twitterviber whatsapp telegramfacebookyoutube instagram
19th March 2024

ޝުކުރުގެ ލިސްޓު: ވިޔަފާރިވެރިންނަށްވެސް ޝުކުރިއްޔާ!

May 27, 2020

ކޮރޯނާ ވައިރަސް ގެ ސަބަބުން މުޅި ދުނިޔެ ހުއްޓިފައިމިވާ ދަނޑިވަޅުގައި، އަތުކުރި އޮޅާލައިގެން ޤައުމީ ޚިދުމަތުގައި ތިބި ޚިދުމަތްތެރީންގެ ނަން އަބަދާ އަބަދު ސޯޝަލް މީޑިޔާގައި ތަކުރާރުކުރެވެމުން އެބަދެއެވެ. ފަރުވާތެރި ޑޮކްޓަރުންގެ ނަމެވެ. ހީވާގި ނަރުހުންގެ ނަމެވެ. ކުޅަދާނަ ސިފައިންނާއި ފުލުހުންގެ ނަމެވެ. ރެޑް ކްރެސެންޓްގައި މަސައްކަތްކުރާ ދަރުމަވެރިންނާއި ޓާސްކްފޯސްގެ މެންބަރުންގެ ނަމެވެ. އަދިވެސް އިތުރު ޚިދުމަތްތެރިންގެ ނަންތަކެވެ.

ރެޔާއި ދުވާލު ޑޮކްޓަރުން އެކުރައްވާ ބުރަ މަސައްކަތް އަޅުގަނޑުމެން ކަހަލަ އާދައިގެ މީހަކަށް ވަޒަން ނުކުރެވިދާނެއެވެ. އަމިއްލަ ގެޔާއި އަނބިން ނުވަތަ ފިރިން އަދި ދަރިން ދޫކޮށް ފާއިތުވެދިޔަ ރަމަޟާންމަހުވެސް އެބޭފުޅުން ތިއްބެވީ ކޮރޯނާއަށް ފައްސިވެފައިވާ ބަލިމީހުންގެ ފުރާނަ ސަލާމަތްކުރުމަށް އެބޭފުޅުންގެ މަސައްކަތުގައި އަވަދިނެތިއެވެ. މީސްމީޑިޔާގައި ދައުރުވާ ފޮޓޯ ތަކާއި ޕޯސްޓްތަކުން ފެންނަގޮތުގައި އެ ހީވާގި ޑްކޮޓަރުންނާއި ނަރުހުންނަށް މި ފާއިތުވެދިޔަ ރަމަޟާންމަހު ރޯދަވީއްލުމަށް މާމޮޅު ކޮއްތެއް ލިބިފައެއްނެތެއެވެ. ބައެއް ޑޮކްޓަރުންގެ ޕޯސްޓުންތަކުން ދެ އެޕޯލޯ ކޭކާއި ޖޫސްޕެކެޓަކުން ރޯދަވީއްލި މަންޒަރުވެސް ފެނިފައިވެއެވެ. އެކަމަކު އަޅުގަނޑުމެން ތިބީ ޑޮކްޓަރުންގެ ބަސްއަހާ ގޭގައެވެ. މީރު ކޮއްތުން ގިނަ މީހުންނަށް ރޯދަވީއްލުމުގެ ފުރުސަތުވެސް ލިބިފައިވާނެ ކަން ކަށަވަރެވެ. ހަމަޔަޤީނުންވެސް މި ބޮޑުތިލަދުންމަތީ ކުޅުދުއްފުށީގައި ގިނަ މީހުންނަށް މިބުނާ މޮޅު ކޮއްތުން ރޯދަ ވީއްލުމުގެ ފުރުސަތުލިބިފައިވާނެކަމާ މެދު ޝައްކެތްވެސް ނެތެވެ. ސުފުރާ މަތީގައި، ރޮށި، ރިހަ، ކޮންމެވެސް ވައްތަރެއްގެ ހެދިކާއެއް، ބޯނެ ފަނި ހުރި ނޫންހެއްޔެވެ؟

