ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަކީ ދީލަތިކަމާއި އޯގާތެރިކަން އިސްކޮށް މީހުންނަށް އެހީތެރިކަން ފޯރުކޮށް އަޅާލާ މައްސަރަކަށް ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފި އެވެ.
މި އަހަރުގެ ރޯދަ މަސް ފެށުމުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮވިޑް-19 ބަލިމަޑުގަން އަޅުގަނޑުމެންގެ ދިރިއުޅުމުގެ އާންމު ހަރަކާތްތައް ހުއްޓުމަކަށް ގެނެސްފި ކަމަށާއި އިޖްތިމާއީ ގައި ދުރުކަމަށް އިސްކަން ދޭން ޖެހުމުގެ ސަބަބުން އަޅުގަނޑުމެން ޖަމާއަތުގައި އަދާ ކުރާ އަޅުކަންތައްވެސް މި ވަނީ މެދުކަނޑާލަން ޖެހިފައިވާކަމަށެވެ.
އަދި މި މުހިންމު ދުވަސްތައް އަޅުގަނޑުމެން ހޭދަކުރަންވީ، ކޮވިޑް19 ގެ ނުރައްކާތެރިކަން އަޅުގަނޑުމެންގެ ތެރެއިން ފިއްލަވައި، އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގެ ހާލަތަށް އެނބުރި ދިޔުމުގެ ހެޔޮ ތައުފީގު ދެއްވުން އެދި ދުއާ ދެންނެވުމަގައި ކަމަށާއި މިފަދަ ހާލަތެއްގައި ބަރަކާތްތެރި ރޯދަ މަސް ކުރިމަތިވި ކަމީ ނަސީބެއް ކަމަށެވެ. އަދި ގޭގައި ތިބެގެން ވެސް ފަރުޟު ނަމާދުތައް ބަރާބަރަށް ކުރެއްވުމަށް އިސްކަން ދެއްވަން ރައީސް އިލްތިމާސް ކުރެއްވި އެވެ.
މީގެ އިތުރުން މުޅި ދުނިޔޭގެ އިގްތިސާދު ދަށްވެ އެކަމުގެ ނަތީޖާ ރާއްޖެ އަށް ވެސް މިވަނީ ކުރިމަތިވެފައި ކަމަށާއި ރާއްޖެއިން ކޮވިޑް-19 ގެ ނުރައްކާތެރިކަން ފިލައިގެން ނޫނީ އިގްތިސާދީ ހަރަކާތްތައް ފެށޭނެ ގޮތެއް ނެތް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މި އުނދަގޫ ދަނޑިވަޅުގައި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށްދީ ރައްޔިތުންގެ އަސާސީ އަދި ޒަރޫރީ ބޭނުންތަކަށް މަގުފަހިކޮށްދިނުމަށް ކަމަށްވެސް ރައީސް ހިތާބުގައި ވިދާޅުވި އެވެ.