ހުސްވި އޭޕްރީލްމަހުގެ ކަރަންޓް ބިލް އާދަޔާ ހިލާފަށް ބޮޑުކަމަށް ބުނެ ހދ މަކުނުދޫ ފެނަކަ އޮފީސް ކުރިމަތީގައި އެރަށު ޒުވާނުން އިޖްތިޖާޖްކުރަމުން އެބަދެ އެވެ.
މަކުނުދޫގައި މިހާރު ކުރިއަށްދާ އިހްތިޖާޖުގެ ބައިވެރިޔަކު ކޭއޯއަށް މައުލޫމާތު ދެމުން ބުނީ، މިދިޔަ އޭޕްރީލްމަހުގެ ކަރަންޓް ބިލް އާދަޔާ ހިލާފަށް ބޮޑުކަން ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން ބައެއް ގޭބިސީތަކުގެ ބިލަށް 500-400 ރުފިޔާގެ ދެމެދު އިތުރުވެފައިވާ ކަމަށެވެ.
"ބައެއް ގެތަކަށް އެބަހުރި މީގެ ކުރިން ދުވަހަކުވެސް ނާރާހާ ބޮޑުކޮށް އަރާފައި." މަކުނުދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ގިނަ އަދަދެއްގެ ޒުވާނުން މި އިހްތިޖާޖުގައި ބައިވެރިވަމުންދާއިރު އެ މީހުން ފުރަތަމަ އެދުނީ ފެނަކަ ސްޓޭޝަން މެނޭޖަރާ ބައްދަލުކުރުމަށް ކަމަށެވެ. އެކަމަކު މެނޭޖަރު އެ މީހުންނާ ބައްދަލުކުރަން ދެކޮޅު ހެދުމުން މުޒާހަރާގެ ބައިވެރިން މިހާރު ތިބީ ފެނަކަ އިންޖީނުގެ ތެރޭގައި ކަމަށް އެރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.
އެ ސަރަހައްދުގައި މިވަގުތު ހުރި މަކުނުދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ވާފިރު ވިދާޅުވީ، ކަރަންޓް ބިލް މިފަހަރު އާދަޔާ ހިލާފަށް ބޮޑުކަން ފާހަގަކުރެވޭ ކަމަށާއި އެގޮތުން އޭނާގެ އަމިއްލަ ގެޔާއި ވިޔަފާރިކުރާ ތަންތަނުގެ ކަރަންޓް ބިލް ދެ ގުނަވެފައިވާ ކަމަށެވެ.
ވާފިރު ވިދާޅުވީ 350 ރުފިޔާ އަރާ ގޭބިސީއަކަށް މިދިޔަމަހުގެ ބިލްގައި 800 ރުފިޔާ އަރާފައިވާ ކަމަށެވެ. އަދި 2000 ރުފިޔާ އަރާ ތަންތަނަށް 4000 ރުފިޔާ އަރާގައިވާކަން ފާހަގަކުރެވޭކަމަށް ވާފިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާންމުކޮށް ކަރަންޓް ބޭނުންކުރާނީ އެއްވަރަކަށް ކަމަށާއި މިދިޔަ 2019 ވަނަ އަހަރުން ފެށިގެން ދޭތެރެ ދޭތެރެއިން އާދަޔާ ހިލާފަށް ކަރަންޓް ބިލް ބޮޑުވާ މައްސަލަ އެރަށުގައި ފާހަގަކުރެވި އެކަން ކައުންސިލްގެ ފަރާތުން ފެނަކައާވެސް ހިއްސާކުރި ކަމަށެވެ. އެކަމަކު މިހާތަނަށް އައިއިރުވެސް އެހެން ދިމާވާ މައްސަލަ ފެނަކައިން ސާފުކޮށްދީފައިނުވާކަމަށް ވާފިރު ވިދާޅުވި އެވެ.
އެހެން ބައެއް ރަށްރަށުންވެސް އެޕްރީލްމަހުގެ ކަރަންޓް ބިލް ބޮޑުކަމުގެ ޝަކުވާ އަންނަނީ ލިބެމުންނެވެ.