twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކޭއާރުއެޗު ތަރައްގީކުރުމަށް 30 މިލިއަން ރުފިޔާގެ މަޝްރޫއުއެއް ފަށައިފި

Jun 10, 2020

ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި 30 އެނދުގެ ވާރޑް އިމާރާތެއް އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ވާރޑް އިމާރާތުގެ އިތުރުން އޯޕީޑީ ސަރަހައްދު މަރާމާތު ކުރުމާއި، ހޮސްޕިޓަލުގެ މައި އިމާރާތާއި އޮފީސް އިމާރާތާއި އުފަން ހިޔާ އިމާރާތް ވޯކްވޭއަކުން ގުޅުވާލުމުގެ އިތުރުން ލެބޯޓްރީ އަޕްގުރޭޑް ކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރެއިން ކުރިއަށްދާނެކަމަށް ކޭއާރުއެޗުން މައުލޫމާތުދެ އެވެ.

30 މިލިއަނަށްވުރެ ބޮޑު ހޭދައެއްކޮށްގެން މި މަޝްރޫއު ހިންގުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ)އާ އެވެ. މި މަަޝްރޫއުގެ މުއްދަތަކީ މޮބިލައިޒޭޝަން ތާރީހުން ފެށިގެން ހަ މަސް ދުވަހެވެ.

ކޭއާރުއެޗުގެ މެނޭޖަރ ހެލްތް ސާވިސަސް އަހުމަދު ދާއޫދު (ޑޭވިޑް) ވިދާޅުވީ ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަމަށް މި ޕްރޮޖެކްޓްގެ ސަބަބުން ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށާ މިއީ މި ދަނޑިވަޅަށް ވަރަށް މުހިއްމު މަސައްކަތެއް ކަމަށެވެ.

ޑޭވިޑް ވިދާޅުވީ، 100 އެނދުގެ އާ ޓާޝިއަރީ ހޮސްޕިޓަލު ޕްރޮޖެކްޓް ކުރިއަށް އޮތުމާއެކު ވެސް، މި ވަގުތު ހޮސްޕިޓަލުން ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ފޯރުކޮށްދީ، ޒަމާނާ ގުޅޭ ބައެއް ކަހަލަ ބަދަލުތައް ގެނެސް ހޮސްޕިޓަލުން ޚިދުމަތް ހޯދާ ފަރާތްތަކަށް މިއީ ހިތްހަމަޖެހުން ލިބިގެންދާނެ ޕްރޮޖެކްޓެއް ކަމަށެވެ.

"މިފަދަ ޚައްސާސީ ވަގުތެއްގައި ވެސް މި ޕްރޮޖެކްޓް ފެށިގެން ދިއުމަކީ ނުހަނު އުފާ ކުރާ ކަމެއް. އުއްމީދަކީ އަވަސް މުސްތަޤްބަލެއްގައި އާ ހޮސްޕިޓަލުގެ އިމާރާތް ނިންމާ އެ ޓާޝިއަރީ ހޮސްޕިޓަލުގެ ހުވަފެން ހަޤީޤަތަކަށް ވުން" މެނޭޖަރ ހެލްތު ސަރވިސަސް އަހްމަދު ދާއޫދު

ލޮކްޑައުންއާ ގުޅިގެން ކޭއާރުއެޗުގެ ޖާގައިގެ މައްސަލައަށް ވަނީ އިތުރަށް ބާރުބޮޑުވެގެންގޮސްފަ އެވެ. މި ހޮސްޕިޓަލަކީ އަތޮޅުތެރޭގެ އެންމެ ގިނަ ރައްޔިތުން ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355