ބޮލުގަ ރިއްސުމަކީ ގިނަ މީހުންނަށް ދިމާވާ އާންމު މައްސަލަ އެކެވެ. އާންމުކޮށް ބޮލުގައި ރިއްސުމަކީ ސިއްހީ މާ ބޮޑު މައްސަލައަކަށް ވެސް ނުވެދާނެ އެވެ. ނަމަވެސް ގިނަ ފަހަރަށް ބޮލުގަ ރިއްސަން ފެށުމުން ކާލެވެނީ ތަދުކަނޑުވާ ބޭސް ގުޅައެކެވެ. ނަމަވެސް މިކާ ބޭސްތަކުން އެ ލިބޭ ވަގުތީ ހައްލަށް ވުރެށް ބޮޑަށް އަބަދު އެ ބޭސްތައް ކައިގެން ލިބޭ ގެއްލުން ބޮޑުވެދާނެ އެވެ.
ހަގީގަތުގައި ގިނަފަހަރަށް މި ގޮތަށް ބޮލުގައި ރިއްސަނީ އަހަރެމެންގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ގެންގުޅެވޭ ނުރަނގަޅު އާދަތަކެއްގެ ސަބަބުންނެވެ. އެހެން ކަމުން ފުރަތަމަ ބޭސްތައް އެއްފަރާތުގައި ބަހައްޓާފައި މި އާދަތައް ބަދަލުކުރެވޭތޯ ބަލަމާ ހިނގާށެވެ.
ދުވާލަކު 8 ގަޑިއިރު ނިދުމުގެ މުހިންމުކަމަކީ އެންމެންނަށްވެސް އާ ވާހަކަ އެއް ނޫނެވެ. ނަމަވެސް ގިނަ މީހުންގެ ދިރިއުޅުމުގެ ކަންތައް ހުންނަ ގޮތުން މި ގޮތަށް ނިދި ހަމަ ކުރުން އުނދަގޫ ވަނީ ކަންނޭގެއެވެ. ރޭގަނޑު ނިދި ހަމަ ނުވެއްޖެ ނަމަ ދުވާލުގެ ކޮންމެވެސް ވަގުތު ކޮޅެއްގައި އަރާމު ކޮށްލާށެވެ. 8 ގަޑި އިރުގެ ނިންޖަކީ ސިކުނޑިއަށް ލުއިކަން ގެނެސްދީ ދުވަސް ތާޒާކަންމަތީ ފެށުމަށް މުހިންމު ކަމެއްގެ އިތުރުން ހަނދާ ވަރުގަދަ ކޮށްދޭ ކަމެއް ކަމުގައި ދިރާސާތަކުން ދައްކަ އެވެ.
އިންސާނާގެ ހަށިގަނޑުގެ މަސައްކަތްތަކަށް އެންމެ މުހިންމު އެކައްޗަކީ ފެން ކަމުގައިވާއިރު ދުވާލަކު މަދުވެގެން 8 ތަށި ފެންބޯންޖެހޭނެ ކަމުގެ ވާހަކަ އަކީވެސް އާ ވާހަކަ އެއް ނޫނެވެ. ހަށިގަނޑުގެ ތެރޭ އުފެދޭ ވިހަ މާއްދާތައް ދުރުކޮށް ކުޑަކަމުދާ ނިޒާމުގެ މައްސަލަތަކާއި އިތުރު އެހެން ބަލިތަކުން މީހާގެ ހަށިގަނޑު ސަލާމަތްކޮށްދޭ އެންމެ މުހިންމު އެކައްޗެކެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނުލިބުމަކީ މީހާ ބޮލުގައި ރިއްސަން ދިމާވާއެއް މައްސަލަ އެވެ.
ދިވެހިންނަކީ އާންމު ގޮތެއްގައި ކެއިންބުއިމުގައި ވަކި އުސޫލުތަކެއް ގެންގުޅޭ ބައެއް ނޫނެވެ. ބަނޑުހައިވީމަ ގޮސް ކާންވީއެވެ. ނޫނީ މަސައްކަތުން އަވަދިވެގެން ގެއަށް ދެވުނު އިރަކުން ކާންވީ އެވެ. ނުވަތަ ދުވާލު ނުކައި އުޅެ އުޅެފަ ބަނޑުހައިވެގެން ނުނިދުނީމަ ނުކުމެ ގަދަޔަށް ކާލަފާނެއެވެ. މީގެ ސަބަބުން ހަށިގަނޑު މަސައްކަތްތަކަށް ބޮޑު ބުރައެއް އުފުލަންޖެހި ހަށިގަނޑުތެރޭ ވައިހެދި ހަމަނިދި ނުލިބި ބޮލުގައި ރިއްސަންޖެހޭ ފަހަރުތައް އާދެ އެވެ.
ކެފެއިންނަކީ ދުވާލެއްގެ މައްޗައް އިންސާނާގެ ހަށިގަނޑަށް ވަކި މިންވަރަކަށް އަބަދުވެސް ބޭނުންވާ އެއްޗެކެވެ. ނަމަވެސް އާދަޔާ ހިލާފަށް މާގިނައިން ކެފެއިން ބޭނުން ކުރުމަކީ މީހާއަށް ހަމަނިދި ލިބުމަށް ހުރަސް އަޅާ ކަމެކެވެ. މިކަމުގެ ސަބަބުން ބޮލުގައި ރިއްސާ ގޮތް ދިމާވެ އެވެ.
މާގަދަޔަށް ބޮލުގައި ރިއްސާނަމަ ނިދުމަކީވެސް ވަރަށް ދަތި ކަމެކެވެ. އަދި ކާހިތް ނުވުމާއި ކަމެއް ކުރަން ފޫހިވުން ފަދަ ކަންތައް ދިމާވެ އެވެ. އެހެން ކަމުން ދިރިއުޅުމުގެ މިފަދަ ކުދި ކުދި އާދަތަކަށް ބަދަލު ގެނެސް ބޮލުގެ ރިހުމަށް ލުޔެށް ލިބޭތޯ މަސައްކަތް ކުރަން ހިނގާށެވެ.