twitterviber whatsapp telegramfacebookyoutube instagram
28th March 2024

ކުރުވާހަކަ - ގައިދު

Apr 30, 2020
3

ލިޔުނީ: ޝާމިލް އިބްރާހިމް

މަގުގެ ދެކޮޅު ރަނގަޅަށް ބަލާލުމަށްފަހު ނަވާލް، އޭނާގެ އަތުގައި އޮތް ގާބުރި ކުރިމަތީގައި ހުރި ފިހާރައިގެ ބިއްލޫރިގަނޑާ ދިމާއަށް ހޫރާލިއެވެ. އެއާއެކު ބިއްލޫރިގަނޑު ފުނޑުފުނޑުވެގެން ބިންމައްޗަށް ފޭބިއެވެ. ނަވާލާއި އޭނާގެ ދެއެކުވެރިން ފިހާރަ ތެރެއަށް ވަދެ ފިހާރަ ތެރޭގައި ހުރި ތިޖޫރީ ހިފައިގެން ބޭރަށް ނުކުތްއިރުވެސް މޫނުމަތިން ފެންނަނީ ހާސްކަމާއި ނުތަނަވަސްކަމެވެ. ބިރުގަތުމުގެ އަސަރުތަކެވެ. ނަމަވެސް އޭނާގެ މޫނު މައްޗަށް ފާޅުނުވެހުރި އިހުސާސް ތަކެއްވެސް ވެއެވެ. އެއީ ނަފްރަތެވެ. އަދި ބަދަލު ހިފުމުގެ ސަބަބުން އެނަފްރަތަށް ލިބުނު ކުޑަނަމަވެސް ލުއިކަމެވެ.

ނަވާލްގެ ހިތް ބުނަމުންދިޔައީ އެފައިސާތައް އަންދާލުމަށެވެ. ނަމަވެސް އޭނާގެ ހަށިގަނޑު އެދެމުންދިޔައީ މުޅިންއެހެން ހާޖާތެއް ފުއްދުމަށެވެ.

“އަހަރެންނަށް ވީބަޔަށް ފަސް ޕެކެޓް ގެންނާތި!”ނަވާލް އޭނާގެ ރަހުމަތްތެރިންނަށް ބުންޏެވެ.

އާނއެކެވެ. ތިހީވީ ރަނގަޅަށެވެ. އޭނާ އެބުނީ މަސްތުވާތަކެތީގެ ވާހަކައެވެ. ނަމަވެސް ނަވާލްއަކީ މީގެ ދެތިން މަހެއް ކުރިން މަގުމައްޗަށް ގިނަވެގެން އުޅުނު ވިޔާނުދާ މީހެއް ނޫނެވެ. އޭނާއަކީ ވިޔަފާރީގެ ރޮނގުން މަތީ ފާސް ހޯދައިގެން ހުރި ހީވާގި ޒުވާނެކެވެ. އޭނާގެ ރަށުގެ އެންމެން އޭނާ ތަޢުލީމީ ރޮނގުން ހޯދާފައިވާ ކާމިޔާބީތަކަށް ފަޚުރުވެރިވި ދަރިވަރެކެވެ. އޭނާއަކީ ނ. ވެލިދޫގެ މަޝްހޫރު ވިޔަފާރިވެރިޔާ ދޮންހަސަނުގެ ހަގުދަރިފުޅެވެ.

ފިހާރަ ފަޅާލިތާ ދެގަޑިއިރެއްފަހުން އޭނާގެ އެކުވެރިޔަކު އައެވެ.

“އަން. މިއޮތީ!” ކޮކޭންގެ ފަސްޕެކެޓް ނަވާލްއާދިމާއަށް އެއްލަމުން އޭނާ ބުންޏެވެ.

“ކަންބޮޑުނުވޭ. މިއީ ކަލޭގެ ބޭބެގެ މިލްކެއްނޫން!” އޭނާ ދަމުން ބުންޏެވެ.

އެޖުމްލައިން ނަވާލްއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. އެއީ އޭނާގެ ބޭބެގެ “ޖާސޫސުން” ނަށް އޭނާގެ ހަބަރުތައް އަދި ނުލިބޭނެކަމުގެ އުއްމީދު އާވުމުންނެވެ. ނަވާލްގެ އެންމެ ބޮޑު ދުޝްމަނަކީ އޭނާގެ ބޭބެ ނާޒިމްއެވެ. ނަވާލްގެ މުޅި ދިރިއުޅުމަށް ވިހަލީ އޭނާއެވެ. ފައިސާކޮޅަކަށްޓަކައެވެ.

