ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ކްރިމިނަލް ކޯޓުން އިއްޔެ ބާތިލްކުރަން ނިންމި ނިންމުން އިސްތިއުނާފު ކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހައިކޯޓަށް ހުށަހަޅައިފިއެވެ.
އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި 7 ދައުވާ ކްރިމިނަލް ކޯޓުން ބާތިލްކުރުމަށް ނިންމެވި ހުކުމަށް ޕްރޮސެކިއުޓަރ ޖެނަރަލް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެހުކުމުގައި ފާހަގަވި ކަންކަމަށް ބަލާ ޤާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ)އަށް ހުށައަޅަންވެސް ޕީޖީ ވަނީ ނިންމާފައެވެ.
އެކަމާ ގުޅިގެން އިއްޔެ ހަވީރު ނޫސްވެރިންނާ ބައްދަލުކުރައްވައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ، އަދީބުގެ މައްސަލަ ގާޒީ އިސްމާއިލް ރަޝީދު ކުރިއަށްގެންދެވީ ގާނާ ހިލާފަށް ކަމަށެވެ. އަދި މައްސަލަ ބާތިލު ކުރީވެސް ގާނޫނީ އިމުން ބޭރުން ކަމަށް ވިދާޅުވެ، ގާޒީގެ ނިންމެވުން ހައިކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދު ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިއްޔެ ފާހަގަކުރެއްވި ނުކުތާތަކުގެ މައްޗަށް އިސްތިއުނާފު ކުރުމަށް މިއަދު ހައިކޯޓަށް ފޮނުވާފައިވާކަމަށެވެ.
އަދީބުގެ މައްޗަށް އިއްވި ހަތް ދައުވާއަކީ އިއުތިރާފުވާން ޝަރުތުކޮށް ލުއިކޮށް އިއްވި ހަތް ދައުވާއެކެވެ. ނަަމަވެސް، ޝަމީމް އިއްޔެ އިތުރަށް ވިދާޅުވީ އަދީބު ޖަލުގައި ބަހައްޓަން އިއުތިރާފު އެއްބަސްވުމެއް ބޭނުމެއް ނުވާ ކަމަށެވެ. އޭނާގެ މައްޗަށް 150އަށް ވުރެ ގިނަ ދައުވާކޮށް، 806 އަހަރަށް ޖަަލަށް ލެވޭ ވަރަށް ހެކި ހިމެނޭ ލިޔުންތައް ތައްޔާރުކޮށްފައި އެބަ ހުރި ކަމަށް ޝަމީމް ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓުން އަދީބުގެ މައްސަލަތައް ބޭރުކޮށްލުމުން އޭނާ މުޅިން މިނިވަންވިއެވެ. ނަމަވެސް ރޭގެ ވަގުތެއްގައި ފުލުހުން ވަނީ ޕީޖީގެ ލަފާގެ މަތިން އަދީބު ރާއްޖެއިން ފުރުން މަނާ ކުރުމުގެ އަމުރެއް ކޯޓުން ހޯދައިފައެވެ.