މިހާރު ގިނަ މީހުންނަކީ ފަލަބަލީގެ ޝިކާރައަކަށްވެފައިވާ ބައެއްކަމާއި މެދު ދެބަސްވެވޭކަށް ނެތެވެ. އެކަމުން ސަލާމަތްވުމަށް ގަދައަޅާ މަސައްކަތް ކުރާމީހުންވެސް މަދެއް ނޫނެވެ. އަދި މިކަމެއް ނުވާނޭ ކިޔާފަ އުންމީދު ކަނޑާލައިގެން ތިބި މީހުންވެސް ބައިވަރު އެބަ ތިއްބެވެ.
ނަމަވެސް ސިއްހަތާ ދޭތެރޭގައި ވިސްނާލާފަ ހިތްވަރާއެކު ތެދުވެ ބަނޑުގައި ޖަހާފައި ހުންނަ މަސްތައް ދުއްވާލަން ވަރުގަދަ އަޒުމެއް ކަނޑައެޅުމަކީ ސިއްހަތަށްޓަކައި އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. ބަނޑުގައި މަސްޖަހާފައި ހުރުމަކީ ޓައިޕް-2 ޑައެބެޓީސް އާއި ހިތުގެ ބަލިތަކަށް މަގުފަހިވާ ކަމަކަށް ދިރާސާތަކުން ދައްކަ އެވެ.
ހަށިގަނޑުގެ ފެޓް މަދުވާނީ ހަށިގަނޑަށް އެތެރެވާ ކެލަރީ އަށް ވުރެ އަންދާ ކެލަރީ އިތުރު ކުރެވިގެންނެވެ. ލުނބޯ ޖޫހުން ކެލަރީ އަންދަނީއެއް ނޫނެވެ. އެކަމަކު ކެލަރީ އެތެރެވާ މިންވަރު މަދުކުރުމަށް އެހީވެދެ އެވެ. ލުނބޮއެއް ހަތަރު ފަޅިއަށް ފަޅާލާފައި އޮންނަ އިރު އެއިން ކޮންމެ ފަޅިއެއް އެއީ އެންމެ ކެލަރީއެކެވެ. އެހެންވެ ލުނބޯ ޖޫހަކީ އެހެން ޖޫސްތަކަށް ވުރެ ކެލަރީ އެތައް ގުނައެއް މަދު އެއްޗަކަށް ވުމުން ކެލަރީ ދަށްކުރުމަށް އެހެން ޖޫސްތަކަށް ވުރެ ރަނގަޅެވެ.
ބަނޑުގައި ގޭސް އުފެދުން ލުނބޯ ޖޫހުން ކުޑަކޮށްދެ އެވެ. އެއާ އެކު މިއީ ކުޑަކަމު ދިއުން އަވަސްކުރުވާ މާއްދާއެއް އެކުލެވޭ އެއްޗެކެވެ. އަދި ހަމަ ބޮޑުކަމު ދެވޭ ވަރުވެސް އިތުރުވެ އެވެ. އެހެން ކަމުން ހަށިގަނޑުގައި އުފެދޭ ވިހަމާއްދާތައް ހަށިގަނޑުން ބޭރުކޮށްލުމަށް ލުނބޯ ޖޫސް އެހީތެރިވެދެ އެވެ. ނަމަވެސް ލުނބޯ ޖޫސް ބޭނުން ކުރުމުން މި ދެ ގޮތުން ހަށިގަނޑުން ގިނަ އަދަދެއްގެ ފެން ބޭރުވެގެން ދާތީވެ ގިނައިން ދިޔާ ތަކެތި ބޭނުން ކުރުމަށް ސަމާލުކަން ދޭންވާނެ އެވެ.
ލުނބޮޔަކީ ވިޓަމިން ސީ އިން މުއްސަނދިވެފައިވާ މޭވާއެކެވެ. އަދި ވިޓަމިން ސީ އަކީ ހަށިގަނޑުގައި ފެޓް އެންދުމުގެ ނިޒާމު ވަރުގަދަކޮށް ބެހެއްޓުމަށް ވެސް ބޭނުންވާ މާއްދާއެކެވެ. ޖާނަލް އޮފް ދި އެމެރިކަން ކޮލެޖް އޮފް ނިއުޓްރިޝަންގައިވާ ދިރާސާއެއްގައި ބުނެފައި ވަނީ ހަށިގަނޑުގައި ވިޓަމިން ސީ ހުންނަންޖެހޭ ވަރަށް ހުންނަ މީހުން ކަސްރަތު ކުރުމުން ފެޓް އަންދާ މިންވަރު، ވިޓަމިން ސީ މަދު މީހުންނަށް ވުރެ 30 ޕަސެންޓް އިތުރުވާ ކަމަށެވެ.
ލުނބޮޔަކީ ޕެކްޓިން ކިޔާ ފައިބައެއް ވެސް ގިނަ މޭވާއެކެވެ. މިއީ ހަށިގަނޑުގައި ހުންނަ ހަކުރުގެ ބައި މައްޗަށް ދިއުން ލަސްކުރުވާ މާއްދާއެކެވެ. އެހެންވެ ވިޓަމިން ސީ އާއި ޕެކްޓިން އަކީ ވެސް ހިކެން ބޭނުންވާ މީހަކަށް ރަނގަޅު ދެ މާއްދާ އެވެ.
ހަށިގަނޑު ގައި ހުންނަ ބޭކާރުމަސް ދުއްވާލުމަށް ލުނބޯ ބޭނުންކުރުމާއެކު ހަށިގަނޑަށް ރަނގަޅު ކާނާ އެކުލެވިގެންވާ ޑައިޓެއްގެ އިތުރުން ކޮންމެ ދުވަހަކުވެސް ކަސްރަތު ކުރުން ވަރަށް މުހިންމުވާނެ އެވެ.