މިދިޔަ މަހު 15 ގައި މާލެއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދު ވަނީ ލޮކްޑައުންކޮށްފަ އެވެ.
މިހާލަތުގައި މާލެ ސަރަހައްދަށް ލަފާ ފުރުން ވާނި މަނާވެފަ އެވެ. މިހާލަތުގައި މާލެ ސަރަހައްދު އޮއްވާ ކަމާއި ބެހޭ އެއްވެސް ފަރާތެއްގެ ހުއްދަ ނެތި މާލެއިން ފުރައިގެން އދ. އޮމަދޫއަށް ދިޔަ މީހަކު ވަނީ ފުލުން ހައްޔަރުކޮށްފަ އެވެ.
އެކި އެކި ބޭނުންތަކަށް މާލެގޮސް މާލެގައި ތާށިވެފައިވާ އެތައްބަޔަކު ތިބި އިރު އެފަދަ ފަރާތްތަށް ވަނީ ރިޕޯޓްކުރުމަށް ވެސް އަންގާފަ އެވެ. ނަން ނޯޓު ކޮށް، 14 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރުމަށް ފަހު ނޫނީ ރަށް ރަށަށް މީހުން އެރުވުން އެއްކޮށް ވަނީ ހުއްޓާލާފަ އެވެ.
ފުލުހުން ބުނީ، މާލެ ސަރަހައްދު ލޮކްޑައުންގައި އޮއްވައި ސަރުކާރުގެ އެއްވެސް އިދާރާއަކުން ހުއްދަ ހޯދުމެއްނެތި، މާލެ އިން އޮމަދުއަށް ދިޔަ 24 އަހަރުގެ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ބައެއް މީޑިއާތައް ބުނާގޮތުން އެ އަންހެން މީހާ އެ ރަށަށް ގޮސްފައިވަނީ، މިދިޔަ ހުކުރު ދުވަހު އެ ރަށު ކަންނެލީގެ މަސްވެރިކަން ކުރާ ދޯންޏަކުން ކަމަށާއި އެއީ އެ ދޯނި މީހެއްގެ އަނބިމީހާ ކަމަށެވެ. އަދި މާލެ ލޮކްޑައުން ކުރުމުގެ ކުރިން އޭނާ ދިރިއުޅެމުން އައީ ވެސް މާލޭގަ އެވެ. މާލޭގައި އިން އެ ރަށަށް އަންނަން 26 މީހަކު ނަން ނޯޓް ކޮށްފައިވާއިރު އެ ލިސްޓްގައި ވެސް އެ އަންހެން މީހާ ހިމެނެ އެވެ.
މީގެ ކުރިން ވެސް ލޮކްޑައުންއާ ހިލާފްވި ބައެއް މީހުން ވަނީ ހައްޔަރު ކޮށްފައިވެ އެވެ. ނަމަވެސް މާލެ އިން ގަވާއިދާ ހިލާފަށް ބޭރުވުމުން މީހަކު ހައްޔަރު ކުރި މިއީ ފުރަތަމަ ފަހަރެވެ.