twitterviber whatsapp telegramfacebookyoutube instagram
19th April 2024

ގާނޫނީ ކޮލަމް: ބިދޭސީންގެ ޙައްޤުތައް - ވަޒީފާދޭ ފަރާތުގެ ޒިންމާ!

Jun 4, 2020

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން، ރާއްޖޭގެ އުމްރާނީ ތަރައްޤީއާއި އިޤްތިޞާދީ ކުރިއެރުމުގައި އިސް ދައުރެއް އަދާކުރާ، ބިދޭސީ މަސައްކަތްތެރިން ދަނީ އަސާސީ ގިނަ ޙައްޤުތަކަކުން މަހްރޫމްވަމުންނެވެ. އަދި އެފަރާތްތަކުގެ އަސާސީ ޙައްޤުތައް ކަށަވަރުކުރުމުގެ އިސް ޒިންމާ އެޅިފައިވަނީ، އެ މަސައްކަތްތެރިން ރާއްޖެ ގެނައުމާ ހަވާލުވެ ތިބި އޭޖެންސީތަކުގެ، ނުވަތަ ވަޒީފާދިން ފަރާތްތަކުގެ، ނުވަތަ މިހާރު އެ މަސައްކަތްތެރިންނަށް ވަޒީފާ ދީފައިވާ ފަރާތްތަކުގެ ކޮނޑުގައެވެ.

ބިދޭސީންނަށް ވަޒީފާދޭ ފަރާތްތަކުގެ ޒިންމާތަކަކީ ކޮބައިކަމާއި، އެފަރާތުގެ ބެލުމުގެ ދަށުގައިވާ ބިދޭސީ މަސައްކަތްތެރިއަކު ފިލައިފިނަމަ ކަންތައްކުރަންވީ ގޮތަކީ ކޮބައިކަމާއި، އަދި ޤާނޫނާއި ގަވައިދާ ޚިލާފުވެއްޖެނަމަ އެޅޭނެ ފިޔަވަޅުތަކަށް ބަލައިލަމާތޯއެވެ.

ވަޒީފާދޭ ފަރާތުގެ ޒިންމާ

ބިދޭސީއަކު މަސައްކަތްކުރުމަށް ރާއްޖެ ގެނައުމުން ވަޒީފާދޭ ފަރާތުގެ ނުވަތަ އެމްޕްލޯއިމަންޓް އޭޖެންސީގެ މަސައްކަތްތައް ނިމުމުން، ޒިންމާތައް އަދާކުރެވުނީއެއް ނޫނެވެ. ބިދޭސީން ރާއްޖެ އައުމަށްފަހުގައިވެސް އެފަރާތްތަކަށް ލިބިދޭންޖެހޭ ހުރިހާ ޙައްޤުތަކެއް ފޯރުކޮށްދިނުމަކީ ވަޒީފާދިން ފަރާތުގެ ޒިންމާއެކެވެ. އެގޮތުން، ބިދޭސީން ރާއްޖެ އެތެރެވުމުން އެބިދޭސީއަކާ ހަވާލުވުމާއި، އެފަރާތުގެ އަސާސީ ޙައްޤުތައް ކަމުގައިވާ ބޯހިޔާވަހިކަން އަދި ކެއިންބުއިމުގެ އިންތިޒާމް ހަމަޖެހިފައިވޭތޯ ކަށަވަރުކުރުމަކީވެސް، އެ މީހާއަށް ވަޒީފާދޭ ފަރާތުގެ ނުވަތަ އެ ބިދޭސީއަކު ރާއްޖެ ގެނައުމަށް މެދުވެރިވާ އެމްޕްލޯއިމަންޓް އޭޖެންސީގެ ޒިންމާއެކެވެ.

މީގެއިތުރުން، ވާރކްޕާރމިޓާއި ވާރކްވީސާއާއި ގުޅިގެން ސަރުކާރަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއްދެއްކުމާއި، ވާރކްޕާރމިޓުގެ މުއްދަތު ހަމަވެގެން ފޮނުވާލުމުގައި ނުވަތަ މުއްދަތު ހަމަނުވިނަމަވެސް، އެއްވެސް ސަބަބަކާއިހުރެ އެމީހަކު ރާއްޖެއިން ފޮނުވާލަން ސަރުކާރުން ކަނޑައަޅައިފިނަމަ، އެމީހަކު ފޮނުވާލުމަށްޓަކައި ކުރަންޖެހޭ ހުރިހާ ޚަރަދެއް ކުރުމަކީވެސް ވަޒީފާދިން ފަރާތުގެ ޒިންމާއެކެވެ. ހަމައެހެންމެ، ބިދޭސީ މަސައްކަތްތެރީން ރަޖިސްޓްރީ ކުރުމަށް އޮންނަ ދަފްތަރުގައި ރަޖިސްޓްރީ ކުރުމަކީވެސް އެފަރާތުން ކުރަންޖެހޭނެ ކަމެކެވެ.

ހަމަމިއާއެކު، ވަޒީފާދޭ ފަރާތުން އެފަރާތްތަކުގެ ހަވާލުގައިވާ ބިދޭސީ މަސައްކަތްތެރިންނާއި މުޢާމަލާތްކޮށް އެފަރާތްތަކުގެ ޙައްޤުތައް ދެމެހެއްޓުމަށްޓަކައި، އެ މަސައްކަތްތެރީންނާއިއެކު ވެވިފައިވާ އެއްބަސްވުމާއި އެއްގޮތްވާގޮތުގެމަތިން، އެފަރާތްތަކުން ކުރާ މަސައްކަތައް ފޯރުކޮށްދޭންޖެހޭ އުޖޫރަ ދިނުމަކީ ވަޒީފާދިން ފަރާތުގެ މައްޗަށް ލާޒިމްކަމެކެވެ.

