ކުޅުދުއްފުށީގައި ކޮވިޑް-19 އަށް ޝައްކުކުރެވޭ ނުވަތަ ޕޮޒިޓިވް މީހަކާ ޑައިރެކްޓް ކޮންޓެކްޓްވެފައިވާ މީހަކު ނެތްކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ހާމަކޮށްފި އެވެ.
ކޭއާރުއެޗުން މިހެން ހާމަކޮށްފައިމިވަނީ މާލޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާއި ޑައިރެކްޓް ކޮންޓެކްޓްވި މީހަކު ކުޅުދުއްފުށީގައި ހުރިކަމަށް ބުނެ ބައެއް ފަރާތްތަކުން ރަށުތެރޭގައި ފަތުރާ ވާހަކަތަކާ ގުޅިގެންނެވެ.
ކޭއާރުއެޗުގެ މެނޭޖަރު އަހުމަދު ދާއޫދޫ ކޭއޯއަށް ވިދާޅުވީ ކޮވިޑް-19 އަށް ޝައްކުކުރެވޭ ނުވަތަ ޑައިރެކްޓް ކޮންޓެކްޓެއް މިވަގުތު ކުޅުދުއްފުށީގައި ނެތް ކަމަށެވެ.
"ކުޅުދުއްފުށީގައި މި ވަގުތު ކޮވިޑް-19 އަށް ޝައްކު ކުރެވޭ ނުވަތަ ޑައިރެކްޓް ކޮންޓެކްޓެއް ނެތް. މި ރަށުގައި މި ތިބީ ޓާޝިއަރީ ކޮންޓެކްޓްސްއާ ދިމާވެފައި ތިބި މީހުން. އޭގެ މާނަ އަކީ މި ރަށުގައި ތިބި މީހުންނަކީ ޕޮޒިޓިވް ވީ މީހާއާ ދިމާވި މީހަކާއި ދިމާވި މީހަކާއި ދިމާވި މީހެކޭ. މިސާލަކަށް ދަންނަވަންޏާ ޕޮޒިޓިވްވީ ފިރިހެނަކާއި ދިމާވެފައި ހުރި މީހެއް ވަޒީފާ އަދާ ކުރާ އޮފީހުގައި ވަޒީފާ އަދާ ކުރާ އެހެން މީހަކާ ދިމާވި މީހެއް މި ރަށުގައި މި ހުރީ." ކުޅުދުއްފުށީގެ ޓާސްކް ފޯސްގެ ޗެއާމަންކަން ކުރައްވަމުންގެންދަވާ އަހުމަދު ވިދާޅުވި އެވެ.
އަހުމަދު ވިދާޅުވީ ޕޮޒިޓިވް މީހާގެ ގޭގައި އުޅެފައި ހުރި މީހަކު ރަށުގައި ހުރިކަމަށް ބުނެ ބައެއް ފަރާތްތަކުން ގުޅައި ރިޕޯޓްކުރަމުންދާ ކަމަށާ ނަމަވެސް އެއީ ދޮގު މައުލޫމާތެއްކަމަށެވެ.
"އަޅުގަނޑުމެންނަށް ގުޅާ އެބަ އެ ގޭގައި އުޅެފައި ހުރި މީހެއްވެސް އެބަ ހުއްޓޭ ރަށުގައި. އެއީ ދޮގު މައުލޫމާތެއް." ކޭއާރުއެޗުގެ މެނޭޖަރ ހެލްތު ސަރވިސަސް އަހްމަދު ދާއޫދު ހާމަކުރި އެވެ.
މާލެ ފިޔަވައި އަދި އެހެން އެއްވެސް ރަށަކުން ކޮވިޑް-19 އަށް ޓެސްޓް ކުރެވެން ނެތް އިރު އެކަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އަހުމަދު ވިދާޅުވި އެވެ.