ދިރާގު ބްރޯޑްބޭންޑް އިންޓަނެޓު ޕެކޭޖް ތަކަށް ބޮޑެތި ބަދަލު ތަކެއް ގެނެސް، ސްޕީޑް ހަލުވިކޮށް އިތުރު ފުރިހަމަ ކަމެއް ގެނެސް ދީފި އެވެ.
ދިރާގުން ބުނީ މި ފަހަރު ގެނައި ބަދަލުތަކާއެކު މިހާރު ކަސްޓަމަރުންނަށް އިތުރު ހަރަދަކާ ނުލާ އިތުރު ޑޭޓާ އާއި ސްޕީޑް ލިބިގެންދާނެ އެވެ.
ޕެކޭޖްތަކުގެ އަޕްގްރޭޑްތަކާއެކު ކަސްޓަމަރުންނަށް 20-65 ޕަސެންޓާ ދެމެދުގެ އިތުރު ޑޭޓާ އަދި މާ ރަނގަޅު ސްޕީޑްވެސް ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ. ދިރާގު ހޯމް ފައިބާ ބްރޯޑްބޭންޑްގެ ހުރިހާ ޕެކޭޖްތަކެއްގެ އަޕްގްރޭޑް އޮގަސްޓް މަހުގެ ފުރަތަމަ ހަފުތާގައި ނިމޭނެ ކަމަށް އެކުންފުނިން ބުނެއެވެ.
އެ ކުންފުނިން ބުނީ މި އަޕްގްރޭޑް ގެނެސްފައިވަނީ ޑިޖިޓަލް ޓެކްނޮލޮނީ އާއެކު ދިވެހިންގެ ދިރިއުޅުމަށް ބޮޑެތި ބަދަލު ތަކެއް ގެންނަމުންދާ ދުވަސް ވަރެއްގައި އިންޓަނެޓުގެ ބޭނުން ނުހަނު ބޭނުންވެފައިވާތީ ކަމަށެވެ. އެ ކުންފުނިން ބުނީ ވޭތުވެ ދިޔަ މަސްތަކުގައި ކަސްޓަމަރުން އިންޓަނެޓް ބޭނުން ކުރާ މިންވަރަށް ބޮޑެތި ބަދަލު ތަކެއް އައިސްފައިވާ ކަމަށެވެ. އެހެންވެ، ދިރާގުން ގަސްތުކުރީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައި ހޯމް ފައިބަ އިންޓަނެޓް ޕެކޭޖަ ތަކުން އިތުރު ޑޭޓާ އަދި ސްޕީޑް ލިބޭނެ ގޮތަކަށް ޕެކޭޖްތައް އަލުން ފަރުމާ ކުރުމަށް ކަމަށް ބުނެފައިވެ އެވެ.
މިއައި ބަދަލާ ގުޅޭ ގޮތުން، ދިރާގު ޗީފް މާކެޓިން އޮފިސަ މަހުމޫދު ދައްސާ ވިދާޅުވި ގޮތުގައި ފައިބާ ބްރޯޑްބޭންޑް ޕެކޭޖްތަކަށް މި ގެނައި ބަދަލަކީ ދިރާގުން ރާއްޖޭގެ ހުރިހާ ހިސާބަކަށް ހައި ސްޕީޑް އިންޓަނެޓް ހެޔޮ އަގެގައި ފޯރުކޮށްދިނުމުގެ މަގުސަދުގައި ގެނައި ބަދަލެއް ކަމަށެވެ. އަދި މި ގެނައި ބަދަލާއެކު ކަސްޓަމަރުންނަށް އިންޓަނެޓުގެ މަހުފީ އިން 21-41 ޕަސެންޓާ ދެމެދުގެ ލުޔެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ބަދަލުން ޑިޖިޓަލް ކޮށް ކިޔަވާ، މަސައްކަތް ކޮށް އަދި އެހެނިހެން ކަންތައް ކުރުމަށް އިތުރު ފުރުސަތުތައް ހުޅުވިގެން ދާނެކަމަށް އުންމީދު ކުރަން،" މަހުމޫދު ވިދާޅުވި އެވެ.
ދިރާގުން ބުނީ ރާއްޖޭގެ ގިނަ ގޭބިސީ ތަކަށް މިހާރު ވެސް، ދިރާގު ފައިބާ ބްރޯޑްބޭންޑް އަޕްގްރޭޑްގެ އިތުރު ސްޕީޑް އަދި ޑޭޓާ ތަޖުރިބާ ކޮށްލެވޭނެ ކަމަށެވެ. ފައިބާ ބްރޯޑްބޭންޑް ހިދުމަތް ލިބޭ ހުރިހާ ރަށެއްގައި ދިރިއުޅޭ ކަސްޓަމަރުންނަށް މި ޕެކޭޖްތައް ތަޖުރިބާ ކޮށްލުމުގެ މަގު ފަހިކޮށްދިނުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށާ، އެގޮތުން 16 ރަށެއްގައި މިހާރު ދިރާގުން ދަނީ ނެޓްވޯކް ކެޕޭސިޓީ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެކުންފުނިން ބުނެ އެވެ.
ދިރާގު ދަނީ ފައިބާ ބްރޯޑްބޭންޑް ހިދުމަތް ރާއްޖޭގެ އާބާދީގެ 76 ޕަސެންޓަށް ދެމުންނެވެ. އެ ކުންފުނީގެ މި ހިދުމަތް ރާއްޖޭގެ 61 ރަށަށް މިހާރު ލިބެ އެވެ.