twitterviber whatsapp telegramfacebookyoutube instagram
19th April 2024

ގާތްތިމާގެ މީހަކު މަރުވުމުން އަމަލުކުރަންވީ ގޮތުގެ 5 އިރުޝާދު

އަހުމަދު ހާމީ
May 12, 2020
1

މަރަކީ ކޮންމެ މީހަކުވެސް ކުރިމަތިލާންޖެހޭނެ ހަގީގަތެކެވެ. މި ހަޤީޤަތް އަޅުގަނޑުމެން އެންމެންވެސް ޤަބޫލް ކުރަމެވެ. އެހެނަސް ފަނާވަނިވި މިދުނިޔޭގެ ކަންތައްތަކުގައި މަސްއޫލުވެފައިވާލެއް ބޮޑުކަމުން އަޅުގަނޑުމެން މަރު މަތިން ހަނދާން ނެތިދެއެވެ. ނަމަވެސް ހުރިހައިކަމެއް މޮޅަށް ދެނެވޮޑިގެންވާ ކާއިނާތުގެ ވެރި ﷲ އަހަރެމެންނަށް އެކަން ހަނދާން ކޮށްދެއެވެ. އާދެ! އަޅުގަނޑުމެންގެ ގާތްތިމާގެ މީހެއްގެ ފުރާނަ އެކަލާނގެ އިރާދަފުޅާއެކު ގެންދަވަމުންނެވެ. އެއީ ލޯބިވާ މަންމަކަމުގައި ވެދާނެއެވެ. ނޫނީ ބައްޕައަށްވެސް ވެދާނެއެވެ. ނުވަތަ އެންމެ ހިތްހެޔޮ ދައްތަ ނޫނީ ބޭބެއަށްވެސް ވެދާނެއެވެ.

އެހިނދު މިދުނިޔެއާއި ދުނިޔޭގައިވާ ހުރިހައި އެއްޗަކީ ވަގުތީ ތަނެއްކަމާ، އަޅުގަނޑުމެންވެސް ކޮންމެވެސް ދުވަހަކުން މަރާ ކުރިމަތިލާން ޖެހޭނެކަމަށް ވިސްނެއެވެ. އެއީ ޢާލަމްތައް ހައްދަވައި ގެންގުޅުއްވާ އަރަހުށި މާތްﷲ ގެ ޤާނޫނެވެ. އެކަލާނގެ ދުނިޔެމަތީގައި ފުރާނަ އަޅުއްވައި ލައްވަވާފައިވާ ކޮންމެ މަޚްލޫގެއްގެ އަޖަލު ހަމަވުމުން، އެއިލާހުގެ އިރާދަފުޅުން އެ މަޚްލޫގެއްގެ ފުރާނަ ގެންދަވައެވެ.

ކީރިތި ޤުރުއާނުގެ ޢާލްއިމްރާން ސޫރަތުގެ 185 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "ކޮންމެ ނަފްސަކީވެސް މަރުގެ ރަޙަ ލިބިގަންނާނޭ އެއްޗެއްކެވެ."

އާއިލާގެ މެންބަރެއް ނުވަތަ ގާތް އެކުވެރިޔެއް މަރުވުމަކީ، އެކަމުން އަޅުގަނޑުމެންނަށް ވަރަށްބޮޑު ހިތްދަތިކަމާ ކުރިމަތިވާ ވަގުތެކެވެ. ހިތާމައިގައި 3 ނޫނީ 4 ވަރަކަށް ދުވަސް ހޭދަވެއެވެ. ބައެއް މީހުން ކެއުން ބުއިމާވެސް ދުރުވެ އެކަނި ކޮޓަރީގައި އޮވެއެވެ. މިކަން ތަޖުރިބާ ކޮށްފައިތިބި ބަޔަކަށް މެނުވީ އެދަނޑިވަޅުގައި ކުރިމަތިވާ ހިތްދަތިކަން ވަޒަން ނުކުރެވޭނެއެވެ.

މާތްވެގެންވާ އިސްލާމް ދީނުގައި، ގާތްތިމާގެ މީހަކު މަރުވުމުން އަޅުގަނޑުމެންގެ އަމަލުތައް އެންމެ ފައިދާހުރި ގޮތަށް ބެހެއްޓުމަށް ދެއްވާފައިވާ އިރުޝާދުތަކުގެ ތެރެއިން 5 ކަމެއް އަޅުގަނޑަށާއި ތިޔަ ބޭފުޅުންގެ ފައިދާއަށް ހިއްސާކޮށްލާނަމެވެ.

