twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކޮވިޑް19 - ބަރަކާތްތެރި ރަމަޟާންމަހާ ބައްދަލުވާއިރު މުސްލިމުންގެ ޙާލަތު

އަހުމަދު ހާމީ
Apr 22, 2020

ރަމަޟާން މަހަކީ މުސްލިމުންނަށް ވަރަށް ޚާއްސަ މަހެކެވެ. އެމަހަކީ ކީރިތި ޤުރުއާން ބާވާލެއްވުނު ބަރަކާތްތެރި މަހެވެ. އެމަހަކީ ރޯދަ ހިފުން ފަރުޟު ކުރެވިގެންވާ މަހެވެ. އެމަހަކީ، އެމަހުގައި ހިފާ ރޯދައިގެ ސަބަބުން މާތްﷲ ފާފަ ފުއްސެވުން އިތުރުކުރެވިގެންވާ މަހެކެވެ. ރޯދަ ހިފުމާއި، ޤުރުއާން ކިޔެވުމާއި، ފަރުޟު ފަސްނަމާދު އަދި ސުންނަތްކަން ގަދަވެގެންވާ ތަރާވީޙް ނަމާދު ކުރުމާ، މީސްތަކުންނަށް ޞަދަޤާތް ކުރުމާއި އަދި ދީނީ ނަޞޭޙަތް ދިނުމަކީ މިމައްސަރުގެ ފުރިހަމަ ސަވާބާއި ދަރުމަ ހޯދުމަށް އެދި މުސްލިމުން ވަރަށްވެސް އިސްކަމެއް ދީގެން ކޮށްއުޅޭ މަހެކެވެ. އަދި މިޢަމަލުތައް ކުރުން އެމަހުގެ ފަހު ދިހައަކަށް ދިޔުމުން ގިނަ ކުރެތެވެ. އެއީ އަހަރުގެ އެހެން ރޭ ތަކާއި ޚިލާފަށް މާތްﷲ ގެ ރަޙްމަތާއި ބަރަކާތުން ފުރިގެންވާ ރެޔެއް އެދުވަސްތަކުގައި ލައްވަވާފައިވާތީ އެވެ. އާދެ އެއީ ލައިލަތުލް ޤަދްރި ވިލޭރެއެވެ. ލައިލަތުލް ޤަދްރި ވިލޭރެއަކީ އެއްހާސް މައްސަރުގެ ސަވާބާއި ދަރުމަ ލިބެނިވި ރެޔެކެވެ.

ވުމާއެކު، މުސްލިމް އުންމަތް އަބަދުވެސް ރަމަޟާން މަހަށް ތައްޔާރުވެ ބައްދަލު ކުރަނީ މިދެންނެވި ހުރިހާ ޢަމަލުތައްކޮށް މާތްﷲ ގެ މަދަދާއި ސަވާބު އެދޭ ޙާލު އުޚުރަވީ ޙަޔާތަށް ތައްޔާރުވުމަށް އެމީހެއްގެ އުޅުން އިސްލާޙް ކުރުމަށް ލިބޭ ރަނުގެ މޫސުމެއްގެ ގޮތުގައެވެ. އެއްހާސް މައްސަރުގެ ސަވާބާއި ބަރަކާތުން ފުރިގެންވާ ލައިލަތުލް ޤަދްރި ވިލޭރޭ ލިބިގަތުމުގެ ނިޔަތުގައެވެ. އަހަރުގެ އެކި ދުވަސްތަކުގައި ކުރެވިފައިވާ ފާފަތައް ފުއްސެވުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައެވެ. މިސްކީނުންނަށް އަޅާލައި ޞަދަޤާތް ކުރުމަށް ލިބޭ ހިނދުކޮޅެއްގެ ގޮތައި ބަލައިގެންނެވެ. އެކަކު އަނެކަކާ ގުޅުން ބަދަހިކުރުމަށް އެއް ސުފުރާއެއްގައި ރޯދަ ވީއްލުމަށް ލިބޭ އުންމީދެއްގެ ގޮތުގައެވެ.

