ށ. ފޯކައިދޫ ބަނދަރު އަޕްގުރޭޑްކުރުމުގެ އަމަލީ މަސައްކަތް އަންނަ މަސް ނިމުމުގެ ކުރިން ފެށޭވަރުވާނެ ކަމަށް އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދު ވިދާޅުވެއްޖެ އެވެ.
ކޮންމެ ހުޅަނގު މޫސުމަކާއެކު ފޯކައިދޫ ރައްޔިތުންނަށް ލަފާ ފުރުމުގެ ދަތިތަކަކީ އިންތިހާއަށް ބޮޑުވެފައިވާ މައްސަލައެކެވެ. ބަނދަރުގެ އެއްވެސް ހިމާޔަތެއް ރައްކާތެރިކަމެއް ނުލިބެއެވެ. ކަނޑުން އަންނަ ބޮޑެތި ރާޅުތައް އެއްވެސް ހުރަހެއް ނެތި ބަނދަރުގެ ތެރެއަށްވަދެ ބިންދާލަނީ އެއްގަމަށެވެ.
ފޯކައިދޫގައި މިހާރު އޮތް ބަނދަރަކީ 2003 ވަނަ އަހަރު ހަދާފައިވާ ބަނދަރެކެވެ. ބަނދަރު މަރާމާތުނުކޮށް ގިނަ ގިނަދުވަސްތަކެއްވުމުގެ ސަބަބުން ވަނީ ވަރަށް ބޮޑަށް ހަލާކުވެ ބޭނުން ހިފަން ދަތިވެފަ އެވެ. އޮޑިދޯނިފަހަރު ގިނަވެ ދަތިތައް ކުރިމަތިވަމުންދާތީ ފާއިތުވި ދުވަސްތަކުގައި އެކަމަށް ހައްލު ހޯދާދިނުމަށް ދިޔައީ ސަރުކާރުތަކުގައި އާދެސް ކުރަމުންނެވެ.
ރައްޔިތުންގެ މި ތަކުލީފަށް ހައްލު ހޯދުމަށްޓަކާ އަދުގެ ސަރުކާރުން ވަނީ މިހާރު މަސައްކަތް ފަށާފަ އެވެ. އެގޮތުން ފޯކައިދޫ ބަނދަރު އަޕްގުރޭޑް ކުރުމުގެ މަސައްކަތް ވަނީ އެމްޓީސީސީ އައި ހަވާލުކޮށްފަ އެވެ.
56 މިލިއަން ރުފިޔާގެ މި މަޝްރޫއުގައި މިހާރު އޮތް ބަނދަރާ ގުޅިގެން ދެކުނަށް 1176 ފޫޓް ދިގު 250 ފޫޓް ފުޅާ ބަނދަރެއް ހިލަތޮށި ޖެހުމަށްފަހު ތަރައްގީވެގެން ދާނެ ކަމަށެވެ.
ފޯކައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދު ކޭއޯއަށް ވިދާޅުވީ މިހާރު ކުރިއަށް ދަނީ އީއައިއޭގެ މަސައްކަތް ކަމަށާއި އަންނަ މަސް ނިމުމުގެ ކުރިން އަމަލީ މަސައްކަތް ފެށޭވަރުވާނެ ކަމަށެވެ.
"ފަހުގެ ސަރވޭ ޓީމެއް މި ހަފްތާތެރޭ އަންނަ ގޮތަށް އޮތީ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ނާދެވިފަ." ރާޝިދު ވިދާޅުވި އެވެ.
2000 މީހުންގެ އާބާދީއެއް އޮންނަ މި ރަށުގައި 12 ވަރަކަށް ކަންނެލި ދޯންޏާއި މާލެ ދަތުރު ކުރާ 3 ބޯޓު އޮންނަ އިރު މި ރަށުގެ ބަނދަރު މި ދޯނި ފަހަރަށް ބޭނުމެއް ނުކުރެވެ އެވެ.
ކިތަންމެ މަޑު ދުވަސްވަރެއްގައިވެސް ބަނދަރުގެ ބޭނުންހިފުން ތަކުލީފަކަށްވެފައި އޮންނަ އިރު ގަދަވެއްޖެ ނަމަ ދޯނި ފަހަރު އަޅަން ޖެހެނީ ރަށުގެ ފުއްޓަރު ފަރާތުގަ އެވެ. ފުއްޓަރު ފަރާތުގައި އަޅާފައި ހުންނަ ދޯނި ފަހަރަށް އަރަންޖެހެނީ ބޮއްކުރާގައި ގޮސްގެނެވެ. މިގޮތަށް ބޮއްކުރާގައި ދިއުމުގެ ތެރޭގައި ބޮއްކުރާ ބަނޑުންޖަހާލައި ވަރަށް ހިތާމަވެރި ހާދިސާތައްވަނީ ހިނގާފަ އެވެ.