twitterviber whatsapp telegramfacebookyoutube instagram
29th March 2024

ރޭޕްގެ މައްސަލަ ބަލަމުންދާ ފުލުހުން ކޮމިޓީއަށް ހާޒިރުކޮށް، ވިކްޓިމްގެ ބަސް ހޯދަނީ

ޚަދީޖާ އާދަމް
Jun 29, 2020
1

ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލާގައި އަނިޔާ ލިބުނު އަންހެން މީހާގެ ބަހެއް ހޯދުމަށާއި މައްސަލަ ބަލަމުންދާ ފުލުސް އޮފިސަރުން ހާޒިރުކޮށް މައުލޫމާތު ހޯދަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ސީންއަށް އެޓެންޑްވި ފުލުސް އޮފިސަރުންނާއި ވިކްޓިމްގެ ބަހެއް ހޯދުމަށް މެންބަރުން ވަނީ ތާއީދުކޮށްފައެވެ.

ކޮމިޓގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ ފަސް ކަމެއް ކޮމިޓީން ކުރުމަށް ހުށަހެޅުއްވާފައެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުމްތާޒު މުހައްމަދެވެ. ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ހުށަހެޅުއްވުންތައް ވަނީ ފާސްކޮށްފައެވެ.

އެގޮތުން ފުރަތަމަ ހުށަހެޅުމަކީ މާދަމާގެ ވަގުތެއްގައި ފުލުހުންނާ އެކު ދެ ބައްދަލުވުމެއް ތާވަލުކުރުމަށެވެ. ފުރަތަމަ ބައްދަލުވުމުގައި މައްސަލަ ހިންގި ތަނަށް އެޓެންޑްވި ފުލުހުން ހާޒިރުކުރުމަށް ވަނީ ހުށައަޅާފައެވެ. އަދި ވަނަ ބައްދަލުވުމަށް ސްޓޭޝަން އިންޗާޖާއި ތަހުގީގުގައި އިސްކޮށް އުޅޭ ފުލުސް އޮފިސަރުން ހާޒިރު ކުރުމަށް ހުށައެޅިއެވެ.

ދެވަނަ ހުށަހެޅުމަކީ، ޖިންސީ ގޯނާގެ ޝިކާރައަށްވި އަންހެން ވިކްޓިމްގެ ބަހެއް ހޯދަން ކޮމިޓީން މަސައްކަތް ކުރުމަށެވެ. ނަމަވެސް

ކޮމިޓީއަށް ވިކްޓިމް ގެނެސް އޭނާގެ ބަސް ހޯދާނީ އެ ކަމުގައި އޭނާގެ އެއްވެސް މައްސަލައެއް ނެތި އަމިއްލައަށް އެ ގޮތަށް ބޭނުންވާނަމަ ކަމަށް އެ ހުށަހެޅުމުގައިވެއެވެ.

ތިންވަނަ ކަމަކީ، ޖެންޑާ މިނިސްޓްރީން އެ ވިކްޓިމްގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު ހޯދުމެވެ. ހަތަރުވަނަ ކަމެއްގެ ގޮތުގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ފުލުހުންގެ ތަހުގީގު ގާތުން ބަލައި ޕީޖީގެ މަސައްކަތްތަކުގެ މައުލޫމާތުތައް ކޮމިޓީއަށް ފޮނުވަން އެދި އެ މުއައްސަސާއަށް ސިޓީއެއް ފޮނުވުމަށް ވަނީ ހިމަނާފައެވެ.

އަދި ފަހު ކަމަކަށް ހުށަހެޅުއްވާފައި ވަނީ މި މައްސަލައިގެ ހަބަރުތައް ރަސްމީ މީޑިއާތަކުން ފަތުރާއިރު އަނިޔާ ލިބުނު ފަރާތައް ގެއްލުން ނުވާނެގޮތަށް ތެދު މައުލޫމާތު މީޑިއާތަކުން ފަތުރަމުންދާ ކަން މީޑިއާ ކައުންސިލް އާއި ބްރޯޑްކާސްޓިން ކޮމިޝަނުން ކަށަވަރު ކުރުމަށް މަސައްކަތް ކުރުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355