ސިފައިންނާއި ފުލުހުންގެ ޚިދުމަތަށް ބަލާލާއިރު، ދާދި ފަހުން އިމާރާތް ކުރެވުނު ކޮވިޑް ވިލެޖަކީވެސް ގިނަ އަދަދެއްގެ ސިފައިން އެކުވެގެން މި ރަމަޟާންމަހު އިމާރާތްކުރި ތަނެކެވެ. ބުރަ މަސައްކަތެކެވެ. ގޭގެއަށް ފެން ޑެލިވަރީ ކުރުމާއި އެހެނިހެން ޚިދުމަތްތަކުގައި ސިފައިންނާއި ފުލުހުންނަކީ ނަމޫނާއެކެވެ. އެހެންނަމަވެސް ކޮރޯނާގެ ބިރުވެރިކަމާއެކު ނިމިގެންމިދިޔަ ރަމަޟާން މަހަކީ އެ ޚިދުމަތްތެރިންނަށްވެސް ތާރީޚި ތަފާތު ރަމަޟާންމަހެކެވެ. ގޭގައި ޅަދަރިންނާއި އާއިލާ ބައިތިއްބާފައި ޤައުމީ ޚިދުމަތުގައެވެ. އަމިއްލަ ދަރިންނަށް ބޭނުންވާ ތަކެތިވެސް ފޯރުކޮށް ނުދެވިއެވެ. އާއިލާ ދޫކޮށް ރައްޔިތުންގެ ޚިދުމަތުގައި އަވަދިނެތި އުޅެމުންދަނިކޮށް މުސްކުޅި މައިންބަފައިންނާއި ތުއްތު ދަރިފުޅާ އެކު މުޅި އާއިލާ ކޮރޯނާއަށް ފައްސިވެގެން ދިޔަ ޚަބަރުވެސް އަޅުގަނޑުމެން އެހީމުއެވެ.

އެކަމަކު އަޅުގަނޑުމެން ތިބީ އަޅުގަނޑުމެންގެ އާއިލާއާއިއެކު ބަސްއަހައިގެން ގޭގައެވެ. އަޅުގަނޑުމެންގެ ޅަދަރިންނަށް ބޭނުންވާ ނެޕީއާއި ކިރާ، ކުޅޭ ސާމާނާ ވާހަކަފޮތާއި އެހެނިހެން ތަކެތިވެސް އަޅުގަނޑުމެންނަށް ލިބުނެވެ.

ރެޑްކްރެސެންޓްގެ ދަރުމަވެރިންނާއި ކޮވިޑް ޓާސްކްފޯސް ގެ ހީވާގި ޙިދުމަތްތެރީންގެ ހާލުވެސް މި ރަމަޟާންމަހު ހުރީ ހަމަ މިދެންނެވުނު ފަދައިންނައެވެ. ދިމާވެދާނެ ކުއްލި ކޮންމެ ޙާލަތަކަށް ވަރަށް ރަނގަޅަށް ތައްޔާރުވެގެންނެވެ. ރަށުގެ ރައްކަލަށްޓަކައި އަތުކުރި އޮޅާލައިގެންނެވެ. ރޯދަ ވިއްލާ ގަޑިއެއް، ހާރުދަމެއް ކިޔާނެ ކަމެއްނެތެވެ. ކޮންމެ ވަގުތަކުވެސް ކުއްލި ހާލަތު އަތުވެދާނެކަމަށް ބަލަބަލާ ތިއްބެވިއެވެ. 24 ގަޑިއިރު ރައްޔިތުންގެ ޚިދުމަތުގައި ފޯރިމަރަމުން ދިޔައިރު ރީތިކޮށް ފެންވަރާ ގައިންތާހިރުވެލަންވެސް ފުރުސަތު ނުލިބި ގޮއްސިއެވެ. އެހެންނަމަވެސް އަޅުގަނޑުމެން ތިބީ މި ދަރުމަވެރީންގެ އާދޭސްތައް އަޑުއަހާ ކިޔަމަންވެ ގޭގައެވެ. މީރުވަސް ދޮވާ ސައިބޯންޏާއި ޝޭމްޕޫ ލައިގެން އިރުއިރުކޮޅާ ފެންވެރުމަށް ސައިބޯންޏާއި އެހެނިހެން ތަކެތިވެސް ދަތިނުވެ ލިބިގެންނެވެ.

