twitterviber whatsapp telegramfacebookyoutube instagram
2nd October 2022

ގާނޫނީ ކޮލަމް: މައްސަލައަށް އިންސާފުވެރި ޙައްލެއް ނުލިބި ގިނަދުވަސް ވަނީތޯއެވެ؟

Jul 16, 2020
1

ޝަރީޢަތުގެ މަރުޙަލާގައި މައްސަލަ ދިގުލައިގެން ދަނީތޯއެވެ؟ އިންސާފުވެރި ޙައްލެއް ނުލިބި ގިނަދުވަސް ވަނީތޯއެވެ؟ އުސޫލެއްގެ ގޮތުން ކޯޓަށް ހުށަހަޅާ މައްސަލަތައް ނުނިމި ގިނަދުވަހަށް ދެމިގެންދާނަމަ، މައްސަލައިގާ ހިމެނޭ ފަރާތްތަކަށް ބައެއްފަހަރު ނުހަނު ގިނަގުނަ ގެއްލުންތައް ލިބި، އެތަށް ޙައްޤުތަކަކުން މަޙުރޫމްވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް މަދަނީ މައްސަލަތަކުގައި މައްސަލަ ހުށަހަޅާފައިވާ ފަރާތްތަކުގެ ޙައްޤުތަކަށް އުނިކަން ނާންނާނެ ގޮތުގެމަތިން، އެހެނިހެން މައްސަލަތަކާއި ޚިލާފަށް އަވަހަށް މައްސަލަ ނިންމާ ޙުކުމްކުރުމުގެ މަގު މިހާރުވަނީ ފަހިވެފައެވެ.

މިފަދަ "އަވަސްނިޔާ" ގެ މައްސަލަތަކަކީ ކޮބާތޯއާއި، އަދި މިފަދަ މައްސަލަތަކުގެ ޝަރީޢަތުގެ އަޑުއެހުންތައް ކުރިއަށްދާނެ ގޮތަށް ބަލާލަމާތޯއެވެ.

އަވަސްނިޔާގެ މައްސަލަ

އަވަސްނިޔާގެ މައްސަލަތަކަކީ، އެ މައްސަލަތަކާ ގުޅިގެން ވީއެންމެ އަވަހަކަށް ޝަރީޢަތުގެ ފަރާތުން އިންސާފުވެރި ޙުކުމެއްކޮށް ނިންމަންޖެހޭ މައްސަލަތަކެކެވެ. ސަބަބަކީ މިފަދަ މައްސަލަތަކަކީ، ޙުކުމްކުރުން ލަސްވެ ދިގުލައިގެން ގޮސްފިނަމަ މީހުންގެ ޙައްޤުތަކަށް އުނިކަން އައިސް، ފޫނުބެއްދޭނެފަދަ ގެއްލުންތަކެއް މެދުވެރިވެދާނެ މައްސަލަތަކަކަށްވުމެވެ. މިސާލަކަށް ގެއެއް ނުވަތަ ބިމެއް ބައިކޮށް، އެބައިތަކުގެ އިންވަކިކޮށް ނުދިނުމާއި، ކަންމުޑިއަޅައި ނުދިނުމުން ހުށަހަޅާ މައްސަލަތުގައި ގޮތެއްނުނިމި ގިނަދުވަސްވާނަމަ، އެ ބިމެއް ލިބުން ފަރާތަށް އެބިމުގައި ގެއެއް އަޅައި ދިރިއުޅުމެއް ފެށުމަށް އުނދަގޫވާނެއެވެ. ނުވަތަ އެ ލިބުނު ބިން ކުއްޔަށް ދިނުމަށް ބޭނުންވާ ޙާލަތުގައިވެސް، ކުއްޔަށް ނުދެވި ގިނަދުވަސް ވޭތުވެގެން ހިނގައިދާނެއެވެ. ހަމައެހެންމެ، އެއްބަސްވުމަކާ ޚިލާފުވެގެން ހުށަހެޅި މައްސަލައެއްނަމަ، އެ މައްސަލައިގާ އެއްބަސްވުމަކާ ހަމައަށް ވާސިލްނުވެވި ނުވަތަ ޙައްލަކާ ހަމައަށް ވާސިލްނުވެވި ވޭތުވާ ކޮންމެ ދުވަހަކީ، އެފަރާތްތަކުގެ ޙައްޤުތައް ނުލިބި ލަސްވާ ދުވަހަކަށް ވެގެންދާނެއެވެ.

