ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ކަނޑުމަހަށް ޔޫރަޕުގެ މާކެޓުގައި އޮންނަ ޑިމާންޑު ދަށްވެފައި އޮތުމަށްފަހު، އެ މާކެޓުތައް އަލުން ހުޅުވެމުންދާތީ، އެ މާކެޓުގައި ރާއްޖޭގެ މަހަށް އޮންނަ ޑިމާންޑު އިތުރުވާން ފަށައިފި އެވެ.
މޯލްޑިވްސް ސީފުޑްޕްރޮސެސާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ޔޫރަޕުގެ މާކެޓުގައި މަހުގެ އަގު ރަނގަޅުވަމުން އަންނައިރު ކުރިން 25 ރުފިޔާ އަށް ވިއްކި ބޮޑުކަންނެލި ކިލޯއެއް މަސްކުންފުނި ތަކުން މިހާރު ގަންނަމުންދަނީ 60 ރުފިޔާ އަށް ކަމަށެވެ. މިއީ ކުރިން ގަންނަމުން އައި އަގަށް ވުރެން ދެގުނަ ބޮޑު އަގެކެވެ.
އެ ބަޔާނުގައި ބުނީ ކޮންމެ އަހަރެއްގެ ރޯދަމަހަކީ ރާއްޖޭގެ މަސްވެރިން މަހަށް ފުރުން މަދު ދުވަސްވަރެއް ކަމަށާއި ޔޫރަޕު މާކެޓަށް އެކްސްޕޯޓު ކުރުމަށް ބޭނުންވާ މަސް އާންމުކޮށް ރޯދަމަހު އެކަށީގެންވާ އަދަދަށް ނުލިބުމުގެ މައްސަލަތައް ކުރިމަތިވާ ކަމަށެވެ.
މިވަގުތަކީ ރާއްޖެއިން ޔޫރަޕު މާކެޓަށް އެކްސްޕޯޓުކުރާ ފިނިކުރި ރޯމަހަށް އޮންނަ މާކެޓު ގެއްލުނަ ނުދީ، ހިފެހެއްޓުމަށް މަސްވެރިން ހިތްވަރާއެކު މަސައްކަތްކުރަންޖެހޭ ވަގުތެއް ކަމަށާއި ދިވެހި އިގުތިސޯދުގެ މައި ކައްޓަކީ މަސްވެރިކަން ކަމަށްވާއިރު މިއީ އިގުތިސޯދުގައި މަސްވެރިންގެ ރޯލު ދެމެހެއްޓުމަށް ލިބިފައިވާ ރަނުގެ ފުރުސަތެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ކަޅުބިލަ މަހުގެ މަސްވެރިކަން ކުރާ މަސްވެރިންވެސް މި ހާލަތުގައި ހިތްވަރާއެކު މަސައްކަތަށް ނިކުންނަމުންދާ ކަމަށާއި ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުންވެސް މިހާލަތުގައި އާހިތްވަރަކާއެކު މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
މި ދުވަސްވަރަކީ ދިވެހި މަސްވެރިކަން ރަނގަޅު ދުވަސްވަރެއް ކަމަށާއި ބޮޑުކަންނެލީގެ މަސްވެރިން ބާނާ، ހުރިހާ މަހެއް ގަނެ ވަގުތުން ފައިސާ ދެވޭނެ ހާލަތެެއް އޮތުމާއެކު މި ދުވަސްވަރު މަހަށް ނިކުތުމަކީ ކޮވިޑް-19ގެ މިހާލަތުގައިވެސް އިގްތިސޯދު ހީނަރުނުވެ، ތަދުމަޑުކަމަކަށް ނުދިޔުމަށް މަސްވެރިންނަށް ކުރެވޭނެ މަސައްކަތެއް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައި ބުނީ މަސްވެރިން މަހަށް ނިކުތުމަށް ބާރު އެޅުމަށް ސަރުކާރުން ތައާރަފުކޮށްފައިވާ 100 މިލިއަން ރުފިޔާގެ ލޯނު ފެސިލިޓީގެ މުހިއްމުކަން ފާހަގަކޮށް ސަރުކާރުން މަސްވެރިންނަށް ކޮށްދޭ ކަންތަކަށް ޝުކުުރު އަދާކުރާ ކަމަށެވެ.