ކުޅުދުއްފުށީގައި ހިންގާފައިވާ ކާފިއުއާ ހިލާފުވި އިތުރު 7 މީހަކު ޖޫރިމަނާކޮށްފި އެވެ. ކާފިއުއާ ހިލާފުވެގެން ފުރަތަމަ މީހަކު ޖޫރިމަނާކޮށްފައިވަނީ މިމަހު 23 ވަނަ ދުވަހު އެވެ.
ކުޅުދުއްފުށީ ކައުންސިލުން ބުނީ ކުޅުދުއްފުށީގައި ހިންގާފައިވާ ކާފިއުއާ ހިލާފުވި އިތުރު 7 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށާއި އެމީހުން ޖޫރިމަނާކޮށްފައިވަނީ ކާފިއުގެ ވަގުތުގައި ހުއްދަ ނެތި ބޭރުގައި އުޅުމުން، ދެ ފަހަރުމަތިން ނަސޭހަތްދިނުމަށްފަހުވެސް ކައުންސިލްގެ އަމުރަށް ކިޔަމަން ނުވުމުން ކަމަށެވެ.
ޖޫރިމަނާކޮށްފައިވާ ހުރިހާ މީހުންނަކީވެސް ފިރިހެނުންނެވެ. މި ހުރިހާ އެންމެވެސް ޖޫރިމަނާކޮށްފައިވަނީ 500 ރުފިޔާ ކަމަށެވެ. ކައުންސިލުން ބުނީ ޖޫރިމަނާކުރި އެކަކު ޖޫރިމަނާކޮށްފައިވާ ދެވަނަ ފަހަރަށް ކަމަށާ ނަމަވެސް އޭނާ މިފަހަރުވެސް ޖޫރިމަނާކޮށްފައިވާނީ 500 ރުފިޔާއިން ކަމަށެވެ.
ކުޅުދުއްފުށީގައި މިހާރު ވަނީ ކާފިއުގެ މުއްދަތު 7 ދުވަހަށް އިތުރުކޮށްފައި އެވެ. އެގޮތަށް ޓާސްކް ފޯސް އިން ކާފިއު ދަށްމާލާފައިވަނީ ކޮވިޑް-19 ފެތުރުދާނެކަމުގެ ނުރައްކާ ބޮޑުވުމުންނެވެ. ކުޅުދުއްފުށީގައި ކާފިއުގެ ވަގުތުތަކުގައި ހުއްދަ ނެތި ބޭރުގައި އުޅޭ މީހުން 5000ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭނެ އެވެ.