ނަވާލް ފަތިސްވާންދެން އިނީ އަތިރިމަތީގައި ހުރި ރުއްބުޑެއްގެ މަތީގައެވެ. އޭނާގެ އަނދާފައިވާ ހަންގަނޑާއި ވަޅުވަދެފައިވާ ދެލޮލަކީ މޮޅީގެ ތަސްވީރެކެވެ. ހިމަފޮދު ވާރޭ ވެހެމުންދިޔައެވެ. ހީވަނީ އުޑުމަތި އޭނާއަށްޓަކައި ރޮނީ ހެންނެވެ. އޭނާގެ އިހުސާސެއްނެތް ދެލޮލުން ފައިބަންވީ ކަރުނަތައް ވިލާތަކުން ފައިބަނީހެންނެވެ. ނަވާލަކީ މީގެކުރިން މަސްތުވާތަކެތި ކީއްކުރަން ސިނގިރޭޓެއްގައިވެސް އަތްލީމީހެއްނޫނެވެ. އޭނާ މަސްތުވާތަކެއްޗާ ދިމާއަށް ދާންޖެހުނީ މައިންބަފައިން އަޅައިނުލައިގެން އެކަނިވެރި ވެގެންނެއްވެސް ނޫނެވެ. ނަވާލަކީ އެންމެންވެސް އޭނާދެކެ ލޯބިވެ އޭނާއަށް ހެޔޮއެދުނު މީހެކެވެ. އޭނާގެ ބޭބެ ފިޔަވައެވެ.

ނަވާލް ވިޔަފާރީގެ ދާއިރާއިން މަތީފާސް ހޯދައިގެން އައުމުން ދޮންހަސަނަށް އޭނާގެ ފިހާރަ ހަވާލުކުރާނީ ކޮންދަރިޔަކާކަމެއް ނުވިސްނިގެން އުޅޭކަށް ނުޖެހުނެވެ. އޭނާގެ ދޮށީ ދަރިޔަކީ ކިޔަވަން އުޅުނު ކުއްޖެއް ނޫނެވެ. އަދި ސާބިތު ހެއްކެއް ނެތަސް އެކި އަޑުއަޑުން އިވޭގޮތުގައި އޭނާއަކީ ޑްރަގްގެ ވިޔަފާރީގެ ތެރެއަށްވެސް ވަދެފައިހުރި މީހެކެވެ. ނަމަވެސް ނާޒިމް އޭނާގެ ބައްޕަގެ މުދަލުން ބައެއްވެސް އޭނާގެ ކޮއްކޮއަށް ލިބޭކަށް ބޭނުމެއް ނުވިއެވެ. އޭނާ ބޭނުންވީ އެމުދަލުން “އޭނާގެ ސިއްރު ވިޔަފާރި” ފުޅާކުރާށެވެ. އެކަމުގެ ދަހިވެތިކަމުގައި އޭނާގެ ކޮއްކޮގެ ދިރިއުޅުމުގައި ހުޅުރޯކޮށްލިއެވެ. ނަވާލްގެ ކެއުމަށާއި ބުއިމަށް އެކިފަހަރުމަތިން މަސްތުވާތަކެތި އެޅިއެވެ. އެކަމުގެ ސަބަބުން އޭނާއެއަށް ދެވިހިފިއެވެ. އެއާނުލާ ނޭވާލާންވެސް އުނދަގޫވިއެވެ. އެންމެފަހުން ގޭމީހުންނަށްވެސް ނަވާލް މަސްތުވާތަކެތި ބޭނުންކުރާކަން އެނގެން ފެށިއެވެ. އެކަމުގެ ސަބަބުން ނަވާލް ގެއިން ބޭރުކޮށްލެވުނެވެ. ހުރިހާ ލޯތްބަކުން މަހުރޫމުކޮށްލެވުނެވެ. އޭނާގެ ބައްޕައަށް ކުރަންނުކެރުނު ހަމައެކަނި ކަމަކީ އޭނާ ފުލުހުންނާ ހަވާލުކުރުމެވެ. ޖެހުނު މުސީބާތަށް ކެތްނުކުރެވިގެން އެކަމުގެ ހިތާމައިގައި ދޮންހަސަނު މަސްތަކެއްނުވެ ދުނިޔެ ދޫކުރިއެވެ. ނަތީޖާއެއްގެ ގޮތުން ބައްޕަގެ މުދަލާއި ފިހާރަވެސް ނާޒިމްގެ މިލްކުގެ ދަށަށް އައެވެ.

