ކޮވިޑް-19 ގެ ސަބަބުން ބަންދުކޮށްފައިވާ ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލާއިރު، އެއާލައިންތަކާއި އެއާޕޯޓުން އަމަލު ކުރަންޖެހޭ އުސޫލުތައް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްއޭސީއެ) އިން އާންމުކޮށްފި އެވެ.
އެމްސީއޭއޭއިން އާންމުކޮށްފައިވާ މި އުސޫލަކީ އަންނަ މަހު 15 ގައި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާއިރު ރާއްޖޭގެ އެއާޕޯޓްތައް ހިންގާނެ ގޮތާއި، އެއާޕޯޓްތަކަށް އޮޕަރޭޓްކުރާނެ އެއާލައިންތަކުން އަމަލު ކުރަންވާގޮތުގެ ތަފްސީލް ހިމެނޭ އުސޫލެކެވެ. މިއުސޫލުގައި ރާއްޖެއަށް ފަތުރުވެރިން އަންނައިރު އަދި ފުރާއިރު ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ވަނީ ބަޔާންކޮށްފައެވެ.
އުސޫލުގައި ވާގޮތުން ފަތުރުވެރިޔާ ރާއްޖެ އައިސް ހޭދަކުރާ މުއްދަތުގައި ހުންނާނެ ތަނުގެ މައުލޫމާތު ފޯރުކޮށްދޭން ޖެހެއެވެ. އަދި އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށާއި 24 ގަޑިއިރު ހަމަނުވާ އޮންލައިން ހެލްތް ޑިކްލެރޭޝަން ފޯމެއް ކޮންމެ ފަތުރުވެރިއަކު ވެސް ރާއްޖެ އައުމުގެ ކުރިން ފުރަން ޖެހޭ ކަމަށް އުސޫލުގައި ވަނީ ފާހަގަކޮށްފައެވެ.
އެއާލައިން ތަކުން އަމަލު ކުރަންޖެހޭ އުސޫލުތަކުގެ ތެރޭގައި ފްލައިޓް ތެރޭގައި ސޭފްޓީ ގައިޑްލައިންތައް ފަސިންޖަރުންނަށް ކިޔައިދޭއިރު، ބަލީގެ އަލާމާތްތައް ހަނދުމަ ކޮށްދިނުން ހިމެނެއެވެ. އަދި ފްލައިޓް ރާއްޖެ ޖެއްސުމަށްފަހު މީގެން އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަކަށް އިމިގްރޭޝަންގެ އިންފޮމޭޝަން ކައުންޓަރަކަށް ރިޕޯޓު ކުރަން އިރުޝާދު ދީފައިވެއެވެ. އަދި ރާއްޖޭގައި ހުއްޓާ ބަލީގެ އަލާމާތެއް ފެނިއްޖެނަމަ އެޗްޕީއޭ އަށް އެންގުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ފަސިންޖަރުން ވެސް ފްލައިޓް ތެރޭގައި ތިބެން ޖެހޭނީ މާސްކު އަޅައިގެންނެވެ. ނަމަވެސް، އުމުރުން 6 އަހަރުން ދަށުގެ ކުޑަކުދިންނާއި، ސިއްހީ ހާލަތާއި ގުޅިގެން މާސްކް ނޭޅޭ ފަރާތްތަކާއި، ކެއިން ބުއިމާއި ބޭހެއް ކާންޖެހިއްގެ ހާލަތުގަ އާއި، ބޯޓުގެ ކްރޫގެ ހުއްދަ ނަގާ ފަރާތްތައް އިސްތިސްނާވާ ކަމަށް އުސޫލުގައި ވެއެވެ.
އަނބުރާ ގައުމަށް ފުރާއިރު އަމަލު ކުރަންޖެހޭ އުސޫލުތަކުގެ ތެރޭގައި، ހުރިހާ ފަސިންޖަރުން ވެސް ޗެކްއިން ކައުންޓަރަށް ދާއިރު ކޯވިޑް-19ގެ ޓެސްޓްގެ ނަތީޖާ ދައްކުވައިދޭ މައުލޫމާތެއް އޮންނަން ޖެހެއެވެ.
އަދި ފުރާއިރު ވެސް 24 ގަޑިއިރު ހަމަނުވާ އޮންލައިން ޑިކްލެރޭޝަން ފޯމެއް ފުރަންޖެހޭ ކަމަށާއި ރާއްޖޭގެ އުޅެނިކޮށް ބަލީގެ އަލާމާތެއް ފެނިއްޖެނަމަ، ވީހާވެސް އަވަހަށް އެޗްޕީއޭއަށް ރިޕޯޓުކޮށް، ފުރަން ހަމަޖެހިފައިވާ ތާރީހު ބަދަލު ކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
ބޯޑަރު އަލުން ހުޅުވާލާއިރު މޯލްޑިވިސް ސިވިލް އޭވިއޭޝަނުން ނެރެފައިވާ މި އުސޫލަށް ހުރިހާ އިންޓަރނޭޝަނަލް ފްލައިޓްތަކުންނާއި ފަތުރުވެރިން ދަތުރުކުރާ ޑޮމެސްޓިކް ފްލައިޓްތަކުން ވެސް އަމަލުކުރަން ޖެހެއެވެ.