twitterviber whatsapp telegramfacebookyoutube instagram
22nd October 2024

ގިތެޔޮމިރުސް: މި ހަމަ ރަނގަޅު ގޭގަ ހައްދަން!

Aug 21, 2020

ގަސް އިންދާ ހެއްދުމާއި ގަހުގެ ވިޔަފާރިއަކީ މުޅި ރާއްޖޭގައި ވެސް މި ދުވަސްވަރު ވަރަށް އާންމު ކަމެކެވެ. ގޭތެރޭގައި ގަސް އިންދުމަކީ ވަރަށް ގިނަ މީހުނަށް އެކަމުގެ ސަބަބުން އުފާވެރިކަމާއި ހިތްހަމަޖެހުން ގެނުވާ ކަމެކެވެ. އެ ގޮތުން މި ދުވަސް ވަރު ކުޅުދުއްފުށީގައި ވެސް އާދަޔާޚިލާފަށް ގިނައިން މީހުން ގޭގެ ގޯތިތެރެ، ސިޓިންރޫމް، ނިދާ ކޮޓަރި، ވަޅުދޮށް އަދި ބަދިގޭގައި ވެސް ގަސް އިންދާތަން ފެންނަމުން ދެއެވެ. މިގޮތުން އާންމު ގޮތެއްގައި މީހުން ހައްދަނީ ބަގީޗާގަހެވެ. ނަމަވެސް ގޭގައި އޮންނަ ހުސްބިމުގައި އެކި ވައްތަރުގެ މޭވާ އަޅާ ގަސްތައް ހައްދާކަން މަދުން ނަމަވެސް ފާހަގަ ކުރެވެއެވެ. ކޮންމެ ވައްތަރެއްގެ ގަހެއް ކަމުގައި ވިޔަސް އެކަމުގެ ސަބަބުން ހިތްހަމަޖެހުން ލިބޭކަމަށް ވާނަމަ އެއީ ހަމަ ފައިދާހުރި ކަމެކެވެ.

ކުޅުދުއްފުއްޓަކީ ބިމުގެ ގޮތުން ދަތި ރަށަކަށްވާތީ މޭވާއާއި ތަރުކާރީ ނުވަތަ ފަލަމަޑީގެ ބާވަތްތައް ހައްދާނެ މާބޮޑު ބިމެއް މިރަށަކު ނޯވެއެވެ. ނަމަވެސް ގޭތެރޭގައި އޮންނަ ހުސްތަން ނުވަތަ ޓެރެސް މަތީގައި އޮންނަ ހުސްތަނުގައި ވެސް ގޭގެ އެންމެން ބޭނުންކޮށްފައި ބާކީވާވަރަށް ވެސް ބައެއް ކަހަލަ މޭވާ ނުވަތަ ތަރުކާރީ ހެއްދިދާނެކަން މިހާރުވެސް ކުޅުދުއްފުށީގެ ބައެއް ރައްޔިތުން ދަނީ ސާބިތުކޮށްދެމުންނެވެ.

އެގޮތުން މި މަޒުމޫނުގައި ގެނެސްދޭން މި ގަސްތުކުރަނީ ކުޅުދުއްފުށިން ގަންނަން ލިބޭ ތަކެތި ބޭނުންކޮށްގެން ވަރަށް ފަސޭހައިން ގިތެޔޮމިރުސް ހެއްދިދާނެ ގޮތެކެވެ.

މިރުސް އޮށް އިންދުން

މިރުސް ހެއްދުމަށްޓަކައި ބަލި ނުޖެހޭ މުޑުވައް ރަނގަޅު މިރުހަކުން އޮށް ނެގުމަކީ ވަރަށް މުހިންމު ކަމެކެވެ. މިރުސް އޮށް އިންދުމަށްޓަކައި ވެލިގަނޑު ތައްޔާރުކުރާ ރޭޝިއޯއަކީ އާދައިގެ 1 ވެއްޔަށް 2 ބޮނބިކުނޑި އަދި 1 ޔުނިގްރޯއެވެ. އޮށް އިންދުމަށްޓަކައި ހަންބުރި ނޫނީ ޓްރޭ ވެސް ބޭނުން ކުރެވިދާނެއެވެ. އޮށް އިންދުމަށްޓަކައި އެއްކުރި ވެލި ޓްރޭއަށް އެޅުމަށް ފަހު، އޮށް އިންދާނީ ކޮންމެ ދޭތެރެއެއްގައި 1 އިންޗީގެ ދުރުމިން ބަހައްޓައިގެނެވެ. މިހެން ހެދުމުގެ ބޭނުމަކީ ގަސްތައް ރުވުމަށް ޓަކައި ޓްރޭއިން ނެގުމަށް ފަސޭހަކުރުމެވެ.