1. ކެތްތެރިވުން

ގާތްތިމާގެ މީހަކު މަރުވުމުން، ހަމަ ޔަގީނުންވެސް އަޅުގަނޑުމެން އެކަކުވެސް ހިތްހަމަ ޖައްސާލައިގެން ހުރުމަކީ އުނދަގޫ ކަމަކަށްވާނެއެވެ. ތިމާގެ ހިތުގައި އެމީހަކަށް އޮތް ލޯބީގެ ބޮޑުކަމުން އެކަން ތަހައްމަލް ކުރުންވާނީ ބޮޑު ތަކުލީފަކަށެވެ. އެހެން ނަމަވެސް، މާތްﷲ އެފަރާތުގެ ފުރާނަ ގެންދިޔައީ ކީއްވެގެންތޯ އާއި އެކަމުގެ އަސްލަށް ވިސްނައި ކެތްތެރިވުމަށް މަސައްކަތް ކުރުމީ މުހިއްމު ކަމެކެވެ. މާތްﷲ އެއްވެސް ނަފްސަކަށް އެނަފްސަކަށް ނުއުފުލޭ ވަރުގެ ކަމެއް މެދުވެރި ނުކުރައްވާނެ ކަމާ، އެކަލާނގެ ގެންދަވާ އެއްޗެއްގެ ބަދަލު އެއަށްވުރެ ފުރިހަމައަށް ދެއްވާނެކަން ހަނދާނަށް ގެނެސް ހިތްހަމަޖެހުން ލިބިގަންނަންވާނެއެވެ. އަދި އެކަލާނގެ ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައިކަންވެސް ހަނދާންކުރަންވާނެއެވެ.

2. ދުޢާކުރުން

ކޮންމެ މީހަކުވެސް މަރުވާނެކަމީ ކަށަވަރު ކަމެއްކަން އެނގޭ ފަދައިން، މުއުމިނުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ ދުޢާކަމާއި މެދުވެސް އެއްވެސް ޝައްކެއް ނެތެވެ. މަރުވެފައިވާ ގާތްތިމާގެ މީހުން ދުނިޔޭގައި ހުރިއިރު، އަޅުގަނޑުމެންނަށް ސަލާމަތާއި ރައްކާތެރިކަން މިންވަރުކޮށް ދެއްވުން އެދި ދުޢާ ކުރެތެވެ. އެހެންކަމުން، މިއަދު އެފަރާތްތައް އެދި އެތިބީ އަޅުގަނޑުމެންގެ އިޚްލާސްތެރި ހެޔޮ ދުޢާ އަށެވެ. މާތްﷲ އަށް ދުޢާ ދެންނެވުމުން އެބައިމީހުންނަށް ފައިދާކުރާނެކަން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘް ކުރައްވާފައިވެއެވެ. ނަރަކައާ ކަށްވަޅުގެ އަޒާބުން މިންޖުކޮށް ދެއްވައި އެބައިމީހުންގެ ޙާލަތު ރަނގަޅުކޮށް ދެއްވުން އެދި ގިނަ ގިނައިން ދުޢާކުރުން އެދެވިގެންވެއެވެ. ވަކިން ޚާއްސަކޮށް މައިންބަފައިންނަށް ހެޔޮ ދުޢާ ކުރުމަށް އިރުޝާދު ދެއްވާފައިވެއެވެ. ދަރިންގެ ހެޔޮ ދުޢާގެ ސަބަބުން އެބައިމީހުންގެ ދަރަޖަ އުފުލިގެންދާކަމަށް އައިސްފައިވެއެވެ.

3. ޞަދަޤާތްކުރުން

މިއީ ދިރިތިބީންނަށް، މަރުވެ ގޮސްފައިވާ ލޯބިވާ ފަރާތްތަކަށް ކޮށްދެވޭނެ ހެޔޮ އަނެއް ޢަމަލެވެ. މަރުވެފައިވާ ފަރާތުގެ ނަމުގައި އަޅުގަނޑުމެން ކުރާ ޞަދަޤާތުން އެފަރާތްތަކަށް ފައިދާކުރާނެ ކަމަށް އިސްލާމް ދީނުގައި އަންގަވާފައިވެއެވެ. އެހެންކަމުން އަޅުގަނޑުމެންނަށް ވީވަރަކުން އެފަރާތްތަކުގެ ނަމުގައި ޞަދަޤާތް ކުރުމީ މުހިއްމު ކަމެކެވެ. މިސްކިތެއް، ސްކޫލެއް ޢިމާރާތް ކުރުމުގެ ފަންޑަށް ފައިސާކޮޅެއް ހަދިޔާ ކޮށްލުން ނުވަތަ ފަގީރުންނަށް ކާނެ އެއްޗެއްސާއި އަންނައުނު ދިނުންވެސް ސަދަޤާތުގެ ތެރޭގައި ބެލެވޭނެއެވެ. ޞަދަޤާތަކީ ފައިސާއިން ކޮންމެހެން ދޭ އެއްޗެއް ނޫނެވެ.