ޑޮކްޓަރުންނާއި ނަރުހުން، ލެބް ޓެކްނީޝަނުން ސިފައިންނާއި އެހެނިހެން ދަރުމަވެރީންގެ ނަންތައް ފާހަގަކޮށް ޝުކުރުގެ ލިސްޓުގައި ތަކުރާރުކުރުން ހައްޤެވެ. އެހެންނަމަވެސް ޝުކުރުގެ ލިސްޓުގައި ރަށުގެ ވިޔަފާރީންގެ ނަން ވެސް ހިމަނާލަމާ ހިނގާށެވެ. ބޮޑު ތިލަދުންމަތި ބަނޑަށް ނުޖެހި ކާޑުގެ ބާވަތްތަކުން ފެށިގެން ކުޑަކުދިންގެ ނެޕީއާއި އެހެނިހެން އަސާސީ ތަކެތި ރަށަށް އެތެރެކޮށް އަތޮޅުތެރެއަށް ވެސް އެތަކެތި ލިބޭނެހެން ފޯރުކޮށްދިން ވިޔަފާރިންނަށްވެސް ހަމަ ސާބަހެވެ.

ހަމަޔަޤީނުންވެސް ރަށުގެ ކުދި ބޮޑު ގިނަ ފިހާރަތަކުން މި ރަމަޟާންމަހު ޑެލިވަރީގެ ޚިދުމަތް ހިލޭ ފޯރުކޮށްދިނެވެ. ގިނަ ފިހާރަތަކުން ވިޔަފާރިކުރެވެމުންދިޔައީ ވައިބާރ އަދި ފޯނު ކޯލްމެދުވެރިކޮށެވެ. ވިޔަފާރި ވައިބާރ ގްރޫޕްތަކުގައި މިވެނި އެއްޗެއް އެވެނި އެއްޗެއް ހުރިތޯ އަހާލާކަށް ގަޑިއެއް ގަޑިއެއް ނޯވެއެވެ. ބައެއް ދުވަހު ރޯދަ ވީއްލަން އިންދާވެސް "މި އެވެލަބަލްތަ؟" ލިޔެފައި ހުއްޓާފެނެއެވެ. ކޯދޮންނަ ގަޑިއެއް ހާރުދަމެއް ތަފާތެއް ނެތެވެ. އޯޑަރު ޖަހާލެވެއެވެ. އެއް ރުފިޔާގެ ސްޕާރީއާއި ސިގިރޭޓަށްވެސް އޯޑާރ ޖަހާފައި ހުއްޓާފެނުނެވެ. ވިޔަފާރިވެރިންގެ ޚިދުމަތަށް ޝުކުރުގެ ބަހެއް ނުބުނެވި، ޖަހާލާ އޯޑަރު ލަސްވުމުން ފުސްމޫނާއެކު ނުކުމެ ސޯޝަލްމީޑިޔާގައި އެވާހަކަ ލިޔެއުޅުނު މީހުންވެސް މަދެއް ނޫނެވެ. "އޯޑަރު ދިން އައިސްކްރީމްކޮޅު ގެނައި އިރު ދިޔާވެފައި" މިއީވެސް ފެނިގެންދިޔަ ސްޓޭޓަސްއެކެވެ. އާދައިގެ ކުދި ފިހާރަތަކުގައި މަސައްކަތްކުރަނީ ދެތިން މުވައްޒަފުންކަމާއި، އެއްފަހަރާ އެތައް ބަޔަކަށް ޑެލިވަރީކުރަންޖެހޭ ކަމެއް އަޅުގަނޑުމެން ނުދަތީމެވެ. އަދި ދިމާވެގެން މިއުޅެނީ ކުއްލި ޙާލަތެއްކަމާއި ބޭރުގައި އުޅޭ ކޮންމެ މީހަކު ނުރައްކަލަށް ހުށަހެޅިފައިވާކަން އަހަރުމެންނަކު ހަނދާނެއް ނުކުރީމެވެ.

