ކޮވިޑް-19 ގެ ފެތުރިދާނެކަމުގެ ނުރައްކާ ބޮޑުވެފައިމިވާ ދަނޑިވަޅުގައި ކުޅުދުއްފުށި ސިޓީ ލޮކްޑައުންކޮށް، ކާފިއު ހިންގާފައިމިވާ ވަގުތަކީ އެއްވެސް މީހަކު ބޭނުންވި ހާލަތެއް ނޫން ކަމަށާއި ކާފިއުއަށް ހުރިހާ ރައްޔިތުން އެއްބާރުލުން ދިނުމަށް ޓާސްކް ފޯސްއިން އިލްތިމާސްކޮށްފި އެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ސޮއިކުރައްވާ ދެންމެ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް-19 ގެ ބިރުވެރިކަން ކުޅުދުއްފުށީ ސިޓީގައިވެސް ބޮޑުވެފައިވާތީ ބަލި ފެތުރުން ކޮންޓްރޯލްކޮށް ހުރިހާ ރައްޔިތުންގެ ރައްކާތެރިކަމަށް ހިންގާފައިވާ ކާފިއުއަށް އެއްބާރުލުން ދިނުމަށެވެ.
އިއުލާނުގައި ބުނެފައިވަނީ ޒަރޫރީ ބޭނުންތައް ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް ދޫކުރާ ހުއްދަތައް ތައްޔާރުކުރުމުގެ މަސައްކަތްކޮށް ފާސް ދޫކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އަދި ފާސްތަކާ ގުޅޭގޮތުގެ މައުލޫމާތު ސާފުކުރުމަށް ހަތަރު ނަންބަރެއް ވަނީ އާންމުކޮށްފައި އެވެ. އެއީ 6521531، 6523018، 6523017، އަދި 6523016 އެވެ.
ލޮކްޑައުން ހާލަތުގައި ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ އެހެނިހެން ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށްވެސް ފުރިހަމައަށް އެއްބާރުލުންދިނުމަށް ވަނީ އިލްތިމާސްކޮށްފައި އެވެ. އަދި ކާބޯތަކެތި ހޯދުމުގައި ރޭވިގެން އޯޑަރު ދިނުމަށްވެސް ކައުންސިލުން އެދެ އެވެ.
ކައުންސިލުން ބުނީ ސޯޝަލް ސަޕޯޓް ޑެސްކަށް މިވަގުތު ގުޅަމުންގެންދާތީ ފޯނު ވަރަށް ބިޒީވާ ކަމަށާ އެކަމަށް ރައްޔިތުންގެ ކެތްތެރިކަމާއި އެއްބާރުލުން ދިނުމަށް ވަނީ އެދިފަ އެވެ. އަފި ސޯޝަލް ސަޕޯޓް ޑެސްކަށް ނުގުޅިއްޖެނަމަ ސޯޝަލް ސަޕޯޓްގެ ޑެސްކްގެ ހޮޓްލައިން 9531312 ނަމްބަރު އަށް ވައިބަރ ކުރުމަށްވެސް ކައުންސިލުން އެދެ އެވެ.
ލޮކްޑައުންގެ ހާލަތު ތަންފީޒުކުރެވިގެންދާއިރު ރައްޔިތުންގެ ކެތްތެރިކަމާއި އެއްބާރުލުން ދިނުމަކީ އެންމެންގެ ސަލާމަތާ ރައްކާތެރިކަމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށާއި އަދި ސަލާމަތީ ބާރުތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށްވެސް ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.