ސިއްހީ ހިދުމަތްތެރިންގެ ލަފަޔާއެއްގޮތަށް މިހާރު އަޅާފައިވަ ފިޔަވާޅުތައް ރައްޔިތުންގެ އެއްބާރުލުމާއެކު ރަނގަޅަށް ތަންފީޒްވަމުން ދާނަމަ މާލެ ސަރަހައްދުގައި އޮތް ފުރަބަންދުގެ މުއްދަތުހަމަވުމުން ލުއިތަކެއް ދިނުމަށް ތައްޔާރުވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
މިރޭ ގައުމާ މުހާތަބު ކުރައްވާ ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މާލެ ސަރަހައްދުން ފުރަބަންދަށް ލުއިދޭއިރު އެކަން ކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށާއި އެގޮތުން ފުރަތަމަކަމަކީ ގެއިން ބޭރަށް ނުކުމެ އުޅުމަށް ލުއިތަކެއް ދިނުމާއި މިހާރަށްވުރެ ފަސޭހަ އިންތިޒާމަކުން އާންމު ވިޔަފާރީތަކަށް ފުރުސަތު ހުޅުވާލުންކަށެވެ.
އެހެން ފިޔަވަހިތަކުގައި މީހުން އެއްވެ އުޅުމަށް ލުއިތަކެއް ދެވިގެންދާނެ ކަމަށާއި އެގޮތުން މިސްކިތްތައް ހުޅުވާލާ، ހޮޓާތަކާއި ކެފޭތައް ހުޅުވާ، ސްކޫލުތަކުގެ ކިޔެވުން ފެށުމަށްވެސް ވަކި އިންތިޒާމްތަކެއްގެ ދަށުން ހުއްދަ ދެވިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ސަރުކާރުގެ އޮފީސްތަކާއި، އަމިއްލަ އޮފީސްތަކުގެ ވަޒީފާއަށް ނުކުތުމަށްވެސް ހާއްސަ އިންތިޒާމެއް ހަމަޖެއްސޭނެ ކަމަށާއި މި ލުއިތައް ދޭނެ ގޮތުގެ ތަފްސީލްތައް ކަމާގުޅޭ ފަންނީ ބޭފުޅުން ހިއްސާ ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
" މާލެ ފުރަބަންދުން ދޫކޮށްލާއިރު ކޮވިޑަށް ޓެސްޓު ކުރުމުގެ ގާބިލްކަން މިހާރަށްވުރެ އިތުރުކޮށް ފަރުވާ ދޭންބޭނުންވާ އެންމެހާ ވަސީލަތްތަކާއި، އާލަތްތައްވެސް އިރާދަކުރެއްވިއްޔާ ހަމަކުރެވޭނެ"
މާލޭގެ އިތުރުން ބަލިނެތް އެހެން ރަށްރަށަށްވެސް ލުއި ދިނުމަށް އޮތީ ވިސްނާފަކަމަށާއި، އެގޮތުން ފުރަތަމަ ކަމަކަށް ކޮވިޑް ފެތުރިފައިނުވާ ރަށްރަށް ވީ އެންމެ އަވަހަށް އާންމު ހާލަތަށްގެނެސް، އާންމު އުސޫލުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރެވޭނެ ހަމަޖައްސާނެ ކަމަށެވެ.
އަދި ވިޔަފާރިތައް ހުޅުވުމުގެ ހުއްދަދީ، އެއަށްފަހު ސްކޫލުތަކާއި އޮފީސްތައްވެސް ހުޅުވުމުގެ ހުއްދަ ދެވިގެން ދާނެކަމަށް ރައީސް ވިދާޅުވި އެވެ.
މި ލުއިތަކާއިއެކު ރާއްޖޭންގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްނުވެ ރަނގަޅަށް ދާނަމަ ޖުލައިމަސް ތެރޭ ރާއްޖޭގެ ބޯޑަރު ހުޅުވާ ފަރުތުރުވެރިކަމަށް ރިސޯޓުތައް ހުޅުވުމުގެ ހުއްދަ ދޭނެކަންވެސް ރައީސް ފާހަގަ ކުރެއްވި އެވެ. އަދި ލުއިތައް ދިނުމަށްފަހު ބަލީގެ ހާލަތު އިތުރަށް ގޯސްވާނަމަ އަނބުރާ ފުރަބަންދަށް ދާންޖެހުމަކީ އެކަށީގެންވާކަމެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.