އެންމެ ފުރަތަމަ ފަޅާ ދެފަތުގެ އިތުރުން ފަތެއް ފެޅުމާއެކު ކާނާ ދޭން ފަށަން ވާނެއެވެ. އެގޮތުން އެންމެ ފުރަތަމަ ބޭނުން ކޮށްލަން ރަނގަޅީ ބީ 1 ނުވަތަ މެކްސީ ކްރޮޕެވެ. މިހެން ހެދުމުން ފަޅާފައި ހުރި ގަހުގެ މޫތައް ވަރުގަދަވާނެއެވެ. އެ ކާނާ ދޭތާ ތިން ދުވަސް ފަހުން ނައިޓްރޯޖަންގެ ބައި ނުވަތަ ގަސް ފެހި ކޮށްލައި ފަތްތައް ބޮޑުކޮށްލުމަށް 30.10.10 ގެ ކާނާ ދޭން ވާނެއެވެ. ރަނގަޅީ ހަފްތާއަކު ދެފަހަރު ދިނުމެވެ. ގަސްތައް ބަހައްޓަންވާނީ އަވިދޭ ގޮތަށް ކަޅު ދަލުގެ ދަށުގައެވެ.

ކޮތަޅަށް ބަދަލުކުރުން

ފުރަތަމަ ފަޅާ ފަތުގެ އިތުރުން މަތީގައި ވާ ފޮޓޯއިން ފެންނަ ގޮތަށް އަސްލު ފަތުގެ ދެ ފަތް ފެޅުމުން ކޮތަޅަށް ބަދަލުކޮށްލަން ވާނެއެވެ. ކޮތަޅަށް ބަދަލުކޮށްލައިފައި 2 ދުވަސް ފަހުން 16.16.16 އޮށް ކާނާ ގާތްގަނޑަކަށް 4 ފުށް ކޮންމެ ކޮތަޅަކަށް އަޅާލަން ވާނެއެވެ. އަދި ހަފްތާއަކު އެއްފަހަރު 20.20.20 ގިރާފައި ސްޕްރޭކޮށްލަން ވާނެއެވެ. ފެންދޭނީ ބަލައިގެން ޗަކަ ނުވާ ވަރަށެވެ. ކޮތަޅުގައި ގަސް އިންދުމަށްޓަކައި 2 ވެލި 1 ބޮނބިކުނޑި 1 ޔުނިގްރޯ ބޭނުންކުރުން ރަނގަޅުވާނެއެވެ.

ބިމަށް ނުވަތަ ޕޮޓަށް ބަދަލުކުރުން

ގަސްތައް ބިމަށް ނުވަތަ ޕޮޓަށް ބަދަލުކުރާނީ، ގަހުގައި 7 ފަތް ޖެހުމުންނެވެ. ޕޮޓުގައި ގަސް އިންދުމަށްޓަކައި ކޮތަޅަށް ގަސް ބަދަލުކުރިއިރު ތަޔްޔާރު ކުރި ރޭޝިޔޯގައި ވެލި ތައްޔާރުކުރުން ރަނގަޅުވާނެއެވެ. ގަސް ބަދަލުކޮށްލާ ދުވަހު ބީ1 ނޫނީ މެކްސީ ކްރޮޕް ދިނުން ވަރަށް މުހިންމުވާނެއެވެ.

ފޮޓޯއިން ތިޔަ ފެންނަނީ ގަސްތައް ބިމަށް ބަދަލުކުރުމަށްފަހު 20 ދުވަސް ފަހުން ގަސްތައް ހުރި ގޮތެވެ. ބިމަށް ބަދަލު ކުރުމަށް ފަހު ވެސް ބީ1 ދެ ފަހަރަކު ބޭނުން ކޮށްލަން ވާނެއެވެ. ދެން ކޮންމެ ހަފްތާއަކު 1 ފަހަރު 20.20.20 ގިރާފައި ގަސްބުޑަށް އަޅާށެވެ. މީގެ އިތުރަށް 8.24.24 އޮށްކާނާ ކޮންމެ 15 ދުވަހަކުން 1 ފަހަރު އަޅަން ވާނެއެވެ. ގަސް ފުރިހަމައަށް ހެދުމަށް އަވި ވަރަށް މުހިންމުވާނެއެވެ. ނަމަވެސް މާ ގަދަ އަވި ލިބޭނަމަ ގަސްތައް އަވިން ސަލާމަތް ކުރުމަށް 50 އިންސައްތަ ކަޅުދަލެއް ގަސްތަކުގެ މަތީގައި ދަމާލަންވާނެއެވެ.

