twitterviber whatsapp telegramfacebookyoutube instagram
26th April 2024

ގޮއިދޫގައި މިއޮތީ ތަޒާ ކަރާ، ކިލޯއެއް އެންމެ ދިހަ ރުފިޔާއަށް!

އަބްދުލް ވާހިދު ޙަސަން
Apr 28, 2020
2

އުތުރުގައި އެންމެ ފުޅާ ދާއިރާއެއްގައި ކަރާގެ ދަނޑުވެރިން ކުރަމުން އަންނަނީ ށ ގޮއިދޫގައި އެވެ. ކޮންމެ އަހަރެއްގެވެސް ރޯދަމަހާ ދިމާކޮށް އެރަށުގެ ދަނޑުވެރިން ވަރަށް ބޮޑަށް ތައްޔާރުވެ، ރަހަމީރު ކޮލިޓީ ކަރާ ބާޒާރަށް ނެރެ އެވެ. އެހެން އަހަރުތަކާ އެއްގޮތަށް މިއަހަރުވެސް ގޮއިދޫ ކަރާ ދަނޑުތައް ފައްކާކުރީ ރޯދަމަހަށްށެވެ. އެކަމަކު ކަންދިމާކުރީ ވަރަށް ދެރަކޮށެވެ.

ކޮވިޑް-19 ގެ ނުރައްކަލާ ހުރެ ގޮއިދޫގެ ދަނޑުވެރިންނަށް ވަނީ ވަރަށް ބޮޑެތި ގެއްލުމާ ކުރިމަތިލާން ޖެހިފައި އެވެ. އެހެންވެ ކަރާގެ އަގުވެއްޓި، ރަށުން ކަރާ ކިލޯއެއްގެ އަގު އުޅެނީ 10-9 ރުފިޔާއާ ދެމެދު އެވެ. މިދިޔަ އަހަރުތަކުގައި އެރަށުގައި ކަރާ ވިއްކާފައިވަނީ 20-15 ރުފިޔާއަށެވެ.

ގޮއިދޫ ކައުންސިލްގެ ރައީސް އިބުރާހިމް ޝާހިދު ވިދާޅުވީ، ހޮނިހިރު ބާޒާރު ބަންދުކުރުމާއި ކޮވިޑް-19 ގެ ނުރައްކާ ބޮޑުވުމުގެ ސަބަބުން ކަރާ އަގު ވެއްޓިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ގޮއިދޫގައި ބޭނުން ވަރަކަށް ކަރާ ލިބެން އެބަހުރި ކަމަށާއި މިހާރުވެސް މާލެ އަށާއި ކުޅުދުއްފުށީގެ އިތުރުން އަތޮޅުތެރޭގެ އެހެން ރަށްތަކަށްވެސް ފޮނުވަމުންދާ ކަމަށެވެ.

ގޮއިދޫއަށް ގޮސްގެން ކަރާ ކިލޯއެއް 10-9 ރުފިޔާ ދެމެދުގެ އަގުގައި ލިބޭނެ ކަމަށާއި އެކަމަކު އެރަށުން އޯޑަރު ނަގައިގެން ފޮނުވާކަމަށްވާ ނަމަ ދަތުރު ހަރަދު ދޭން ޖެހެ އެވެ. އުތުރުގައި، ރޯދައާ ދިމާކޮށް އެންމެ ފުޅާ ދާއިރާއެއްގައި ކަރާ ހައްދާ ގޮއިދޫން ފަސޭހައިން އެތަކެތި ގަނެވޭނެ އިންތިޒާމު ކައުންސިލް މެދުވެރިކޮށް ވަނީ ހަމަޖައްސައިދީފަ އެވެ. އެގޮތުން ކަރާ އަދި ދަނޑުވެރިކަމުން އެރަށުގައި އުފައްދާ ތަކެތި ގަންނަ ބޭނުންވާ ފަރާތްތަކުން ކައުންސިލްގެ ރައީސް އިބުރާހިމް ޝާހިދަށް ގުޅުއްވައިގެން ހަމަޖެހޭނެ އެވެ. ޝާހިދުގެ ނަމްބަރަކީ 9673878 އެކެވެ.

ގޮއިދޫ ކަރައަކީ ފެންވަރު ރަނގަޅު މިހާރު ބުރޭންޑްގެ ގޮތުގައިވެސް މަޝްހޫރުވެފައިވާ ކަރާކަން ފާހަގަކުރެވެ އެވެ. އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ކަރާ ދޫކުރަނީ ވަރަށް ރަނގަޅަށް ބަންދުކުރެވިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355