ކޮވިޑް-19 އިން ރާއްޖޭގެ އެންމެހާ ރައްޔިތުން ސަލާމަތް ކުރުމަށް ސިއްހީ މާހިރުން ލަފައާއި އިރުޝާދާއެކު ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށާއި މި މަސައްކަތުގައި ސަރުކަރުގެ އެންމެ އިސް ސިޔާސަތަކީ ކިތަންމެ ބޮޑު ގުރުބާނީއެއް ވެގެން ވިއަސް ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
މިއަދު ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ރާއްޖޭގައި ތިބި ސިއްހީ ހިދުމަތް ތެރިންނަކީ މާ ގިނަ ބައެއްނޫން ނަމަވެސް އެއީ ކަމުގެ އިލްމާ ތަޖުރިބާ ލިބި ވަޑައިގެންތިއްބެވި އަދި ގައުމީ ރޫހުގައި މަސައްކަތް ކުރެއްވުމަށް ވަރަށް ހުށިޔާރު ބޭފުޅުންކޮޅެއް ކަމަށެވެ.
"ކުރިން އަންދާޒާކުރި ހަލުވި މިނުގައި މި ބަލި ރާއްޖޭގައި ނުފެތުރި މިއޮތީ މާތް ﷲ ގެ ވާގިފުޅާއެކު ސިއްހީ ހިދުމަތްތެރިން ދެއްވާ ލަފައާއި އެއްގޮތަށް ސަރުކާރުން އެޅި ފިޔަވަޅުތަކާއި ސިއްހީ ހިދުމަތްތެރިންގެ އިރުޝާދު ތަކާއި ރައްޔިތުން ދެއްވި އެއްބަރުލުމުގެ ސަބަބުން"
މީގެ އިތުރުން ރާއްޖޭގައި ކޮވިޑް އެންމެ ބޮޑަށް ފެތުރިފައިވަނީ އެއްތަނެއްގައި ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީންގެ މެދުގައި މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގައި ކުރިމަތިވާ އެންމެބޮޑު ދައްޗަކީވެސް އެއި ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި މިކަމަށް ހައްލެއް ހޯދުމަށް ގުޅިފަޅާ، ހުޅުމާލެއާއި ވިލިވަރުގައި ބިދޭސީން ބައިތިއްބާނެ ތަންތަން ހަދާ އެތަންތަނަށް މީހުން ބަދަލު ކުރުމުގެ ކަންކަން ކުރަމުން އަންނަ ފާހަގަ ކުރައްވާ ރައީސް ވިދާޅުވި ރާއްޖޭގައި ގަވައިދާ ހިލާފަތް އުޅޭ ބިދޭސީން އެ މީހުންގެ ގައުމުތަކަށް ފޮނުވުމަށް ބަގްލަދޭޝް ސަރުކާރާ ވާހަކަ ދައްކައިގެން 1500 މީހަކު ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރިއަށް މި އޮތް ހަފްތާގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.
ކޮވިޑް-19 އަރައިގަތުމަށް ދުނިޔޭގެ އެހެން ގައުމުތަކުން ކޮށްފައިވާ ތަޖުރިބާއަށް ބަލާއިރު މި ބަލިން އަރައި ގަތުމަށް ދެ މަހަށް ވުރެ ގިނަ ދުވަސް ނަގާނެ ކަމަށާއި މި އުދަނގޫ ހާލަތުން މިންޖުވުމަށްޓަކައި ވީ އެންމެ އަވަހަށް ބަލި ކޮންޓްރޯލް ކުރެވޭތޯ އެންމެން އެކުގައި މަސައްކަތްތަކެއް ކުރަން ޖެހޭކަން ރައީސް ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑުމެންވެސް ކެނޑިނޭޅި މި މަސައްކަތް ކުރަމުން މި އަންނަނީ މި ހާލަތުން އަރައިގަނެ އަޅުގަނޑުމެންގެ އިގްތިސާދީ ހަރަކާތްތައް އަލުންފަށާ ދިރިއުޅުމުގެ އާންމު ހާލަތަށް ދެވޭތޯ" ރައީސް ވިދާޅުވި އެެވެ
މީގެ އިތުރުން ރައީސް ވިދާޅުވީ ސިއްހީ ތަޖުރިބާކަރުން ލަފާ ކުރައްވާ ގޮތުގައި މާލޭގައި މިހާރު މިއޮތް ހާލަތު ކުރިއަށްއޮތް ދެ ހަފްތާގެ ތެރޭގައި އިތުރަށް މައްޗަށް ދާނެކަމަށާއި އެހެން ކަމުން ކުރިއަށް މި އޮތް ދެ ހަފްތާއަކީ ވިސްނުން ތެރިކަމާއެކު ކަންކަން ކުރަންޖެހޭ ދެ ހަފްތާ ކަމަށެވެ.
ރައީސް ވަނީ މި ދަނޑިވަޅުގައި ދިމާވެފައިވާ އުދަނގުތައް ތަހައްމަލް ކުރައްވާ ކެތްތެރި ކަމާއެކު ރައްޔިތުން ދެއްވާ އެއްބާރުލުމަށް ޝުކުރުދަންނަވާފަ އެވެ. އަދި މި ބަލި ރާއްޖޭން ނައްތާލުމަށް ރެޔައި ދުވާލު އެއްވެސް ވަރުބަލި ކަމެއްނެތި އާއިލާއާ ދުރުގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށް ވެސް ވަނީ ޝުކުރު ދަންނަވާފަ އެެވެ.