ރާއްޖޭގައި ބާއްވާ ފުރަތަމަ އޮންލައިން ނައިޓް މާކެޓުގައި ބައިވެރިވުމުގެ ފުރުސަތު ސަޕްލައި ޑޮޓް އެމްވީން ހުޅުވާލައިފި އެވެ. ސަޕްލައި ޑޮޓް އެމްވީން ބުނީ ނައިޓް މާކެޓްގެ އިތުރުން ސަޕްލަޔަރުންނާއި ރިސޯޓުތައް ފަދަ ހޯލްސޭލް ވިޔަފާރިތަކަށް ހާއްސަ އޮންލައިން އެކްސްޕޯއެއް ބޭއްވުމަށްވެސް ތައްޔާރުވަމުން އަންނަ ކަމަށެވެ.
ސަޕްލައި ޑޮޓް އެމްވީ އިތުރަށް ބުނީ މިހާރުފެތުރެމުން އަންނަ ބަލި މަޑުކަމުގެ ތެރޭގައި އޮންލައިންކޮށް ހުރިހާ ވިޔަފާރިއެއް ކުރިއަށް ގެންދަން އިސްކަންދީފައިވާ ދަނޑިވަޅޭއްގައި ނައިޓްމާކެޓް އެކްސްޕޯއެއް ވެގެންދާނީ ރާއްޖޭގައި މުޅިން އާ ކަމަކަށް ނަމަވެސް މިއީ ވިޔަފާރީގެ މުސްތަގުބަލު ކަމުގަ އެވެ. އަދި މި އޮންލައިން ޕްލެޓްފޯމަކީ އެންމެގިނަ ސަޕްލަޔަރުންގެ މުދާ އެއްތާކުން ފެންނާނެ ރާއްޖޭގައި އޮތް މިފަދަ ހަމައެކަނި ޕްލެޓްފޯމްކަމަށެވެ.
"ރާއްޖޭގައި މިހާތަނަށް އަދި ނެތް މިފަދަ ބީޓުބީ ޕްލެޓް ފޯމެއް. ވިޔަފާރިތަކާއި ވިޔަފާރިތަށް ގުޅުވާލަދޭ. މުޅިންވެސް މި ހުންނަނީ ވިޔަފާރިތަކާއި ކަސްޓަމަރުން ގުޅުވާލަދޭ ޕްލެޓްފޯމްތަށް. މިސާލަކަށް ބަލަނީ ނަމަ އަޅުގަނޑުމެން ދިވެހިންނަށް އެންމެ ފަރިތަ އަލީބާބާ އާއި އަލީ އެކްސްޕްރެސް. އަޅުގަނޑުމެން މީ އަލީބާބާގެ މޮޑެލް ދެން ރާއްޖޭގައި މިހުރި އެހެން އޮންލައިން ޕްލެޓްފޯމް ތަކަކީ އަލީ އެކްސްޕްރެސް މޮޑެލް" ސަޕްލައި ޑޮޓް އެމްވީގެ ސީއީއޯ ރާއިދް ޝާޒް ވަލީދު ވިދާޅުވިއެވެ.
މިހާތަނަށް 100 އަށް ވުރެން ގިނަ ސަޕްލަޔަރުން މި ޕްލެޓްފޯމާއި ގުޅިއްޖެ ކަމަށާއި ސަތޭކައަށް ވުރެން ގިނަ ބްރޭޑްޑުގެ ތިންހާސް ފަސްސަތޭކައަށްވުރެ ގިނަ ޕްރޮޑަކް މި ޕްލެޓްފޯމްގައި މިހާރު ފީޗަރ ކުރެވިފައިވާ ކަމަށް އެ ފަރާތުން ބުނެ އެވެ.
ކޮވިޑް-19 އާ ގުޅިގެން އިއުލާނުކޮށްފައިވާ ލޮކްޑައުންއަށް ލުއިތަކެއްދޭން ސަރުކާރުން ތައްޔާރުވާ މި ދަނޑިވަޅުގައި އަދި ފަތުރުވެރިކަންވެސް އަލުން ހުޅުވާލުމަށް މަސައްކަތްކުރާ ދަނޑިވަލެއްގައި މިޓީމުން ގެނެސްދޭ އޮންލައިން އެކްސްޕޯގެ ބޭނުން ވިޔަފާރިތަކާއި ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުން ހިފުމަކީ ވަރަށް ބޮޑު އެދުމެއް ކަމާއި މި އެކްސްޕޯގެ ބައިވެރިންނަށް "ވަރޗުއަލް ރިއަލިޓީ ސްޕޭސް" އެއްގައި އެފަރާތްތަކުގެ ސްޓޯލް ހިންގުމުގެ ފުރުސަތު ފަހިކޮށްދޭނެކަމަށެވެ. މިއީ ވީއާރް ބޭނުންކޮށްގެން ރާއްޖޭގައި ބޭއްވޭ އެންމެ ފުރަތަމަ އަދި އެންމެ ފުރިހަމަ އެކްސްޕޯއަށް ހެދުމަކީ އެ ޓީމުގެ އަމާޒު ކަމަށެވެ.
އޮންލައިން ނައިޓް މާކެޓާއި އެކްސްޕޯ ބާއްވާނެ ތާރީހު އެކަމަށްޓަކައި ބާއްވާ ރަސްމިއްޔާތެއްގައި އިއުލާނުކުރެވޭނެ ކަމަށް ސަޕްލައި ޑޮޓް އެމްވީން ބުންޏެވެ.