އެހެންކަމުން، އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައި މިފަދަ މައްސަލަތައް ހުށަހެޅި، ޝަރީޢަތުން ބަލާ، ޙުކުމަކާއި ހަމައަށް ވާސިލްވެވިއްޖެނަމަ، މައްސަލައިގާ ހިމެނޭ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރެވި، އެފަރާތަށް މާލީ ގޮތުންނާއި އަދި އެހެނިހެން ގޮތްގޮތުން ލިބިގެންދާނެ ގެއްލުންތަކުން ސަލާމަތްވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ޝަރީޢަތް ކުރިއަށް ދާނެގޮތް

އަވަސްނިޔާއިން ބެލޭނެ ފަދަ މައްސަލަތައް ހުށަހަޅާނީ، މާލެނަމަ ސިވިލް ކޯޓުގެ މުދަލާއި ފައިސާއާބެހޭ ކުދި މައްސަލަތަކާއި އަވަސްނިޔާގެ މައްސަލަތައް ބަލާ ޑިވިޜަނަށް، އަދި މާލެނޫން ރަށެއްނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓަށެވެ. ސިވިލް ކޯޓުގައި މިފަދަ މައްސަލަތައް އެންމެ ފުރަތަމަ ދާނީ ޑިސްޕިއުޓް ރިޒޮލިއުޝަންގެ މަރުޙަލާ ތެރެއިންނެވެ. އަދި ޑިސްޕިއުޓް ރިޒޮލިއުޝަން މަރުޙަލާ ތެރޭގައި ޙައްލެއް ނުލިބިއްޖެނަމަ، މައްސަލަ ޝަރީޢަތަށް ހުށަހެޅިގެން ކުރިއަށް ގެންދެވޭނެއެވެ.

އެހެންނަމަވެސް، އަވަސްނިޔާގެ ގޮތުގައި ހުށަހެޅޭ މައްސަލަތަކުގެ ޝަރީޢަތް، އެހެން މައްސަލަތަކާ ޚިލާފަށް އަވަހަށް ކުރިއަށް ގެންދާނެއެވެ. ހަމައެހެންމެ، މައްސަލައިގެ ބާވަތަށާއި، އެ މައްސަލައިގާ ކަންހިނގާފައިވާ ގޮތުގެ މައްޗަށާއި، ޢަދުލުއިންސާފު ނިޔާކުރާގޮތުގެ މައްޗަށް ރިޢާޔަތްކޮށް، މައްސަލައާއި ގުޅިގެން ވަގުތީ އަމުރަކަށް އެދިފައިވާނަމަ، ނެރެންޖެހޭ ވަގުތީ އަމުރުތައް ނެރުންފަދަ އެންމެހައި ކަންތައްތައް، މައްސަލައިގެ ކުރީކޮޅު ޢާންމުގޮތެއްގައި ނިންމާނެއެވެ.

ނިންމުން

އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައި ހުށަހެޅޭނެ މައްސަލަތައް ޤާނޫނާއި ގަވައިދުގެމަތިން ހުށަހެޅުމަކީ، ތިފަރާތުގެ މަސްޢޫލިއްޔަތެކެވެ. އެހެނީ މިފަދަ މައްސަލައެއްގެ ގޮތުގައި ހުށަހެޅިއްޖެނަމަ، މައްސަލައަށް އަވަސް ޙައްލެއްލިބި، ތިފަރާތްތަކަށް ލިބިދޭންޖެހޭ ޙައްޤުތައް ކަށަވަރުވުމަށް މަގުފަހިވެގެންދާނެއެވެ.

އާޓިކަލް ލިޔުނީ ޞަބްރިޔަތު ޙުސައިން

އަލްއުސްތާޛާ ޞަބްރިޔަތު ޙުސައިންއަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ.މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355