twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ގާނޫނީ ކޮލަމް: ވަޒީފާގެ މާޙައުލުގައި ޖިންސީގޯނާއާއި ކުރިމަތިވޭތަ؟

Aug 20, 2020
1

އެކުގައި މަސައްކަތްކުރާ މުވައްޒަފެއްގެ ފަރާތުން ބޭއަދަބީ ބަސްތައް އަމާޒުވޭތޯ؟ ވަޒީފާގެ ބަދަލެއްގެ ގޮތުން ކަމުގައިބުނެ އޮފީހުގެ އިސްވެރިޔަކު، ރުހުމެއްނެތި އަތްލީތޯ؟ ނުވަތަ ވަޒީފާގައި ކުރިއެރުން ދޭނެ ކަމުގައިބުނެ، ބަދުއަޚްލާޤީ ޢަމަލު ހިންގުމަށް އެދުނުތޯ؟ މިއީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި މަދުން ނަމަވެސް، ވަޒީފާގެ މާޙައުލުގައި މުވައްޒަފުންނާއި ކުރިމަތިވާ ކަންކަމެވެ. އަދި މިއީ ޖިންސީ ފުރައްސާރަ ނުވަތަ ޖިންސީ ގޯނާގެ ސިފަ އެކުލެވިގެންވާ ޢަމަލުތަކެވެ. އެހެންކަމުން، ޖިންސީފުރައްސާރައަށް ޤާނޫނީ ނަޒަރަކުން ބަލާލަމާތޯއެވެ؟

ވަޒީފާގެ މާޙައުލުގައި ޖިންސީގޯނާއާއި ކުރިމަތިވޭތަ؟

އެޢަމަލު ރައްދުވާ މީހާއަށް، ޖިންސީ ނިޔަތެއް ސިފަކުރެވިގެން ނުވަތަ ދޭހަވެގެން ނުވަތަ އެނގިގެންދާފަދަ ގޮތެއްގައި، ޢަމަލުން، ބަހުންނާއި ވާހަކައިން، ލިޔުމުން، ކުރެހުމަކުން ނުވަތަ ތަސްވީރަކުން، އިއްވާ އަޑަކުން ނުވަތަ ކުރާ އިޝާރާތަކުން ސިފަކޮށްދޭ ސިފަކޮށްދިނުމަކުން، ނުވަތަ އެނޫންވެސް ގޮތެއްގައި ސީދާގޮތެއްގައި ނުވަތަ ނުސީދާގޮތެއްގައި ކުރެވޭ ކޮންމެ ކަމެއްވެސް ބެލެވޭނީ، ޖިންސީ ފުރައްސާރަ ނުވަތަ ގޯނާގެ ތެރޭގައެވެ. ވަޒީފާގެ މާޙައުލުގައި ޖިންސީ ފުރައްސާރަ ނުވަތަ ގޯނާ ކުރުމަކީ ކުށެކެވެ. މިސާލަކަށް، އޮފީހުގެ އިސްވެރިއެއްގެ ފަރާތުން ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ ނުވަތަ ގޯނާގެ ޢަމަލުތައް ތިމާ ބަލައިގެންފިނަމަ، ވަޒީފާގެ ކުރިއެރުމެއް ނުވަތަ މުސާރަ ބޮޑުކޮށްދޭނެ ކަމުގައި ބުނުމަކީ، ޖިންސީ ފުރައްސާރައެކެވެ.

