twitterviber whatsapp telegramfacebookyoutube instagram
20th April 2024

ރައީސް ދެއްވާ ސްކޮލަޝިޕާއި ހައި އެޗީވާސް ސްކޮލަޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Jun 1, 2020

ރައީސުލްޖުމްހުރިއްޔާ ދެއްވާ ސްކޮލަޝިޕް އާއި ހައި އެޗީވާސް ސްކޮލަޝިޕްއަށް ކުރިމަތިލުމުގެ ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.

ރައީސްގެ ސްކޮލަޝިޕް ލިބެނީ އޭ ލެވެލް އިން ފަސް މާއްދާ އިން އޭ ސްޓާ ހޯދައިގެން މުޅި ރާއްޖެއިން އެއްވަނަ ހޯދާ ނުވަތަ ޝަހާދާ ސާނަވީ އިމްތިހާނުގައި ހުރިހާ މާއްދާއަކުން އޭ ސްޓާ ހާސިލްކޮށްފައިވާ ދަރިވަރުންނަށެވެ. ބޭނުން ތަނަކުން ބޭނުން ދާއިރާއަކުން މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު އެ ސްކޮލަޝިޕް ސްކީމުން ލިބޭނެ އެވެ.

މިނިސްޓްރީން ބުނީ މިދިޔަ އަހަރު މަތީ ސާނަވީ ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން، ދެ ސްކޮލަޝިޕަށް ވެސް ޝަރުތު ހަމަވާ ދަރިވަރުންނަށް ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި ކިޔަވަން ފަށަންޖެހޭނެ ކަމަށެވެ. އަދި ސީދާ ސްކޮލަޝިޕް ހޯދުމަށް ވަކިން ހުށަހަޅާކަށް ނުޖެހޭނެ އެވެ. އޭގެ ބަދަލުގައި ދަރިވަރު ކިޔަވަން ހަމަޖައްސާފައިވާ ޔުނިވާސިޓީ އާއި ކޯހާ ގުޅޭ ފުރިހަމަ މައުލޫމާތު ހުށަހަޅަންޖެހޭނެ އެވެ. އެކަމަށް ވަކި ތާރީހެއް ނެތެވެ.

ނަމަވެސް ހައި އެޗީވާސް ސްކޮލަޝިޕް ދެނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "ނެޝެނަލް ޓްރެއިނިންގް ނީޑްސް ލިސްޓް"ގައި ހިމެނޭ ދާއިރާތަކުން ފުރަތަމަ ޑިގުރީ ފުރިހަމަ ކުރުމަށެވެ. އަދި އެ ސްކޮލަރޝިޕްގެ ދަށުން ކިޔެވުމުގެ ފުރުސަތު ލިބެނީ ރާއްޖެ، ސާކްގެ ގައުމުތައް، މެލޭޝިޔާ، ތައިލެންޑް، ފިލިޕީންސް، ޗައިނާ އަދި

އޯއީސީޑީ ގައުމުތަކުގެ މަތީ ތައުލީމް ފޯރުކޮށްދޭ ތަންތަނުގައި އެކަންޏެވެ.

ހައިއެޗީވާސް ސްކޮލަޝިޕްއަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އޭ ލެވެލް 5 މާއްދާއިން އޭ ފާސް ހޯދައިފައިވުން ނުވަތަ ޝަހާދާ ސާނަވީ އިމްތިހާނުގައި ބައިވެރިވި ހުރިހާ މާއްދާއަކުން އޭ ހާސިލްކޮށްފައިވުން ހިމެނެ އެވެ.

މިނިސްޓްރީން ބުނީ މައި އެޑިއުގެ ޕޯޓަލް، myedu.egov.mv މެދުވެރިކޮށް ކޯސްތަކުގެ މައުލޫމާތު ހިއްސާކުރެވޭނެ ކަމަށެވެ. ސްކޮލަޝިޕްގެ އުސޫލު މިނިސްޓްރީގެ ވެބްސައިޓުން ފެންނާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355