ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އިން އަރައިގަނެ ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވެފައިވާ ދަތިތަކުންނާއި އިޖުތިމާއި ގޮތުން ހުރި މައްސަލަތަކުން އަރައިގަތުމަށްޓަކައި ޓާސްކް ފޯސްއެއް ރައީސް އުފައްދަވައި މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނެފި އެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، "ނެޝަނަލް ޓާސްކްފޯސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީ" ގެ ނަމުގައި ރައީސް ޓާސްކް ފޯސް އުފެއްދެއްވީ މިދިޔަ މަހުގެ 13 ވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.
މި ޓާސްކް ފޯހުގެ މަގްސަދަކީ ރާއްޖެ އަށް މިހާރު ކުރިމަތިވެފައިވާ ހާލަތުން، އިގްތިސާދީ އަވަސް ރިކަވަރީ އަކަށް ވާސިލްވެ، އިގްތިސާދީ ދުވެލި އާރާސްތު ކުރުމަށް ކަމާ ގުޅޭ ހުރިހާ ދާއިރާތަކެއްގެ ބައިވެރިވުމާއި ހިޔާލާއި މަޝްވަރާގެ މަތިން ކަންކަން ކުރާނެ ގޮތް ރޭވުމެވެ. އަދި އިގްތިސާދީ ދަތިތަކުން އަރައިގަތުމަށްޓަކައި ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް މި ޓާސްކް ފޯހުގެ މަޝްވަރާގެ މަތިން ކުރިއަށް ގެންދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ނޭޝަނަލް ޓާސްކްފޯސް ހިނގާނީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އަދި ޓާސްކްފޯސްގެ މަސައްކަތްތައް ކުރިއަށް ގެންދާނީ ތިން މަސައްކަތުގެ ގްރޫޕަކަށް ބަހާލައިގެންނެވެ.
އެ ގުރޫޕު ތަކަކީ ވާކިންގް ގްރޫޕް އޮން ފައިނޭންސް، ވާކިންގް ގްރޫޕް އޮން އިކޮނޮމިކް ރިކަވަރީ، ވާކިންގް ގްރޫޕް އޮން ސޯޝަލް ސެކްޓަރީ އެވެ.
ވާކިންގް ގްރޫޕް އޮން ފައިނޭންސް މައިގަނޑު މަސައްކަތަކީ 2020 ވަނަ އަހަރުގެ ބަޖެޓު އަލުން އެކުލަވާލުމާ ކޮވިޑް-19 އާއި ގުޅިގެން ކުރަންޖެހޭ އިތުރު ހަރަދުތައް އަންދާޒާކޮށް، އާމްދަނީ އަށް އަންނާނެ ބަދަލުތައް ދެނެގަތުމެވެ. މިކަންކަމުގެ މައްޗަށް ރިއާޔަތްކޮށް ބަޖެޓު ހިންގުމަށް ބޭނުންވާނެ ފައިސާގެ މިންވަރުތައް ދެނެގަނެ، އެ ފައިސާ ހޯދުމަށް، ބޭރުގެ ފަރާތްތަކާ މަޝްވަރާ ކުރާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އަދި ސަރުކާރުގެ ބޭރުގެ ދަރަނި އަދާކުރުމުގައި ލުއިގޮތްތަކެއް ހޯދުމަށް މަޝްވަރާތައް ކުރިއަށް ގެންގޮސް ލުއި ގޮތްތަކެއް ހޯދުމަކީ ވެސް އެ ގްރޫޕްގެ މަގުސަދެކެވެ. ފައިނޭންސް ވާކިންގް ގްރޫޕްގެ މަސައްކަތް ބެހިގެންދާނީ ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތަކުގެ މައްޗަށް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ވާކިންގް ގްރޫޕް އޮން އިކޮނޮމިކް ރިކަވަރީގެ މައިގަނޑު މަސައްކަތަކީ އިގްތިސާދީ ގޮތުން އައިސްފައިވާ މަޑުޖެހުމާއެކު، ފަތުރުވެރިކަމުގެ ދާއިރާއިން ފެށިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަދި އަމިއްލަގޮތުން އާމްދަނީ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއެކު، މިފަދަ ވިޔަފާރިތަކަށް ރިލީފް ޕެކޭޖުތަކެއް ޑިޒަންކޮށް ފޯރުކޮށްދިނުމެވެ. އަދި މެދު ރާސްތާގައި ވިޔަފާރި ފަށައިގަންނަން އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ސްޓިމިއުލަސް ޕެކޭޖުތައް ތައާރަފްކޮށް ހިންގާނީ އެ މަސައްކަތު ގުރޫޕްގެ ޒިންމާ އެކެވެ. ވަޒީފާއަށް އަސަރުކުރި ފަރާތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން ބެނިފިޓް ސްކީމުތައް ހިންގުމާއެކު މެދު ރާސްތާގައި ދިވެހިންނަށް ވަޒީފާގެ ބާޒާރުން އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ކުރެވިދާނެ ކަންކަން ނިންމާ އެވެ. ރާއްޖޭގެ އިގްތިސާދުގެ ބިންގާ ފުޅާ ކުރުމަށް ކުރެވިދާނެ އިތުރު އިގްތިސާދީ ހަރަކާތްތައް ދެނެ ގަނެ، ކުރިއަށްގެންދިއުމަށް ފަހި މާހައުލެއް ގާއިމުކޮށްދޭނެ އެވެ. އަދި ސިއްހީ މާހިރުންގެ ލަފައާއި އިރުޝާދުގެ މަތިން، ހާލަތު ތަންދޭކަމުގައިވާނަމަ، ފަތުރުވެރިކަމާ އަދި އެހެނިހެން ދާއިރާތައް ހުޅުވާލުމުގައި ވިސްނަންޖެހޭނެ ކަންކަމާ، ނިންމަންޖެހޭ ނިންމުންތައް ނިންމާ އެފަދަ ހިސާބަކަށް ދިއުމަށް ހަދަން ޖެހޭ ޕްލޭންތައް ހަދާ، އެކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ކުރާނީ ވެސް އިކޮނިމިކް ރިކަވަރީ ވާކިންގް ގްރޫޕުންނެވެ.
ވާކިންގް ގްރޫޕް އޮން ސޯޝަލް ސެކްޓަރީގެ މައިގަނޑު މަސައްކަތަކީ ވަޒީފާ ގެއްލުމާ، އާމްދަނީ ލިބުން ހުއްޓުމާ ގުޅިގެން ނަފްސާނީ ދުޅަހެޔޮކަމަށް ކޮށްފާނެ އަސަރުތަކާ އަދި މަސްތުވާތަކެތީގެ ޝިކާރައަކަށް ވުމަށް ހުޅުވިދާނެ ދޮރުތަކަށް ފާރަވެރިވެ، މިކަންކަމުން އަރައިގަތުމަށް އެހީތެރިކަމުގެ ޕްރޮގްރާމްތައް ރާވާ ހިންގުމާ އަދި ގެވެށި އަނިޔާއިން ސަލާމަތް ވުމަށާ ކުޑަ ކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަށް ސޯޝަލް ސާރވިސަސް ގެ ހަރަކާތްތައް ހަރުދަނާ ކުރުމުގެ މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން، ބިދޭސީ މަސައްކަތްތެރިންގެ ދިރިއުޅުމުގެ ހާލަތު މިހާރަށް ވުރެ ރަނގަޅު ހާލަތަކަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތަކާ، އެފަރާތްތަކުގެ ތެރެއިން އަނބުރާ ރަށަށްދާން ބޭނުންވާ ފަރާތްތަކަށް އެކަމަށް ހައްލުތަކެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތެވެ.
ރައީސް އޮފީހުން ބުނީ ގައުމީ ޓާސްކް ފޯހުގެ ދަށުން މަސައްކަތް ކުރާ ވޯކިން ގްރޫޕްތަކާ ހަވާލު ކޮށްފައިވާ ކަންކަމަކީ މިހާރު ވެސް ކުރިއަށް ގެންދާ މަސައްކަތްތަކެއް ކަމަށެވެ.