ޖިންސީ ފުރައްސާރަ ނުވަތަ ޢަމަލު ދެނެގަތުން

މީހަކާއި ދެކޮޅަށް، ޖިންސީ ފުރައްސާރަ ނުވަތަ ގޯނާގެ ޢަމަލެއް ހިންގައިފިކަމަށް ނިންމުމުގައި ބަލާނީ، އެޢަމަލެއް ހިންގި ގޮތާއި ތަނާއި އަދި އެޢަމަލު ހިންގުމުގައި އެކުލެވޭ އެހެނިހެން ކަންތައްތަކަށް ރިޢާޔަތްކޮށް، އެޙަލާތުގައި އެ ޢަމަލަކީ ޖިންސީ ފުރައްސާރަ ނުވަތަ ގޯނާ ކަމުގައި، ސަލާމަތުން ބުއްދިހުރި މީހަކަށް ޤަބޫލުކުރެވޭނެފަދަ ގޮތަކަށް އެކަން ހިނގާފައިވޭތޯއެވެ. މިސާލަކަށް، އެއިޝާރާތަކީ މުޖުތަމަޢުގައި ބަދުއަޚުލާޤީ ޢަމަލެއް ހިންގުމަށް ދަޢުވަތުދިނުމަށް ބޭނުންކުރެވޭ އިޝާރާތަކަށްވެފައި، އަދި އެ އިޝާރާތް، އެކުގައި މަސައްކަތްކުރާ މުވައްޒަފަކު އަނެއް މުވައްޒަފަކަށް ބޭނުންކޮށްފިނަމަ، އެއީ ޖިންސީ ފުރައްސާރައިގެ ތެރޭގައި ހިމެނޭނެ ޢަމަލެކެވެ.

މިފަދަ ޢަމަލުތައް ހުއްޓުވުމުގައި ވަޒީފާދޭ ފަރާތުގެ ޒިންމާތައް

ވަޒީފާ ލިބޭނީ ނުވަތަ ވަޒީފާ ދިނުމުގެ މިންގަނޑެއް ކަމުގައި ބަލާނީ ނުވަތަ ނުވަތަ ވަޒީފާގައި ދެމިހުރުމާއި ވަޒީފާގެ ކުރިއެރުން ލިބޭނީ، މިފަދަ ޢަމަލުތައް ބަލައިގަނެގެން ކަމުގައި އެމުވައްޒަފަކަށް ޤަބޫލުކުރެވޭނެފަދަ ގޮތަކަށް ވަޒީފާދޭ ފަރާތުގެ ބަހުރުވަ ނުވަތަ ޢަމަލުތައް ބަހައްޓައިގެން ނުވާނެއެވެ. އަދި ވަޒީފާގެ މާޙައުލުގައި ދިމާވާ މިފަދަ ޢަމަލުތައް ރިޕޯޓުކުރުމުގެ ސަބަބުން، ނުވަތަ އެފަދަ މައްސަލައެއްގައި ހެކިބަސް ދިނުމުގެ ސަބަބުން ނުވަތަ އެފަދަ މައްސަލައެއް ހުށަހަޅާ ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ސަބަބުން، ވަޒީފާގެ ކުރިއެރުން ލިބުމުން ނުވަތަ އެހެނިހެން ޙައްޤުތަކުން ވަޒީފާ އަދާކުރާފަރާތް މަޙުރޫމް ނުކުރުމަކީ، ވަޒީފާދޭފަރާތުގެ މަސްޢޫލިއްޔަތެކެވެ.

ހަމައެހެންމެ، ވަޒީފާގެ މާޙައުލަކީ މިފަދަ ޢަމަލުތަކުން ސަލާމަތްވެގެންވާ ރައްކާތެރި މާޙައުލަކަށް ހެދުމަކީވެސް ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ. މީގެއިތުރުން، ޖިންސީ ފުރައްސާރަ ނުވަތަ ގޯނާގެ މައްސަލައެއް އެއޮފީހެއްގައި ހިނގައިފިނަމަ އެމައްސަލައެއް ހުއްޓުވައި، ވަކިފަރާތަކަށް ނުޖެހި ޒާތީ ތަޢައްޞުބުން އެއްކިބާވެ، އެމައްސަލައެއްގައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުމަކީވެސް، ވަޒީފާދޭ ފަރާތުގެ މައްޗަށް ޤާނޫނު ލާޒިމުކުރާކަމެކެވެ. އަދި މިފަދަ މައްސަލައެއް ހިނގާކަން އެނގިތިބެ، އެކަން ހުއްޓުވަން މަސައްކަތްނުކުރުމުގެ ސަބަބުން މައްސަލަ ރައްދުވިފަރާތަށް ލިބޭ ގެއްލުމުގެ ބަދަލުގެ ޒިންމާ ނަގަންޖެހޭނެ ފަރާތަކީ، ވަޒީފާދޭފަރާތެވެ. ހަމައެފަދައިން ޖިންސީ ފުރައްސާރަކުރުމަކީ ކުށެއްކަމަށާއި، އެފަދަކަމެއް ހިންގައިފިނަމަ އެޅޭނެ ފިޔަވަޅުތައް މުވައްޒަފުންނަށް ކިޔައިދިނުމާއެކު، އެއޮފީހަކަށް ޚިދުމަތް ހޯދުމަށް އަންނަފަރާތްތަކަށް ފެންނާނެގޮތަށް ބެހެއްޓުމަކީވެސް ވަޒީފާދޭފަރާތުގެ މައްޗަށް ޤާނޫނުން ލާޒިމުކުރާކަމެކެވެ.

ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ

ވަޒީފާގެ މާޙައުލުގައި ދިމާވާ ޖިންސީ ފުރައްސާރަ ނުވަތަ ގޯނާގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށްޓަކައި، 30 މުވައްޒަފުންނަށްވުރެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރާ ކޮންމެ އޮފީހެއްގައިވެސް ޖިންސީ ފުރައްސާރަ ނުވަތަ ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީއެއް އެކުލަވާލަންޖެހޭނެއެވެ. އެއޮފީހެއްގައި ހިނގާ ޖިންސީ ފުރައްސާރައާއި ގޯނާގެ މައްސަލަތަކުގެ ޝަކުވާ ހުށަހަޅަންޖެހޭނީ މިކޮމިޓީއަށެވެ. މިފަދައިން ހުށަހެޅޭ ޝަކުވާތަކާއި ތުޙުމަތުތަކާއި ގުޅިގެން، އެމައްސަލައެއް ތަޙުޤީޤު ކުރުމަށްޓަކައި ނަގަންޖެހޭ ހެކިބަސްނަގައި، ހޯދަންޖެހޭ ލިޔެކިޔުންތައް ހޯދާނީ މިކޮމިޓީއިންނެވެ. އަދި އެފަދަ މައްސަލައެއް ސާބިތުވެއްޖެނަމަ، ވަޒީފާއާއިބެހޭ ޤާނޫނާ ޚިލާފުނުވާ ގޮތުގެމަތިން އެމީހަކާއިމެދު ފިޔަވަޅުއަޅާނީވެސް މިކޮމިޓީއިންނެވެ.

ނިންމުން

ވަޒީފާގެ މާޙައުލުގައި ޖިންސީ ފުރައްސާރަ ނުވަތަ ގޯނާއާއި ކުރިމަތިވަނީ ހަމައެކަނި އަންހެނުންނަށް ކަމުގައި ޤަބޫލުކުރުމަކީ ކުށްހީއެކެވެ. މިއީ ދެޖިންސަށްވެސް ކުރިމަތިވާ ކަމެކެވެ. މަސައްކަތުގެ މާޙައުލަކީ، އެންމެނަށް ރައްކާތެރި އަމާން މާޙައުލަކަށް ހެދުމަކީ އެންމެންގެވެސް ޒިންމާއެކެވެ.

އާޓިކަލް ލިޔުނީ ޠާހިރާ ޢުމަރު

އަލްއުސްތާޛާ ޠާހިރާ ޢުމަރަކީ ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުގެ ވަކީލެކެވެ. މިއީ ޢާންމު ޙޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި، ނަޝީދު އެންޑް ކޯ އުތުރު ބްރާންޗުން އެކުލަވާލާފައިވާ ލިޔުމެކެވެ. މިއީ، ޤާނޫނީ ލަފާކަމުގައި ނުބެއްލެވުންއެދެމެވެ. ދިމާވާވަކި ޤާނޫނީ މައްސަލަތަކުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ، އެކަމަކަށް ވަކިން ޤާނޫނީލަފާ ހޯއްދެވުމެވެ.

ނަޝީދު އެންޑް ކޯ އުތުރު ބްރާންޗު
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355