twitterviber whatsapp telegramfacebookyoutube instagram
28th March 2024

ހިތުގެ އެދުމަކީ އުފާވެރިކަމުގެ ހުރަހަކަށް، އުފާވެރިކަމަކީ ވާޖިބުގެ ޢަދުއްވަކަށް ނުހަދާށެވެ.

May 11, 2011

ނަބީލް

ސީނުކަރައިގެ ރަސްރަސްކަލުންގެ ވާހަކަތަކުގެ ތެރެއިން އިހުޒަމާނުގެ ބުއްދިވެރި ވާހަކައެއްގައި އޮވެއެވެ. އެއްފަހަރަކު ރަސްކަލަކު އޭނާގެ ރައްޔިތު މީހަކަށް އިނާމެއް ދެއްވަން ވެގެން، އެމީހާއަށް ވިދާޅު ބަސްފުޅު އިއްވެވިއޭ ކަލޭ ބޭނުން ހިސާބަކަށް ހިނގާފައި އަންނާށެވެ. އެހިނގި ހިސާބަކަށް ވާ ބިމުގެ ސަރަހައްދު އެކީ އެކަށް އަހުރެން ކަލޭގެ މިލްކެއް ކަމުގައި ހަމަޖައްސައިދޭހުށީމެވެ. ދެން އެއްކަލަ ރައްޔިތު މީހާ އިނާމު ހާސިލުކުރަންވެގެން ބިމުގައި ހިނގަހިނގާފައި ވަރުބަލިވެގެން ހުއްޓިފައި ރަސްގެފާނު އަރިހަށް އެނބުރި ދާން ހިތަށް އަރާފައި ވެސް އަދި އެވަރު ކުޑަކަމުން އިތުރަށް ހިނގަން ފަށަނީއެވެ. ކޮންމެއަކަސް ވީހާ ބޮޑު ބިމެއް ހޯދަން ވީހާ ދުރަކަށް ހިނގާ ހިނގާ އެންމެ ފަހުން އެމީހާ ވާވަދެ ގެއްލުނީ ކަމަށާ އެ ގޮތުގައި އޭނާއަށް ދުނިޔެއިން އެކައްޗެއް ނުލިބި މަރުވީކަމުގައި ވެއެވެ.

ދުނިޔެއާ ދުނިޔޭގެ ހަމައާ އޭގެ އަސްލު ޠަބީޢަތީ

އުނިކަމަށް އީމާން ނުވާ މީހާ ގެ އުނިކަން ދެނެހުރޭ

އެހެން ވާހަކައެއްގައި އޮވެއެވެ. ދެ ރަހުމަތްތެރި އަކު މަސްބާނަން ތިބެފައި އެކަކަށް ބޮޑު ސިންގާ މަހެއް ބޭނުނީމާ އޭނާ ގެއާ ދިމާއަށް ހިނގައި ގަތުމުން އަނެއް އެކުވެރިޔާ އޭނާއާ ދިމާއަށް ބުންޏެވެ. ބަލަ އަދި އިތުރަށް މަސް ބާނަން މަޑުކޮށްލަ ބަލާށެވެ. އޭނާ ސުވާލުކުރިއެވެ. އިތުރަށް ބާނަންވީ ކީއްކުރަންހެއްޔެވެ؟ މަޑުކުރަން އިރުޝާދު ދިން މީހާ ބުނަނީ އެއީ އެ ވިއްކައިގެން ލާރި ހޯދުމަށް ކަމުގައެވެ. އެއީ ކީއްކުރަން ހޯދާހާ ލާރިއެއްތޯ އެހުމުން ބުނަނީ ކަލެޔާއި ކަލޭގެ އަނބިދަރީންނާ އެކުގައި އުފާކޮށް އެކުގައި ފޮނި ވަގުތުތައް ހޭދަކުރުމަށް ކަމުގައެވެ. އެއްކަލަ ގެއާވީ ކޮޅަށް މިސްރާބު ޖަހާފައި ހުރި މީހާ ހަމަޖެހިލާފައި ބުންޏެވެ. އަހަރެން މިހާރު މިކުރާ ކަމަކީ ތިޔައީއެވެ. އެހާ ގިނަ ދުވަސްވަންދެން އުފާނުކޮށް ލަސްކުރަންވީ ކީއްވެގެންހެއްޔެވެ؟