އޭނާގެ މާޒީއާއި މުސްތަގްބަލާއި މެދު ފިކުރު ކުރަމުންދިޔަ ނަވާލްގެ މޫނު މިހާރުވަނީ ތެމިފޯވެފައެވެ. އެއީ ކަރުނައިންކަމެއް ނުވަތަ ވާރޭފެނުންކަމެއް ބުނަން ދައްޗެވެ. އޭނާގެ ބޭބެގެ ފިހާރަ ބަނގުރޫޓު ކޮށްލެވުނަސް ލިބެންވީ ފުރިހަމަ ހިތްހަމަޖެހުމެއް ނުލިބެއެވެ. ސަބަބަކީ ކާމިޔާބީ ކަނޑައަޅައިދޭ މިންގަނޑުން އެނާ ފެއިލްވެފައި ވާތީއެވެ. ގާނޫނުގެ ކުރިމަތީގައި އޭނާ މިހާރު ވާނީ ގަދަރެއްނެތް ކުށްވެރިޔަކަށެވެ. އޭނާގެ ބޭބެއަކީ އަނިޔާލިބިފައިވާ ވިޔަފާރިވެރިއެވެ.

އިރުކޮޅަކުން އިވުނީ ސައިރަންގެ އަޑެވެ. އެއާއެކު ފުލުހުންގެ ޖިޕެއް ފެންނަންފެށިއެވެ. ނަވާލް ފިލަން ދުވާކަށް ނޫޅުނެވެ. ނުފިލޭނެކަން އެނގޭތީއެވެ. އޭނާ އިންގޮތުން ހީވީ ފުލުހުން އައުމުގެ އިންތިޒާރުގައި އިންހެންނެވެ. ފުލުސް އޮފީހަށް ގެންގޮސް އޭނާއާ އެތަކެއް ސުވާލެއް ކުރެވުނެވެ. އޭނާ އެއްވެސް ޖަވާބެއް ނުދީ ހަނުހުރީއެވެ. ހީވީ މަސްތުވެފައި އިން މީހެއް ހެންނެވެ. އެކަމަކު އޭނާ ހުރީ މަސްތުވެފައެއް ނޫނެވެ. ހަގީގަތުގެ އާލަމުގެ ހިތި ރަހަތައް އޭނާގެ ދޫ ހަރަކާތްކުރުމަށް ހުރަސްއެޅިއެވެ. ކޮންމެއަކަސް ނަވާލް ގެންގޮސް ކުޑަގޮޅިއަށް ލިއެވެ. އެތާނގައި އެހެން މީހަކުވެސް އިނެވެ. އޭނާ ފެނުންއިރު ނަވާލްއަށް ހީވީ ލޯގަނޑަކަށް ބަލާލެވުނު ހެންނެވެ. މާޔޫސް ވެފައިވާ މޫނެކެވެ. އަނަރޫފަވެފައިވާ ހަށިގަނޑެކެވެ. އޭނާގެ ހަށިގަނޑުގައި އޭނާގެ ވޭންދެނިވި މާޒީ ލިޔެވިފައި ވާކަހަލައެވެ.

ނަވާލްއަށް އެތަނުގައި ހަފްތާއެއް ވޭތުކުރަން ޖެހުނެވެ. ނަމަވެސް އޭނާ ގައިދު ވެފައިވަނީ ހަތަރު ފާރުންނެއް ނޫނެވެ. ދަގަނޑު ދޮރަކުންނެއްވެސް ނޫނެވެ. މަސްތުވާތަކެތީގެ ހިލިހިލާއިންނެވެ. އޭނާގެ ނިދުމާއި ކެއުމުން މަހުރޫމް ކުރަނީ އެތަކެތީގެ ވަކިތަކުންނެވެ. އޭނާ ބޯއަނބުރާ ހުންއައިސް ގައިގައި ރިހެނީ އެތަކެތި ނުލިބިގެންނެވެ. އެންމެފަހުން ނަވާލް އެގޮޅިން ނެރުނެވެ. ވައްކަމުގައި އޭނާ ބައިވެރިވިކަމުގެ ހެއްކެއް ނުލިބުނީމައެވެ. ނަމަވެސް އޭނާ މަސްތުވާތަކެތި ބޭނުންކުރާކަން ކުރި ޓެސްޓުތަކުން ސާބިތުވިއެވެ. ވީމާ ނަވާލްއަށް ފަރުވާދިނުމަށް ޑިޓޮކްސް ސެންޓަރަކަށް ގެންދެވުނެވެ.

