twitterviber whatsapp telegramfacebookyoutube instagram
28th March 2024

ޑިސެމްބަރުން ފެށިގެން ވަޒީފާއަށް ނުރަނގަޅު އަސަރުކުރި ފަރާތްތަކަށް އެލަވެންސް ދެނީ

ނަބީލާ އިސްމާޢީލް
Aug 10, 2020
1

ކޮވިޑް-19 އާ ގުޅިގެން ވަޒީފާއަށް ނުރަނގަޅު އަސަރުކޮށްފައިވާ މީހުންނަށް ދެމުންއަންނަ އިންކަމް ސަޕޯޓް އެލަވަންސް މިދިޔަ ޑިސެމްބަރ މަހުން ފެށިގެން ވަޒީފާއަށް އަސަރުކުރި މީހުންނަށް ދޭ ގޮތަށް ބަދަލެއް ގެނެސްފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް

ދިނުމާ ގުޅޭ އުސޫލަށް ގެނެސްފައިވާ ބަދަލާއެކު، މިދިޔަ އަހަރުގެ ޑސެމްބަރު އެކެއްގެ ފަހުން ވަޒީފާ އިން ވަކިކުރުން، ނުވަތަ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވުމާއި މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ (ނޯޕޭ ލީވް) އަށް ފޮނުވައިފައިވުމުގެ އިތުރުން މުސާރައިގެ ގޮތުގައި ލިބޭ އަދަދުން ބައެއް އުނިކޮށްފައިވާނަމަ ކުރިމަތިލެވޭނެ އެވެ.

މީގެ ކުރިން އެލަވެސް ދެމުން ގޮސްފައިވަނީ މާޗު މަހުން ފެށިގެން އާމްދަނީ އަށް ނުވަތަ ވަޒީފާ އަށް އަސަރުކޮށްފައިވާ ފަރާތްތަކަށެވެ.

ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި 5،000 ރުފިޔާ ދޭއިރު، ނޯޕޭ އަށް ފޮނުވާފައިވާ ފަރާތްތަކަށްވެސް 5،000 ރުފިޔާގެ އިނާޔަތެއް ދެއެވެ. މުސާރައިގެ ގޮތުގައި ލިބޭ އަދަދު އުނިކޮށްފައިވާފަރާތެއްނަމަ، އެފަދައިން އުނިކުރާ އަދަދު އުނިކުރުމަށްފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ 5000 ރުފިޔާ އަށްވުރެ ދަށް އަދަދެއް ނަމަ، 5000 ރުފިޔާ އިންް މިހާރު ލިބޭ މުސާރައިގެ އަދަދު އުނިކުރުމުން ޖެހޭ އަދަދު ދޭނެއެވެ.

މި އެލަވެންސް ދެނީ ރާއްޖޭގައި ވަޒީފާ އަދާކުރާ އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ ދިވެހިންނަށެވެ. އަދި އެމީހަކީ އެކެއް ޑިސެމްބަރު 2019 އިން ފެށިގެން އެލަވެންސް އަށް އެދި ހުށަހަޅަން އޮންނަ ތާރީހާއި ހަމައަށް އެއްވެސް އިރެއްގައި ވަޒީފާގައި ދެމިހުރި ފަރާތަކަށް ވާންޖެހެއެވެ.

އެލަވެންސް ހޯދުމަށް އެދޭ ފަރާތަކީ ސަރުކާރުން ހިންގާ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގެތެރެއިން ކަނޑައެޅޭ ޕްރޮގްރާމެއްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައި ވާންޖެހޭނެ ކަމަށް އެލަވެންސް ދިނުމުގެ ޝަރުތުގެ ތެރޭގައި ބުނެފައިވެ އެވެ.

މީގެެ އިތުރުން އަމިއްލަ މަސައްކަތްކުރާ މީހުންގެ ތެރެއިން އާމްދަނީ އަށް އަސަރުކޮށްފައިވާ މީހުންނަށްވެސް 5،000 ރުފިޔާގެ އެލަވެންސް ލިބޭނެ ކަމަށް އުސޫލު ބުނެއެވެ. މި އުސޫލުގައި ބުނާގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު އެކެއްގެ ފަހުން އެމީހަކަށް ލިބެމުން ދިޔަ އާމްދަނީ މެދުކެނޑިފައިވާ ނުވަތަ އާމްދަނީ އަށް އަސަރުކޮށްފައިވާ މީހުންގެ ތެރެއިން މާޗު އެކަކާއި ހަމައަށް އަމިއްލަ އަށް މަސައްކަތްކޮށްގެން އާމްދަނީ ހޯދަމުން ގޮސްފައިވާ އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ ދިވެހިންނަށް މި އެލަވެންސް ލިބޭނެއެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ދާދިފަހުން ވަނީ އިންކަމް ސްޕޯޓް ގިނަ ބަޔަކަށް ދެވޭ ގޮތަށް ބަދަލު ގެންނަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިހާތަނަށް 8,488 ފަރާތަކަށް 35 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355