އެއްކުރާ މުދަލާއި ފައިސާ އެއްކުރާ ސަބަބެއް ކަމީ

އެއްކުރުން ކަމުގައި ހެދޭނަމަ ބޭނުމެއް ނެތް ދަސްކުރޭ

އެހެެން ވާހަކައެއްގައި އޮވެއެވެ. އެއް ފަހަރަކު މުއްސަންޖަކު އޭނާގެ ދަރިފުޅަށް ކާމިޔާބު ހާސިލުކޮށްދިނުމުގެ ބޭނުމުގައި ކާމިޔާބު ހޯދާނެ ގޮތް ދަސްކުރުމަށްޓަކައި ނިކަން އުސް ފަރުބަދައެއްގެ މަތީ ބޮޑުގަނޑުވަރެއްގައި ދިރިއުޅުއްވާ ޙަކީމެއްގެ ގާތަށް ދަރިފުޅު ފޮނުވިއެވެ. މި ސޮރަށް ނިކަން މަސައްކަތުން ޙަކީމް ގެ ގަނޑުވަރާ ހަމައަށް ދެވުން އިރު ގަނޑުވަރުގެ ކައިރީގައި ކިޔޫ ވަރަށް ބޮޑެވެ. ދެން ނިކަން ދިގު އިންތިޒާރެއްގައި ހުރެގެން އެތައް ގަޑިއިރަކަށް ފަހު ޙަކީމާ ބައްދަލުވީމާ ޙަކީމް ކުރެއްވި ކަމަކީ ދިޔާ އެއްޗެއް އަޅާފައި ހުރި ސަމުސަލެއް މިސޮރު އަތަށް ދިނުމަށް ފަހު، އެ ހިފައިގެން އެއިން ތިއްކެއް ބިންމައްޗަށް ވެއްޓުނަ ނުދީ، ދެގަޑިއިރު ވަންދެން ގަނޑުވަރު ތެރެ ރަނގަޅަށް ބަލާލާފައި އައުމަށް އަމުރުކުރެއްވީއެވެ. ކޮންމެއަކަސް ދެގަޑިއިރު ފަހުން އެ ސޮރު ހަކީމާ ބައްދަލުކުރުމަށް އައި އިރު ސަމުސަލުގައި ހުރި އެއްޗެހި ވެރުނަ ނުދީ ފަރުވާތެރިކަމާ އެކު އަނބުރާ ގެނައެވެ. ނަމަވެސް ހަކީމް ސުވާލުކުރެއްވީ ގަނޑުވަރުގެ އެވެނި ހިސާބެއްގައި ވާ ފެންއަރުވާވަޑާން ދުށިންތޯ އާއި މިވެނި ތާކު ހުރި މޭވާ ގަސްތައް ދުށިންތޯ އާއި މި ކަހަލަ ދެތިން ސުވާލެކެވެ. ޖަވާބުގައި އެ ސޮރު ބުނީ ނުފެންނަ ކަމުގައެވެ. ދެން އެތަންތަން ރަނގަޅަށް ބަލާފައި އައުމަށް ހަކީމް އޭނާއަށް އަމުރުކުރެއްވުމުން، އިތުރު ދެގަޑިއިރު ހޭދަކޮށްފައި އައިއިރު އޭނާއަށް ފެނުނު ރީތި މަންޒަރުތަކުން އޭނާއަށް ހިތްހަމަޖެހުން ލިބިފައިވީ ނަމަވެސް މި ފަހަރު ޒުވާނާ ވަނީ ސަމުސަލާ މެދު މުޅީން އިހުމާލުކޮށްލާފައެވެ.

ހޯދަމުން ދިޔަޔަސް އުފާތައް ރޭދުވާ އެކުގައި އެކަށް

ހޭދަވާ ވަގުތާއެކީ ވާޖިބު ތިމާގެ ހަނދާންކުރޭ

ކޮންމެ ކަމަކަށް އޭގެ ހައްގާ ފުރުސަތާ ނުދެވޭ ހިނދަކު

އޮންނަ އުފަލެއް، ހައްދު ނެތް ހައްގެއް ނުވާނެ ޔަގީންކުރޭ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355