އަތޮޅުތެރޭގެ ރަށްތަކުގެ ރައްޔިތުންނާއި ރަށުގެ ރައްޔިތުން ބަނޑަށް ޖެހުނަ ނުދިނުމަށް ރަށުގައި މި ޚިދުމަތްތައް ފޯރުކޮށްދިން ވިޔަފާރީންގެ ނަން ވަނީ ޝުކުރުގެ ލިސްޓުން އުނިވެފައެވެ. ޙަޤީގަތަކީ އަޅުގަނޑުމެން ބަނޑަށް ނުޖެހި މިތިބީ އެބޭފުޅުންވެސް ޤުރުބާނީ ތަކެއްވެގެންކަމެވެ. އަޅުގަނޑުމެންގެ ޅަދަރިންނަށް ދޭ ބަކުން ޕެކެޓާއި އެކުދިންގެ ނެޕީއާއި ކިރާއި މިފަދަ އެންމެހާ ތަކެތި ގަނޑުކޮށް ގަތުމުގައި ދަތިތަކެއް ދިމާވި ނަމަވެސް އެންމެނަށްވެސް ލިބޭނެ ފަދަ އިންތިޒާމަކުން އެތަކެތި ފޯރުކޮށްދިނެވެ. ކޮރޯނާގެ ބިރުވެރިކަމާއެކު ފިހާރަތަކުގެ ޚިދުމަތްނުދީ ބަންދު ކުރިނަމަ އަޅުގަނޑުމެންގެ ހާލު ހުރީހީ ކިހިނަކުންބާއެވެ؟ އިހުސާސްނުކުރެވުނީ އެފަދަ ޙާލަތެއް މެދުވެރިނުވީމައެވެ. އަޅުގަނޑުމެން ކަހަލަ އާދައިގެ މީހަކަށް ގޭގައި ކާނެ އެއްޗެއް ނުލިބުނު ނަމަވެސް، ދަރިން ޖަހާނެ ނެޕީ ނުލިބުނު ނަމަވެސް ވިޔަފާރިންގެ ގޭގައި އެ ތަކެތި ހުންނާނެވެ. އެމީހުންނަށް ނުލިބުނީހީ ޖީބަށް ވަންނަ ފައިސާއެކަންޏެވެ. އެ ޚިދުމަތްތައް ފޯރުކޮށްދިނީ ވިޔަފާރިވެރިންގެ އަމިއްލަ އާއިލާތައްވެސް ރިސްކުގެ ތެރެއަށް ދޫކޮށްފައެވެ. އެބުރި ގެއަށް ވަންނައިރު ވައިރަސްއާއެކު ވަދެވޭ ކަމެއް، ޑެލިވަރީ ކުރާ ގެޔަކުން ދޭ ފައިސާގައި ވައިރަސް ނެތްކަމެއްވެސް ނޭނގޭ ހާލުގައެވެ. އާދޭހެވެ. އެއީ އެބޭފުޅުންގެ ވިޔަފާރިއެވެ. ޑޮކްޓަރުންނާއި ނަރުހުންނާއި ފުލުހުންނާއި ސިފައިންނާއި ދަރުމަވެރިންނަށްވެސް މުސާރަ ހިނގައެވެ. ކޮވިޑްއާ ގުޅިގެން ހަމަ ގައިމު ގޭގައި ތިބި މުވައްޒަފުންނަށްވުރެ ރަނގަޅަށް އިތުރު ގަޑި ވެސް ހިނގިއެވެ. އެހެނަސް އެބޭފުޅުން ނެންގެވި ރިސްކަށް އަހަރެމެން ސެލިޔުޓްކުރަމެވެ.

ފާއިތުވެގެން މިދިޔަ ރަމަޟާންމަހު އަޅުގަނޑުމެން ތިބީ ބަސްއަހައިގެން ގޭގައެވެ. މީރު ކޮއްތުން ގިނަ މީހުންނަށް ރޯދަވީއްލުމުގެ ފުރުސަތުވެސް ލިބުނެވެ. އަޅުގަނޑުމެންގެ ކުދި ދަރިން ޖަހާނެ ނެޕީއާއި ކާނެ ބަކުނާއި ކިޔާނެ ވާހަކަފޮތާއި ކުޅޭ ސާމާނުވެސް ލިބުނެވެ. މިހުރިހާ ކަމެއް ފުރިހަމަވީ އެކަމަށް ތަޢުފީޤްދެއްވި އިލާހުގެ ހެޔޮ ރަޙުމަތާއެކު ރަށުގެ ކުދިބޮޑު އެންމެހާ ވިޔަފާރިވެރީންގެވެސް މިންނެތް މަސައްކަތުންނެވެ. ވިޔަފާރިވެރިންނަށް ވެސް ޝުކުރިއްޔާއެވެ

ލިޔުނީ: އައްވާހު ސަލީމް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355