twitterviber whatsapp telegramfacebookyoutube instagram
25th April 2024

ހޭޅީގައި ހުރި ހަމައެކަނި ބޮޑު މަދޮށި ގަސް ކަނޑާލައިފި، ގިނަ ބައެއްގެ ނުރުހުން

- މިއީ މިވަގުތު ރަށުގައި ހުރި ހަމައެކަނި ބޮޑު މަދޮށި ގަސް
- ކަނޑާލާފައިވަނީ ކައުންސިލަށް ނޭނގި
- މިކަމާ ގުޅިގެން ގިނަ ބައެއް ދަނީ ނުރުހުންފާޅުކުރަމުން

އަބްދުލް ވާހިދު ޙަސަން
Jun 4, 2020
12

ކުޅުދުއްފުށީ ފުއްޓަރު ފަރާތު ހޭޅި ފަށުގައި ހުރި ދުވަސްވީ ބޮޑު މަދޮށި ގަހެއް ކަނޑާލި މައްސަލާގައި ގިނަ ބައެއް ނުރުހުންފާޅުކޮށްފި އެވެ. އަމީރު އަމީން ސްކޫލުގެ އުތުރު ސަރަހައްދުގައި ހުރި އެ މަދޮށި ގަހަކީ މިވަގުތު ކުޅުދުއްފުށީގައި ހުރި އެންމެ ބޮޑު މަދޮށި ގަސްކަމަށްވެ އެވެ.

މަދޮށި ގަސް ކަނޑާލާފައިވަނީ މިހުސްވި ރޯދަމަހުގެ ފަހު ދުވަހު ކަމަށް މައުލޫމާތު ލިބެ އެވެ. މަދޮށި ގަހުގެ އިތުރުން އެސަރަހައްދުގައި ހުރި ބޮޑު މިދިލި ގަހެއްވެސް ވަނީ ހަމަ އެދުވަހު ކަނޑާލާފައި އެވެ.

"އެ ގަހުގެ ވެރި މީހާކަމަށް ބުނާ މީހާ އެގަސް ވިއްކާލީ ވިޔަފާރިވެރިޔަކަށް. އެ މީހާ އެގަތީ މިހާރު ބަންނަމުންދާ އޮޑިއަށް ބޭނުންވާ ލަކުޑިއަށްކަމަށްވޭ." އެ ސަރަހައްދުގައި އުޅޭ މީހުން ބުންޏެވެ.

މަދޮށި ގަސް ކަނޑާލުމުން ގިނަ ބައެއް ދަނީ ހިތްހަމަނުޖެހުންފާޅުކުރަމުންނެވެ. އަދި ހޭޅި އާއި އެހާ ކައިރިން ގަސް ކެނޑުމަކީ މަނާކަމެއްކަން ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައި އެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން ކޭއޯއަށް މައުލޫމާތު ދެމުން ބުނީ ހޭޅިގައި ހުރި އެފަދަ ބޮޑެތި ކޮންމެ ގަހެއްވެސް ކެނޑުމަކީ އެ މީހުންގެ ދިރިއުޅުމަށް އޭގެ ސަބަބުން ނުރައްކާވާ ކަމެއް ކަމަށެވެ. އެ މީހުން ބުނީ ރަށްގިރުމާއި އިރުވައި މޫސުމުގައި ވިއްސާ ލޮނުން އެ މީހުންގެ ގޯތި ގެދޮރު ސަލާމަތްކޮށް ރައްކާތެރިކުރުމަށްވެސް ހޭޅީގައި ހުންނަ ބޮޑެތި ގަސް ރުއް މުހިންމު ރޯލެއް އަދާކުރާ ކަމަށެވެ.

"ފުރާޅުގެ ޓިނުތަކާއި އޭސީ އައުޓް ޑޯ، އަދި ގޭގައި ގެންގުޅޭ ތަކެއްޗަށް ވަރަށް ބޮޑަށް ލޮނުގެ އަސަރުކުރޭ. އެފަދަ ބޮޑެތި ގަސްތައް ހުރުމުން ކޮންމެވެސް ވަރެއްގެ ހުރުހަކަށްވޭ. މި ސަރަހައްދުގެ ވަރަށް ގިނަ މީހުން ހުންނާނެ މިތާގައި ގަސް ރުއް އިނދާފައިވެސް އެހެންވެ." އެ ސަރަހައްދުގެ ރައްޔިތަކު ކިޔައިދިނެވެ.

