ދައުލަތުގެ ބައެއް އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އަހަރަކު އެއްފަހަރު އޮޑިޓާ ޖެނެރަލަށް ހުށަހަޅުއްވަންޖެހޭ މާލީ ބަޔާން ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމާއި އިތުރު 4 މިނިސްޓަރުން ހުށަނާޅުއްވާކަމަށް އޮޑިޓާރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ދަށުން ބައެއް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މާލީ ބަޔާން ކޮންމެ އަހަރަކު އޮޑިޓާ ޖެނެރަލަށް ފޮނުވަން ޖެހެ އެވެ.
މާލީ ބަޔާން ހުށަނާޅާ 4 މިނިސްޓަރުންނަކީ މިނިސްޓަރު އިމްރާން އަބްދުﷲ އާއި ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާއި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އަދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު.
އޮޑިޓާ ޖެނެރަލްގެ އޮފީހުން މިދިޔަ މަހު ފަހުކޮޅު އާއްމުކުރި ލިޔުންތައް ބުނާގޮތުން، މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހުގަ އާއި މަގާމުގައި އެއް އަހަރު ވުމުން ހުށަހަޅުއްވަންޖެހޭ މާލީ ބަޔާން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހުށަހެއް ނާޅުއްވަ އެވެ.
އެ އޮފީހުން ބުނިގޮތުގައި، މި ސަރުކާރުގެ ކުރީގެ ބައެއް މިނިސްޓަރުން ވެސް ގަވައިދުން މާލީ ބަޔާން ހުށަހެއް ނާޅުއްވަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޖިންސީ ގޯނާގެ ތުހުމަތުގައި މަގާމުން ވަކިކުރި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފެވެ.
އެ ދެ ބޭފުޅުން ވެސް މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހުގަ އާއި މަގާމުގައި އެއް އަހަރު ވުމުން ހުށަހަޅުއްވަން ޖެހޭ މާލީ ބާޔާން ހުށަނާޅުއްވާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.
އަދި ހައުސިން މިނިސްޓަރުކަމުން ދާދި ފަހުން އިސްތިއުފާ ދެއްވި އައިމިނަތު އާތިފާ ވެސް މިދިޔަ އަހަރުގެ މާލީ ބަޔާން ހުށަނާޅުއްވާ ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެ އެވެ.
ޕީޖީ ޝަމީމް ހުށަހަޅުއްވާފައި ނުވަނީ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ހުށަހަޅުއްވަން ޖެހޭ މާލީ ބަޔާނެވެ.