ހުސް ބޮނބިކުނޑީގައި، އަލްބާރޓް ސޮލިއުޝަން ބޭނުންކޮށްގެން ވެސް މިރުސް ހެއްދޭނެއެވެ. ވިސްނަންވީ ގުރުޑު ވުމާއި ފަންގަސް ބަލިތައް ވީހާވެސް މަދުކުރެވޭތޯއެވެ.

މިރުސް ގަހަށް ދިމާވާ އެކިއެކި ބަލިތަކުން ސަލާމަތްކުރުން

އާއްމުކޮށް ދަނޑުވެރިކަން ކުރާއިރު ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ގަސްތަކަން ޖެހޭ ބަލިތަކުން ސަލާމަތް ނުކުރެވި ދަނޑުތައް ހަލާކުވެގެން ދިޔުމެވެ. އެގޮތުން މިރުސްގަހަކީ ވެސް ފަންގަސް ބަލި، ގުރުޑު އަދި ކޫޑީގެ މައްސަލަތައް ވަރަށް ގިނައިން ދިމާވާ ގަހެކެވެ.

މިރުސްގަހަށް ދިމާވާ އެންމެ އާންމު ބައްޔަކީ ގުރުޑުވުމެވެ. ގުރުޑުވާން ދިމާވާ ސަބަބުތަކުގެ ތެރޭގައި، ގަހަށް ބޭނުންވާ ވަރަށް ކާނާ ނުލިބުން، ތުރިޕްސް، އެޕިޑްސް، މައިޓްސް، ފަންގަސް، ކޫޑި އަދި ވައިރަސް ހިމެނެއެވެ. އެހެން ކަމުން ގަހަށް ފަރުވާކުރުމުގެ ކުރިން ބަލީގެ އަސްލު ދެނެގަނެ އެކަމަކަށް ޚާއްޞަ ފަރުވާއެއް ކުރުން ވަރަށް މުހިންމެވެ.

މިރުސް ގަހަށް ބޭސްކުރުމުގައި އެންމެ އިސްކަމެއް ދޭންވާނީ ކެމިކަލް ބޭސް ވީހާވެސް ބޭނުން ނުކޮށްވޭތޯ ބެލުމަށެވެ. އަދި މީގެ އިތުރުން ދަނޑުތެރެ ސާފުތާހިރުކުރުން، އެއްވެސް ވަރަކަށް ވިނަ ނުބެހެއްޓުން، ދަނޑުގެ ވަށައިގެން އިންސެކްޓް ރިޕެލެންޓް ނުވަތަ އެފަދަ ގަސް އިންދުން ފަދަ ކަންކަމަށް ސަމާލުކަންދޭން ވާނެއެވެ. މިސާލަކަށް ސަނދުބަރަކާ ގަހަކީ މިރުސް ދަނޑުގެ ވަށައިގެން އިންދަން ރަނގަޅު ގަހެކެވެ. އަދި ސްޓްކީ ޓްރެޕް ވެސް ބޭނުން ކުރެވިދާނެއެވެ. އަދި މީގެ އިތުރުން 2 ގަސް ދޭތެރޭގައި ހުންނަންޖެހޭ ދުރުމިން ބެހެއްޓުމާއި ކޮންމެ ދުވަހަކު ގަސްތައް މޮނިޓާރކުރުމާއި އަދި ނުރައްކަލެއް އަތުވެދާނެކަމަށްޓަކައި ނީމް އޮއިލް ކަހަލަ އިންސެކްޓް ރިޕެލެންޓެއް ކޮންމެ 14 ދުވަހަކުން 1 ފަހަރު ބޭނުންކުރުން ވަރަށް މުހިންމެވެ.

އާޓިކަލް ލިޔުނީ: އަބުދުﷲ އާދަމް

ނޯޓް: މި މަޒުމޫނުގައި ހިމަނާފައިވާ ފަންނީ މަޢުލޫމާތުތަކަކީ މަޝްހޫރު ޕްރައިމް ފާރޓިލައިޒާރގެ ޠާޙާ ޢަލީ ހިއްސާކުރައްވާފައިވާ މައުލޫމާތުތަކާއި ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގެ އެގްރިކަލްޗަރ އޮފިސަރ އަބޫބަކުރު މުޙައްމަދު ހިއްސާކުރެއްވި މަޢުލޫމާތުތަކުގެ އިތުރުން ޑރ. ޙަސަން ޙަމީދުގެ ވެބްސައިޓްގައި ގަސް ހެއްދުމާއި ބެހޭގޮތުން ލިޔުއްވާފައިވާ މަޒުމޫނުތައް އަސްލެއްކަމަށް ބަލައިގެން ހިމަނާފައިވާ މައުލޫމާތުތަކެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355