ކަންމިހެން އޮތަސް، މިއަދުގެ ޙާލަތު މިއޮތީ ވަރަށްވެސް ހިތާމަވެރި ގޮތަށެވެ. ރަމަޟާން މަހާއި ބައްދަލު ކުރަން މިޖެހެނީ ގެއިން ބޭރަށް ނުކުތުން މަނާ ކުރެވިފައިވާ ޙާލެއްގައި އޮއްވައެވެ. މިސްކިތްތައް މިވަނީ ބަންދު ކުރެވިފައެވެ. މީހުން އެއްވެ އުޅުން މިވަނީ މަނާ ކުރެވިފައެވެ. އާދެ! ޗައިނާގެ ވޫހާން އިން މިދިޔަ އަހަރުގެ ފަހު ކޮޅު ފެނުނު ކޮވިޑް 19 ގެ ބަލިމަޑުކަން މިއޮތީ މުޅި ދުނިޔެ ވަށާލާފައެވެ. ގައިންގަޔަށް އަރާ މިބަލީގައި ދުނިޔޭގެ އެކި ޤައުމުތަކުން ޖުމްލަ އެއްލައްކަ ހަތްދިހަހާހަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، ދެމިލިއަނަށްވުރެ ގިނަ މީހުންނަށް ވަނީ ބަލި ޖެހިފައެވެ. ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ މި ބައްޔާ ގުޅިގެން ގައުމުތަށް ހުއްޓި ގޮތް ހުސްވެފައިވާ މިދުވަސްވަރުގައި، އާއްމު އެއްވުންތަކާ ބޭރަށް ނުކުމެ އުޅުމާ އޮފީސްތަކާއި ސްކޫލުތައް މިވަނީ ބަންދު ކޮށްފައެވެ. ދުނިޔޭގެ ކުރިއަރާފައިވާ އެއްވެސް ޤައުމަކަށްވެސް މި ބައްޔަށް އަދި ފަރުވާއެއް ހޯދިފައި ނުވާއިރު، މީހުން ގައިގޯޅިވެ އުޅުން ކުޑަ ކުރުމަށް މުސްލިމު ޤައުމުތަކުންނާ މުސްލިމް ކޮމިޔުނިޓީތަކުންވަނީ މިސްކިތްތައްވެސް ބަންދުކޮށް، އެމީހެއްގެ އަމިއްލަ ގޭގައި ނަމާދުކުރުމަށް އިރުޝާދުދީފައެވެ. މުސްލިމުންގެ އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ ކަޢުބަތުﷲ ގެފުޅުގައިވެސް ޖަމާޢަތުގައި ނަމާދުކުރުންވަނީ ބަންދުކުރެވިފައެވެ.

މިއީ މުސްލިމުން ރަމަޟާންމަހު ޢަމަލުކުރަމުން އައި ގޮތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެ ރަމަޟާން މަހަކަށް ވާނެއެވެ. އެހެނީ ގޭގައި ތިބެގެން ހުރިހާކަމެއްވެސް ކުރާން ޖެހިފައިވާ ޙާލުގައި، ރަމަޟާން މަހުގެ ދަރުމަ އާއި ސަވާބު ހޯދުމަށް މަސައްކަތް ކުރުމެވެ. ވަރަށް ބޮޑެތި ދަތި އުނދަގޫ ތަކެއް ކޮވިޑް 19 އާއި ގުޅިގެން އާއްމުންނާއި ސަރުކާރުތަކާ ވިޔަފާރިތަކަށް ކޮށްފައިވާ މިދަނޑިވަޅުގައި މިބަރަކާތްތެރި މައްސަރުގެ ފުރިހަމަ ފައިދާ ލިބިގަތުމަށް މުސްލިމުން ކުރިން އުޅެމުން އައިގޮތް ނޫންގޮތަކުން އުޅުމަކީ ބޮޑު އިމްތިޙާނަކަށްކަން ކަށަވަރެވެ. މީހުންނަށް ޞަދަޤާތް ކުރުމާއި، ނިކަމެތީންނާ ފަޤީރުންނާ ދަތުރުވެރިންނަށް މިސްކިތްތަކުގައި ރޯދަ ވީއްލޭގޮތަށް އޮތް އޮތުމަށް ބަދަލުތަކެއް ގެންނާންޖެހެއެވެ. ރޯދަމަހުގެ މިސްކިތްތަކުގައި ދެވޭ ދީނީ ދަރުސްތައްވެސް ބަދަލުކުރާންޖެހެއެވެ. ނަމާދު ޤާއިމުކުރުން ގެއަށް މިވަނީ ބަދަލުކުރާން މަޖުބޫރު ވެފައެވެ.

ރަމަޟާން މަހަކީ ކެތްތެރި ކަމުގެ މަހެވެ. އެހެންކަމުން ކޮވިޑް 19ގެ މިބަލި މަޑުކަމާއެކުވެސް، މި ބަރަކާތްތެރި ރަމަޟާން މަސް މާތްﷲ ގެ ދަރުމައާއި ސަވާބު ލިބެނިވި ޢަމަލުތައް ކުޅައުމަށް ކެތްތެރިކަމާއެކު މަސައްކަތް ކުރުމީ މުސްލިމުންނަށް ވަރަށް މުހިއްމު ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355