މިއަދު ހުޅުމާލޭގައި ފުލުހުންނާ ކުރިމަތިލައި އޮށްގަލުން ހަމަލާދީ، ހަމަނުޖެހުން ހިންގި ބިދޭސީންނާމެދު ގާނޫނާއި ގަވައިދުތަކުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދޭން މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ހުޅުމާލޭގައި ފުލުހާ ކުރިމަތިލައި ހަމަނުޖެހުން ހިންގާފައި ވަނީ ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ކުރާ އައިލެންޑް އެކްސްޕާޓް ޕްރައިވެޓް ލިމިޓެޑްގެ ލޭބަރުންތަކެކެވެ. އެއީ މުޅިން ވެސް ބަންގްލަދޭޝް މީހުންނެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މާލޭގެ މަގުތަކުގެ އަމާންކަން ނަގާލައި ދައުލަތާއި ރައްޔިތުންގެ މުދަލަށް ގެއްލުން ދިނުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި، އެ އަމަލު ހިންގުމުގައި ބައިވެރިވި މީހުންނާމެދު ގާނޫނުތަކާއި ގަވައިދުތަކުގެ ތެރެއިން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިއަދު މުޒާހަރާ ކުރި ބިދޭސީން މީގެ ކުރިން ވެސް ހުޅުމާލޭގައި މުޒާހަރާކުރި އެވެ. އެ މުޒާހަރާއާ ގުޅިގެން އެ ބިދޭސީންއާ ވާހަކަ ދައްކައި އެއް މަހުގެ މުސާރަ ހަމައަށް ދީފައިވާ ކަމަށް އައިލެންޑް އެކްސްޕާޓް ކުންފުނިން ބުނެފައިވެ އެވެ. އަދި އިތުރަށް ހަމަނުޖެހުން ނުހިންގާނެ ކަމަށް އެއްބަސްވެ، ފުރަން ބޭނުންވާ ބިދޭސީންނަށް އެކަންކަން ހަމަޖައްސައި ދެމުން ދިޔަ ކަމަށް ވެސް ކުންފުނިން ބުނެފައިވެ އެވެ.
އެމީހުންނަށް މުސާރަ ނުލިބޭ ކަމަށް ބުނެ މިއަދު ކުރަމުން ދިޔަ މުޒާހަރާ ކޮންޓްރޯލް ކުރަން ވަރަށް މަދު ފުލުހުންތަކެއް އުޅުނު އިރު އެމީހުން ވަނީ ފުލުހުންނަށް ޖިސްމާނީ އަނިޔާ ލިބޭ ފަދަ ގޮތަކަށް ކުރިމަތިލާފަ އެވެ. ބައެއް ފުލުހުންނަށް އަނިޔާވުމުގެ އިތުރުން ވެހިކަލަށް ގެއްލުންވެފައިވެސް ވެއެވެ