މީގެ އިތުރުން މަދޮށީގެ ބޭނުމަށް ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު އެ ގަހު ކައިރިއަށް ގޮސް މަދޮށި ހޮވާ ކަމަށްވެސް އެ ސަރަހައްދުގައި އުޅޭ މީހުން ބުންޏެވެ. ސްކޫލުތަކުގެ ކުދިންގެ ބޭނުންތަކަށް ވަރަށް ގިނައިން މީހުން އައިސް މަދޮށި ހޮވާއިރު މިހާރު މަދޮށި އަޅާއި އެހާ ބޮޑު ގަހެއް މިވަގުތު ރަށުގައި ނެތް ކަމަށެވެ. އެހެންވުމުން ބޭނުމެއް ޖެހިއްޖެނަމަ މަދޮއްޓެއްވެސް ދެން ޖެހޭނީ ކައިރި ރަށަކުން ގަންނަ ކަމަށް އެ މީހުން ބުންޏެވެ.

އެ ސަހަރަހައްދުގައި ދިރިއުޅޭ، އުމުރުން 70 އަހަރުގެ ހުދަންބަރުގޭ، ދާއޫދުބޭގެ ހިސާބުތަކުން ބަލާނަމަ އެ ގަހަށް މިހާރު 35 ނުވަތަ 40 އަހަކަށް އަހަރުވެދާނެ ކަމަށެވެ. ދާއޫދުބޭ ބުނީ ވަލުގައި ނުވަތަ ހޭޅިގައި ހެދޭ ބައެއް ގަސްތަކަކީ އޭގެ ޒާތުގައި އަމިއްލައަށް ހެދިފައި ހުންނަ ގަހެވެ. އެކަމަކު އަމިއްލައަށް ހެދޭ ގަސް ވަކި ވަރަކަށް ބޮޑުވުމުން މީހުން ގޮސް އެ ގަހަކަށް ހިމާޔާތްދީ ގަހުގެ ވެރިކަން ނަގަނީ އެވެ.

ބައެއް ގަސްތަކަކީ މީހުން އިނދައިގެން އެއަށް އަޅާލައިގެން ބެލި ގަސްތަކެވެ. އަދި އެ ސަރަހައްދުގައި ހުރި ރުކަކީ މީހުން އިނދާފައި ހުރި ރުއްކަން ދާއޫދުބެ ފާހަގަކުރެއްވި އެވެ.

މިކަމާ ގުޅިގެން ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ކޭއޯއަށް ވިދާޅުވީ، އެ ސަރަހައްދުން މަދޮށި ގަހަކާއި ބޮޑު މިދިލި ގަހެއް ކަނޑާލިކަމުގެ ޝަކުވާ ކައުންސިލަށް އަމިއްލަ ފަރާތްތަކުންކޮށްފައިވާ ކަމަށެވެ. އެކަމުގައި އަމަލުކުރަން ޖެހޭ ގޮތެއް ބަލައި ފިޔަވަޅު އަޅާނެ ކަމަށް ލަތީފް ވިދާޅުވި އެވެ.

"ގަސް ކެނޑިއިރު ކައުންސިލަށް އެނގިފައެއް ނެތް. ބައެއް މީހުން ގަބޫލެއްނުކުރޭ އަމިއްލަ އެއްޗެއް ވިއްޔާ ހުއްދަ ހޯދަން ޖެހޭނެ ކަމަކަށެއް އެހާ ހޭޅިފަށުގައި ހުރިކަމަށްވިޔަސް. މިއުޅެނީ މީހެއްގެ އެއްޗެއް ބޭނުންކުރާއިރުވެސް ހުއްދަ ހޯދަން ޖެހޭނެ ކަމަށް ގަބޫލުނުކުރެވިގެން ގިނަ މީހުންނަށް. ތިމާ އަމިއްލަ ނޫން އެހެން ތަނެއްގައި އެއްޗެހި ބަހައްޓަންޔާވެސް ހުއްދަ ހޯދަން ޖެހޭނެކަމަކަށް މީހުން ގަބޫލެއް ނުކުރޭ." ލަތީފް ވިދާޅުވި އެވެ.

ހޭޅި ސަރަހައްދުގައި ހުންނަ އަމިއްލަ މީހުންގެ ރުއްގަސް ކެނޑުމަކީ މަނާކަމެއްކަން ފާހަގަކުރައްވަމުން ލަތީފް ވިދާޅުވީ އެކަން ހިނގާދިޔަ ގޮތް ބަލާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355