ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހެއްގެ މައްޗަށް އެ ކުށަށް ތުހުމަތުކުރެވޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައި ވީ ނަމަވެސް، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށަކީ ބޮޑު ކުށަކަށް ނުވާތީ، އޭނާ އިތުރަށް ބަންދުގައި ބެހެއްޓެން ނެތް ކަމަށް ކަނޑައަޅައި، އޭނާ ބަންދުން ދޫކޮށްލަން ޖެހިއްޖެ އެވެ.
މިދިޔަ މޭ 28 ވަނަ ދުވަހު ކުޑަކުއްޖަކާއި މެދު ޖިންސީ އަމަލެއް ހިންގުމުގެ ތުހުމަތުގައި ހައްޔަރު ކުރި އެ މީހާ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހީ ޖެހިގެން އައި ދުވަހު އެވެ. އޭނާ ބަންދުކުރުމަަށް ފުލުހުންގެ ފަރާތުން އެދިފައި ވަނީ އާންމު އިޖުރާއަތުގެ ގާނޫނުގެ ދަށުންނެވެ. އޭގެ ފަހުން މި މަހުގެ 12 ވަނަ ދުވަހު އާންމު އިޖުރާއަތުގެ ގާނޫނުގެ ދަށުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް ފުލުހުންގެ ފަރާތުން އެދިފައި ވީނަމަވެސް، ކްރިމިނަލް ކޯޓުން އޭނާ ބަންދަށް ދީފައި ވަނީ 10 ދުވަހެވެ. ދެވަނަ ފަހަރު ވެސް އޭނާ ބަންދުކުރުމަަށް އެދިފައި ވަނީ އާންމު އިޖުރާއަތުގެ ގާނޫނުގެ ދަށުންނެވެ.
ހައިކޯޓުން މިފަހުން ކަނޑައަޅާފައިވާ ގޮތުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ބޮޑެތި ކުށްތައް ފިޔަވައި އެހެން ކުށްތަކުގެ ތުހުމަތަށް ހައްޔަރު ކުރާ މީހުން، 15 ދުވަހަށްވުރެ އިތުރަށް ބަންދު ކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫންނެވެ. ޖިންސީ ކުށްތައް ބޮޑެތި ކުށްތަކުގެ ތެރޭގައި ނުހިމެނެ އެވެ.
އޭނާ ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން މިއަދު ކޮށްފައިވާ އަމުރުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ވެސް ލިބިފައިވާ ކަމަށެވެ. ނަމަވެސް ކުށަކީ ބޮޑު ކުށަކަށް ނުވާތީ ބަންދުގައި އިތުރަށް ބެހެއްޓެން ނެތް ކަމަށާއި އޭނާގެ މައްޗަށް ކިތަންމެ ސީރިއަސް ތުހުމަތުތަކެއް ކުރެވުނު ނަމަވެސް ބަންދު އިތުރުކޮށް ދެވެން ނެތްކަން ހައިކޯޓުގެ އަމުރުގައި ބުންޏެވެ.
ތުހުމަތުކުރެވެނީ ކިތަންމެ ސީރިއަސް ތުހުމަތުތަކެއްގައި ކަމުގައި ވިޔަސް ޖިނާއީ ބޮޑެތި ކުށް ނޫން އެހެނިހެން ކުށްތަކަށް ތުހުމަތުކުރެވޭ މީހުން ބަންދުގައި ބެހެއްޓޭނެ އެންމެ ދިގު މުއްދަތަކީ 15 ދުވަސް ކަމަށް ރާއްޖޭގެ ހައިކޯޓުގެ ގަޒިއްޔާއަކުން މި ފަހުން ވަނީ ކަނޑައަޅާފަ އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ތުހުމަތުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އެގާނޫނުގައި ހާއްސަ އިޖުރާއަތުތަކެއް ކަނޑައަޅާފައިވެ އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ހާއްސަ އުސޫލުތަކަކަށް އަމުރު ކުރުމުގެ ގާނޫނުގައި ބުނާ އިޖުރާތްތައް ފުރިހަމަ ކުރުމަށް ފަހުގައި އޭނާގެ ބަންދު މުރާޖާ ކޮށްދިނުމަށް އަދިވެސް ޕީޖީ އާއި ފުލުހުންނަށް އެދެވޭނެ ކަމަށް ވެސް އަމުރުގައިވެ އެވެ.
ނަމަވެސް އެ ގާނޫނުގެ 30 ވަނަ މާއްދާގައި ވާ އިޖުރާއަތުތަކާ އެއްގޮތަށް އޭނާ ބަންދުގައި ބަހައްޓައިދިނުމަށް އެދި ފުލުހުންގެ ފަރާތުން ވެސް އަދި ޕީޖީ އޮފީހުން ވެސް ހުށަހަޅާފައި ނުވާކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައިވެ އެވެ.