެސް ޙާލަތެއްގައި ފުލުހުން ކޮށްގެންވާނޭ ކަންކަމެއްނޫނެވެ. ފުލުހުން ޢަމަލު ކުރަންޖެހޭ އިޖުރާޢަތްތަކާއި ޚިލާފަށް ނެގޭ ބަޔާން ވެގެންދާނީ، އެ ހެއްކެއްގެ އިތުބާރާއިމެދު ސުވާލު އުފެދޭނެ، ޤާނޫނީ ގޮތުން ޤަބޫލުކުރެވޭނެ ސިފައެއް ނެތް، އަދި ކޯޓުން ބަލައިނުގަނެވޭނެ ހެއްކެއްގެ ގޮތުގައެވެ.

ހަމައެހެންމެ މައްސަލައާއި ގުޅިގެން ހޯދޭ އެހެނިހެން ހެއްކާއި ޤަރީނާ ނެގުމުގައިވެސް، އިޖުރާޢަތާއި އެއްގޮތަށް ޢަމަލުކުރުމަކީ މުހިންމުކަމެކެވެ. އެގޮތުން ބަންދުގައި ހުންނަ މީހެއްގެ ހަށިގަނޑުގެ އެތެރެއިން ސާމްޕަލެއް ނަގަންވާނީ ފުލުހުންގެ އިންސްޕެކްޓަރުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ، ސާމްޕަލް ނެގުމުގެ ހުއްދަ ލިޔުމުންދީފައި އޮތުމާއިއެކު، ކުށުގެ ތުހުމަތުގައިވާ މީހާ އެކަމަށް ލިޔުމުން ރުހުންދީފިނަމައެވެ. ރުހުން ނުދޭ ޙާލަތުގައި ސާމްޕަލް ނެގޭނީ ކޯޓު އަމުރެއްގެ ދަށުން އެކަންޏެވެ. ރުހުމާނުލައި، ނުވަތަ ކޯޓު އަމުރާއި ނުލައި ނެގޭ ސާމްޕަލްގެ ރިޕޯޓް ވެގެންދާނީ ޤާނޫނާ ޚިލާފަށް ހޯދި ހެއްކެއްގެގޮތުގައި ކަމަށްވާއިރު، މި ހެކި ވެގެންދާނީ ޝަރީޢަތަށް ބަލައިނުގަނެވޭނެ ހެއްކެއްގެ ގޮތުގައެވެ.

މީގެއިތުރުން، ފުލުހުން ހިންގާ ތަޙުޤީޤެއް ހިންގަންވާނީ ކުށުގެ ތުހުމަތުގައިވާ ފަރާތަށް ލިބިގެންވާ ޙައްޤުތަކަށްވެސް އުނިކަން ނުގެނެސް، އިންސާފުވެރި ޝަރީޢަތެއް ހިންގޭނެ ގޮތުގެމަތިން ކަމުގައިވާއިރު، އެ ޙައްޤުތަކުން މަޙުރޫމްވެފައިވާނަމަ، އެއީ އިޖުރާޢަތްތަކާއި އުޞޫލުތަކާއި ޚިލާފަށް ހިންގިފައިވާ ތަޙްޤީޤަކަށް ވެގެންދެއެވެ. އަދި މި ޙައްޤުތައް ލިބިދީފައިނުވާކަމާއި، އިޖުރާޢަތްތައް ފުރިހަމަނުވާކަން ކޯޓުގައި ސާބިތުކޮށްދިނުމަށް ދަޢުވާ ލިބޭ ފަރާތުގެ ދިފާއުގައި ވަކީލުން މަސައްކަތް ކުރާނެކަމީ، ޝައްކެއް އޮތްކަމެއްނޫނެވެ. ލިބިދޭންޖެހޭ ޙައްޤުތައް ނުލިބި، އުޞޫލުން ބޭރުން ހިންގޭ ތަޙުޤީޤެއްގައި ހޯދާ ހެއްކާއި ޤަރީނާ ވެގެންދާނީ، ޤާނޫނާއި ޚިލާފަށް ހޯދާފައިވާ ޣައިރު މަޤުބޫލު ހެއްކަކަށެވެ.

ނިންމުން

ބާޠިލް ކަމެއްގެ މައްޗަށް ތަރުތީބުވެގެން އަންނަ ކޮންމެ ކަމަކީ ބާޠިލް ކަމެކެވެ. މީހަކަށް މަޖުބޫރުކޮށްގެން، ނުވަތަ ޤާނޫނާއި ޤަވާއިދާ އެއްގޮތްނުވާ ގޮތުގެމަތިން ތަޙުޤީޤު ކުރެވި ހޯދާ ބަޔާނާއި ހެކި ވެގެންދާނީ، ތަޙުޤީޤު ކުރި މައްސަލަ ސާބިތުކުރުމުގައި ބޭނުން ނުކުރެވޭނެ ހެއްކެއްގެ ގޮތުގައެވެ.

ލިޔުނީ: އަލްއުސްތާޛާ ޞަބްރިޔަތު ޙުސައިން

އަލްއުސްތާޛާ ޞަބްރިޔަތު ޙުސައިނަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީ ލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355