ކުޅުދުއްފުށީ ބަނޑާރަ މައިދާނުގައި ބަހައްޓާފައި ހުރި ކޮތަރުކޮށި އެންމެ ފަހުން ނަގައިފި އެވެ. ގާތްގަނޑަށް 8 ފޫޓް ހުންނަވަރުގެ އެ ކޮށި އެތަނުގައި ހުންނަތާ މިހާރު ތިންމަހަށްވުރެ ގިނަ ދުވަސްވަނީވެފައި އެވެ.
އެޅި ގަލުގެ މައްޗަށް ދަގަނޑާއި ނަރުދާ ބޭނުންކޮށްގެން ހަދައި ބަހައްޓާފައި ހުރި އެކޮށީގައި ބައިތިއްބާފައި ތިބީ ކޮތަރެވެ. އެކަމަކު އެކަން ކޮށްފައިވަނީ ކޮން ބައެއްކަމެއް ނޭނގެ އެވެ.
ކައުންސިލުން ބުނީ ބަންޑާރަ މައިދާނުގައި ބަހައްޓާފައި ހުރި ކޮތަރު ކޮއްޓަކީ ހުއްދަ ނުނަގަ ބަހައްޓާފައި ހުރި ކޮއްޓަކަށްވާތީ އެކޮށި ނަގަން އަންގާފައިވާ ކަމަށެވެ.
"ކޮން ބައެއް ބެހެއްޓި ކޮއްޓެއްކަމެއް ނޭނގިގެން ކައުންސިލުން ކުރި މަސައްކަތުން އެކަން ކުރި ބައެއް ވަނީ ހޯދިފަ، އެހެންވެ އިއްޔެ ވާނީ އަނގަބަލުން އަންގާފަ ކޮށިކޮށި ނަގަން." ކައުންސިލަރެއް ވިދާޅުވި އެވެ.
ކޮށި މިއަދު މެންދުރު ނަގާފައިވާއިރު އެކޮށި އެތަނުގައި ބެހެއްޓީ ރަށުގައި އެމްޑީޕީގައި އިސްކޮށް އުޅޭ ފަރާތްތަކެއްކަން ވަނީ އެނގިފައި އެވެ. އެކޮށި އެތަނުގައި ހުރުމުގެ ސަބަބުން ބައެއް ފަރާތްތަކުން ކައުންސިލަށް ވަނީ ފާޑުކިޔާފައި އެވެ.