ބެލުމުގެ ދަށުގައި ހުރި ބިދޭސީއެއް ފިލުން

ވާރކްޕާރމިޓް ލިބިގެން ރާއްޖޭގައި ވަޒީފާއަދާކުރުމަށް ގެނެވިފައިވާ ބިދޭސީއެއް ފިލައިނަމަ ނުވަތަ ގެއްލިއްޖެނަމަ، އެބިދޭސީއެއް ގެއްލުނުކަން އިމިގްރޭޝަނަށް އަންގަންވާނެއެވެ. އަދި މިގޮތަށް ހުށަހަޅާއިރު، ބިދޭސީ މީހާގެ ޕާސްޕޯޓް ވަޒީފާދިން ފަރާތުގެ ހަވާލުގައި އޮތްނަމަ، އެބިދޭސީ މީހާގެ ޕާސްޕޯޓް ހުށަހަޅަންވާނެއެވެ. ކަމާބެހޭ މުސްތަޤިއްލު އިދާރާތަކުން މައްސަލަ ތަޙުޤީޤުކޮށް، މައްސަލަ ނިމޭގޮތުގެ މައްޗަށް ބަލައި، އެމީހަކަށް ދީފައިވާ ވާރކްވިސާ ކެންސަލްކުރުމުގެ އިޚްތިޔާރު މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލަށް ލިބިގެންވެއެވެ.

ޤާނޫނީ ކުށާއި ފިޔަވަޅު

ކޯޓާ ހޯދައިގެން ބިދޭސީން އެތެރެކުރަންޖެހޭ މަސައްކަތްތަކުގައި، ކޯޓާގެ އިތުރަށް ނުވަތަ ކޯޓާ ނުހޯދައި، ވަޒީފާގައި ގެންގުޅުމަކީ މަނާކަމެކެވެ. އަދި އެހެން ފަރާތެއްގެ ވަޒީފާއަކަށް ނުވަތަ މަސައްކަތަށް ވީއްލުމަކީ ނުވަތަ ފޮނުވުމަކީވެސް މަނާކަމެކެވެ. ރާއްޖެ އެތެރެވުމުގެ ހުއްދަނެތް ބިދޭސީއަކު ނުވަތަ މަސައްކަތްކުރުމުގެ ހުއްދަނެތް ބިދޭސީއަކު ލައްވާ ރާއްޖޭގައި އެއްވެސް މަސައްކަތެއް ކުރުވައިފިނަމަ، ނުވަތަ ބިދޭސީ މުވައްޒަފަކު ފިލުމުން ނުވަތަ ގެއްލުމުން ޢަމަލުކުރަންޖެހޭގޮތާއި ޚިލާފަށް ޢަމަލުކުރުމަކީވެސް މަނާކަމެކެވެ.

ޤާނޫނާ ގަވައިދާ ޚިލާފަށް ޢަމަލުކުރާ ފަރާތްތައް ޖޫރިމަނާކުރުމާއިއެކު، ވަޒީފާގައި ގަވައިދާ ޚިލާފަށް ގެންގުޅޭ ބިދޭސީމީހާ، ވަޒީފާދިން ފަރާތުގެ ޚަރަދުގައި ފޮނުވާލުމަށް އެންގުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. ނުވަތަ ގަވައިދާ ޚިލާފަށް ކޮށްފައިވާ ޢަމަލު އިސްލާހުކޮށް، ޖޫރިމަނާ ދެއްކުމާއިހަމައަށް މި ގަވައިދުގެ ދަށުންދޭ ޚިދުމަތްތައް މެދުކަނޑާލުމުގެ ބާރު، ނުވަތަ ގަވައިދާ ޚިލާފަށް ޢަމަލުކުރި ފަރާތުގެ ވަޒީފާއަށް، 1 އަހަރާއި 3 އަހަރާއި ދެމެދުގެ މުއްދަތަށް ބިދޭސީން ގެނައުމުގެ ހުއްދަނުދޭގޮތަށް ހަމަޖެއްސުމުގެ ބާރުވެސް މިނިސްޓްރީއަށް ލިބިގެންވެއެވެ.

ނިންމުން

ރާއްޖޭގައި މަސައްކަތްކުރުމަށް ޤާނޫނާ ގަވައިދާ އެއްގޮތްވާގޮތުގެމަތިން އަންނަ ފަރާތްތައް ގަވައިދާ ޚިލާފަށް މަސައްކަތްކުރާ ބަޔަކަށް ވިޔަ ނުދިނުމަށްޓަކައި، ޤާނޫނު އަސާސީއާއި ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ބިދޭސީ މަސައްކަތްތެރިންނަށް ލިބިދޭންޖެހޭ ޙައްޤުތައް، އެމީހެއްގެ ނަސްލަށް އަދި ޤައުމިއްޔަތަށް ބެލުމެއްނެތި، ތަފާތުކުރުމެއްނެތި، ބިދޭސީންނާ ހަވާލުވެ ތިބޭ ފަރާތްތަކުން ފޯރުކޮށްދޭންވާނެއެވެ.

އާޓިކަލް ލިޔުނީ: އަލްއުސްތާޛާ ޞަބްރިޔަތު ޙުސައިން

އަލްއުސްތާޛާ ޞަބްރިޔަތު ޙުސައިންއަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355