4. މަޢާފުކުރުމާއި އެހީތެރިވުން

ދިރިއުޅުމުގެ ހަޔާތުގައި އަޅުގަނޑުމެން އެކަކު އަނެކެއްގެ ކަންތައްތަކާ ހިތްހަމަ ނުޖެހި ދެބަސްވެ ވަރަށް ދެރަކޮށް ބައެއް ފަހަރު ކަންތައް ވެފައިހުރެދާނެއެވެ. މަރުވެ ގޮސްފައިވާ ތިމާގެ މީހާގެ ފަރާތުން ތިބާއަށް ނުހަނު ދަތިތަކާއި ކުރިމަތިވެފައިވެސް ހުރެދާނެއެވެ. އެހެންކަމުން، އެކަންތައްތަކަށް މަޢާފްކޮށް ތިމާގެ ހިތް އޭނާގެ މައްޗަށް ސާފުކޮށްލުމީ ވަރަށް މުހިއްމެކެވެ. އޭރުން ތިބާއަށާއި އޭނާއަށްވެސް އެކަމުން ލުއި ލިބޭނެއެވެ.
އަދި މަރުވެފައިވާ ފަރާތްތަކުގެ ދަރަންޏެއްވާނަމަ، އެއަދާކޮށްދިނުމީވެސް، އެފަރާތަށްޓަކައި އަޅުގަނޑުމެންނަށް ކޮށްދެވޭނެ ހެޔޮ ޢަމަލެކެވެ. ތިބާއަށް ނޭނގި ނަމަވެސް އެފަރާތްތަކުން ދަރަންޏަށް ފައިސާ ނުވަތަ މުދާ ނަގާފައިހުރިތޯ ރަނގަޅަށް ބަލައި އެ ދަރަނިތައް ޚަލާސްކުރުމީ، އެފަރާތުގެ ކަންތައްތައް ރަނގަޅަށް ދިޔުމަށް ވެވޭ ބާރެއްކަމުގައިވުން އެކަށީގެންވެއެވެ.

5. ޢިބްރަތް ލިބިގަތުން

ކުރިންވެސް ފާހަގަކުރި ގޮތަށް ކޮންމެ މަރަކީވެސް އަޅުގަނޑުމެންނަށްވާ ހަނދާން ކޮށްދިނުމެކެވެ. ދުނިޔެއަކީ ދަތުރުގެ މަންޒިލަށް ވާސިލްވުމަށް މަޑުކޮށްލާ ވަގުތީ ތަނެކެވެ. ތާއަބަދު ދެމިތިބޭނެ ތަނެއް ނޫން ކަމެވެ. އަދި ތިބާގެވެސް އަޖަލު ޖެހި މިދުނިޔެއާ ވަކިވެދާނޭ ވަގުތު އަންނާނޭކަމެވެ. މިއީ ކޮންމެ މަރަކުން އަޅުގަނޑުމެންނަށް ވިސްނައިދޭ މެސެޖެވެ.

އެހެންކަމުން ލިބިފައިމިވާ ވަގުތުގެ ބޭނުންހިފައި، ޢިބްރަތް ލިބިގަނެ މާތްﷲ އެންގެވި މަގަށް ރުޖޫޢަވެ ތިމާގެ ދެދުނިޔޭގެ ހަޔާތް ބާއްޖަވެރި ކުރެވޭތޯ އައު ހިތްވަރާއެކު މަސައްކަތް ކުރަންވީއެވެ. ގޯސްކޮށް ކުރެވިފައިވާ ކަންތައްތަކަށް ތަޢުބާވެ އެކަންތައްތަކުން ދުރުވާންވީއެވެ. ދަރަންޏާއި މީހުންގެ ހައްގުތައް އަދާކުރަންވީއެވެ. މާތްﷲ އެންގެވި ގޮތަށް ތިމާގެ ހުރިހާ ޢަމަލުތަކެއް ސީދާ ކުރަންވީއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355