ކޮވިޑް-19 ގެ ސަބަބުން މި އަހަރު ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ނުލިބުމުގެ ފުރުސަތު ބޮޑު ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.
މިއަދު އެންއީއޯސީގައި މީރާގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން (ސީޖީ) ފަތުހުﷲ ޖަމީލް ވިދާޅުވީ ގުތިސޯދު އަލުން ފަށައިގަނެވޭނެ ތަފާތު ހާލަތްތަކަށް ރިއާއަތްކޮށް އާމްދަނީއަށް އަސަރު ކުރާނެ ފަސް ސެނާރިއޯއެއް މީރާ އިން ބަލާފައިވާނެ ކަމަށެވެ.
އަދި މި އަހަރު އާމްދަނީގެ ގޮތުގައި 17.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ހިމެނިފައިވީ ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް ހުއްޓުމަކަށް ގޮސްފައި ވާތީ، ދައުލަތުގެ އާމްދަނީއަށް އޭގެ އަސަރު ވަރަށް ބޮޑަށް ކުރަމުންދާކަމަށްވެސް ފަތުހުﷲ ވިދާޅުވި އެވެ.
އެގޮތުން މީރާއިން އަންނަނީ އާމްދަނީއަށް އަސަރު ކުރާނެ ފަސް ސެނާރިއޯއެއް ބަލާއި، އެ އަދަދުތައް ފިނޭންސް މިނިސްޓްރީގެ އިތުރުން ރައްޔިތުންގެ މަޖިލީހާ ވެސް ހިއްސާ ކުރަމުންނެވެ.
އާމްދަނީ ލިބޭނެ ކަމަށް ލަފާކުރާ ސެނާރިއޯތައް
• ސެނާރިއޯ 1: 10.29 ބިލިއަން ރުފިޔާ
• ސެނާރިއޯ 2: 9.58 ބިލިއަން ރުފިޔާ
• ސެނާރިއޯ 3: 8.95 ބިލިއަން ރުފިޔާ
• ސެނާރިއޯ 4: 7.67 ބިލިއަން ރުފިޔާ
• ސެނާރިއޯ 5: 6.62 ބިލިއަން ރުފިޔާ
ބަލިމަޑުކަމާ ގުޅިގެން، ޓޫރިޒަމާއެކު ގިނަ ވިޔަފާރިތަކެއް ހުއްޓިފައި ވާއިރު، މިދިއަ ޖެނުއަރީ މަހުން ފެށިގެން މީރާ މެދުވެރިކޮށް ދައުލަތަށް ލިބޭ އާމްދަނީ މަޑުމަޑުން ދަށްވަމުން އަންނަ ކަމަށް ވެސް ފަތުހުﷲ ފާހަގަ ކުރެއްވި އެވެ.
ފަތުހުﷲ ވިދާޅުވި ގޮތުގައި، މިހާރު ރާއްޖޭގައި އޮތް ހާލަތަށް ބަލާއިރު، މިއަހަރުގެ އާމްދަނީ ލިބޭނެ ކަމަށް ލަފާ ކުރެވެނީ ސެނާރިއޯ ތިނެއްގެ ދަށުން 8.95 ބިލިއަން ރުފިޔާ އެވެ.
އެގޮތުން، ޖެނުއަރީ މަހު 1.8 ބިލިއަން ރުފިޔާ ދައުލަތަށް ލިބުނުއިރު، އޭޕްރީލް މަހު އެ އަދަދު 527 މިލިއަން ރުފިޔާއަށް ދަށްވެ، މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް އެ އަދަދު 109 މިލިއަން ރުފިޔާއަށް ވެއްޓިފައިކަމަށް އޭނާ ވިދާޅުވި އެވެ.