ޑިޓޮކްސް ސެންޓަރުގައި ނަވާލް އޭނާގެ އަމިއްލަ ހަށިގަނޑާ ހަނގުރާމަ ކުރިއެވެ. އެންމެ ފަހުން އެތައް މަސްތަކެއްގެ ވޭނާއި ކެކުޅުމަށްފަހު ޑްރަގްގެ އަސަރުތައް އޭނާގެ ނާރުތަކުން ފިލައިގެން ދިޔައެވެ. އޭނާ މުޖުތަމައަށް ނުކުތީ އަލަށް އުފަންވި ކުއްޖަކު ފަދައިންނެވެ. ދާނެ ދިމާލެއް ނޭނގިއެވެ. މަޤްސަދެއް އަދި އުއްމީދެއްވެސް ނެތިއެވެ. މުދަލެއް އަދި މިލްކެއްވެސް ނެތިއެވެ.

ދެން ކުއްލިއަކަށް އޭނާ ހަނދާންވީ ގޮޅީގައި އިން މީހާ އޭނާއަށް ދިން އެއްޗެއްގެ މަތިންނެވެ. އެއީ ފަސްރުފިޔާގެ ނޫޓެކެވެ. އެނޫޓު ދެމުން އެމީހާ ބުންޏެވެ. “އަހަރެންނަކީވެސް ކަލޭކަހަލަ މީހަކީމެވެ. އަހަރެންގެ މާޒީ ތަފާތު ވިޔަސް އަހަރެމެންގެ ދުޝްމަނުން އެކެކެވެ. ކަލޭ މި ޣައިދުން މިނިވަން ވީދުވަހަކުން މީގެ ބޭނުން އެންމެ ފުރިހަމައަށް ހިފާށެވެ. އޭރުން ކަލެޔަށް ހަގީގީ މިނިވަންކަން ލިބޭނެއެވެ.”

ނަވާލް އެނޫޓަށް ބަލާލާފައި ހިތަށް އެރިއެވެ. “ފަސް ރުފިޔާއިން މީހަކަށް ކުރެވޭނީ ކީއްހެއްޔެވެ؟” ނަމަވެސް ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ އެނޫޓުގައި “އަލިވާގެ” މިހެން ލިޔެފައި ވަނިކޮށެވެ.

ނަވާލް އެރޭ އެގެޔަށް ދިޔައެވެ. އެގޭގައި މީހަކު ނޫޅެއެވެ. އޭނާ އެގެ ހާވަން ފެށިއެވެ. އެތާނގައި ވަނީ ކޮން އެއްޗެއްކަން އޭނާއަށް އެނގޭކަހަލައެވެ. އެގޭގައި ހުރި އަލަމާރިއެއް އެއްފަރާތް ކޮށްލިތަނާ އޭނާއަށް ފެނުނީ ބިންގަރާހެކެވެ. އެތަން ބެލިއިރު ކަމަކު ދާކަށް ނެތެވެ. ބަސްތާ ބަސްތާ ފުރާ ހުސް ޑްރަގެވެ. ނަވާލްގެ ބޭބެގެ “ވިޔަފާރި ގުދަން” އޭނާއަށް ފެނުނީއެވެ. ހިނދުކޮޅެއްވެސް ނުވެ ނަވާލް އެތަނަށް ފުލުހުން ގެނައެވެ. އަދި އެކިއެކި ހެކިތަކުން އެއީ ނާޒިމްގެ މިލްކުކަން ސާބިތުވިއެވެ.

އަހަރަކަށްފަހު ނަވާލްއަށް ހަމަނޭވާއެއް ލެވުނެވެ. އޭނާގެ އާއިލާއާއި ރަހްމަތްތެރިންނާއި ބައްދަލުކުރެވުނެވެ. އޭނާގެ ނަމުގައި ޖެހިފައިވާ ލައްތައް ސާފުވިއެވެ. މަސްތުވާތަކެއްޗާއި ކުށްތަކުގެ ގައިދުން އޭނާ މިނިވަންވިއެވެ.

-ނިމުނީ-

ނޯޓް: މިއީ 2011 ވަނަ އަހަރު ކުޅުދުއްފުށީ އޮންލައިން އާއި ޖަލާލުއްދީން ސްކޫލް ގުޅިގެން އެސްކޫލުގެ ދަރިވަރުންނަށް ހުޅުވާލި ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ސީނިއަރ ގްރޫޕްގެ ޝާމިލް އިބްރާހިމް، ގްރޭޑް 11 ސީ، ލިޔެފައިވާ ވާހަކައެކެވެ. ޝާމިލް ގެ މިވާހަކަ ސީނިއަރ ގްރޫޕްގެ އެއްވަނައަށް ވަނީ ގޮސްފައެވެ. ޝާމިލް އަކީ މިހާރު މެޑިސިންގެ ދާއިރާއިން ޗައިނާގެ ކުންމިންގ ނެޝަނަލް ޔުނިވާސިޓީގައި މަތީ ތައުލީމު ހާސިލް ކުރަމުން އަންނަ ދަރިވަރެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355