ޒުވާނުންނަކީ ރަށުގެ ކުރިއެރުމާއި ތަރައްގީއަށް މަސައްކަތް ކުރުމަށް އެންމެ ކުރީ ސަފުގައި ނުކުމެ ތިބޭ މީހުންނެވެ. ރަށު ފެންވަރުގައި ކުރެވޭ ކޮންމެ މަސައްކަތެއްގައި ޒުވާނުންގެ ދައުރަކީ މުހިއްމު އަދި ރަށުގެ އެކުވެރިވަންތަކަން ދައްކުވައިދޭ ކަމެކެވެ.
މިފަދަ ނަމޫނާއެއް ހއ އިހަވަންދޫގެ ޒުވާން ޓީމެއްގެ ފަރާތުން މި ވަނީ ފެނިގެން ގޮސްފައެވެ. ރަށުގެ އިރު އުތުރު ފަރާތުގެ ގޮނޑުދޮށް ސަރަހައްދު ސާފުކޮށް އެ ރަށުގެ 7 ޒުވާނުންގެ އިސްނެގުމުގެ މަތިން މިވަނީ ރައްޔިތުންނަށް ހިތްގައިމު މައިޒާނެއް ގާއިމްކޮށްދީފަ އެވެ.
ގާތްގަނޑަކަށް 2 މަސް ދުވަހުގެ މަސައްކަތްތައް ފަހު މިދިޔަ ހުކުރު ދުވަހު "މިސްކިތް މަގު މައިޒާން" ގެ ނަމުގައި މި ތަން ހުޅުވާފައިވާއިރު ތަނަކީ އެންމެ ޒަމާނީ ފެންވަރަށް ތައްޔާރުކޮށްފައިވާ ތަނެއްކަން ފާހަގަކޮށްލެވެ.
މައިޒާން ހެދުމުގައި އިސްކޮށް އުޅުނު ފަރާތްތެއްކަމަށްވާ ރީހާން "ކޭއޯ" އަށް މައުލޫމާތު ދެމުން ބުނީ އެސަރަހައްދުގައި މައިޒާނެއް އެޅުމަކީ ވަރަށް ކުރިން ފެށިގެން ދެކެމުން އައި ހުވަފެނެއްކަމަށާއި މީގެ ކުރިންވެސް ރޯދަމަހާއި ދިމާކޮށް އެ ސަރަހައްދުގައި ޖޯލިފަތި ޖަހާ ހަދާ ކަމަށެވެ.
ކޮފީ މޭޒެއްގެ މަތިން 7 އެކުވެރިންގެ ތެރޭ އުފެދުނު ހިޔަލާއެއްގޮތަށް އެރަށު ކައުންސިލުގެ ހުއްދައާއި އެއްބާރުލުމާއެކު މައިޒާން ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިގަތީ ޖޫން 25 ވަަނަ ދުވަހުއެވެ.
ރީހާން ބުނީ އެ މަސައްކަތައިގެން ކުރިއަށް ދިއުމުގެ އެންމެ ބޮޑު ހިތްވަރަކީ ރައްޔިތުންގެ ފަރާތުން ލިބުނު ތަރުހީބާ އެހީތެރިކަން ކަމަށެވެ. އެގޮތުން ރަށުގެ ވިޔަފާރިވެރިންނާއި ރައްޔިތުންގެ ފަރާތުން އެތަން ހެދުމަށް ސްޕޮންސައާއި ތަނަށް ބޭނުންވާ ތަކެތި ލިބުނު ކަމަށެވެ. މީގެ އިތުރުން ފެނަކައާއި ރަށު ކައުންސިލްގެ ފަރާތުން ލިބުނު އެހީތެރިކަންވެސް ރީހާން ފާހަގަ ކުރިއެވެ.
ފިނި މައިޒާންތަކާއި ޖޯލިތަކުގެ އިތުރުން އެތަނުގައި ބާބަކިއުވެސް ހެދޭނެގޮތައް ދެ ބާބަކިއު ސްޓޭންޑާއި ފެންވެރޭނެ ދެ މާގަނޑުވެސް ބަހައްޓާފައި ވެއެވެ. އަދި ތަން ތަރައްގީކޮށްފައިވަނީ ރޭގަނޑުވެސް މޫދު އެރެވޭނެ ގޮތަށެވެ.
މައިޒާން ހަދާފައިވާ ސަރަހައްދު ސާފުކުރުމާއި ހަމައިން ފެށިގެން ތަނަށް ބޭނުންވާ ތަކެތި ހަދާ އެތަކެތި ހަރުކުރުމުގެ ހުރިހާ މަސައްކަތެއްގައި އުޅުނީ މި 7 ޒުވާނުންނެވެ. މަސައްކަތަށް ގާތްގަނޑަކަށް އެއްލައްކަ ފަންސާސް ހާސް ރުފިޔާ ހަރަދުވެފައިވާނެ ކަމަށް ރިހާން ބުންޏެވެ.
މިއީ ކައުންސިލްގެ ހުއްދައާއެކު ރަށުގައި ރަސްމީކޮށް ހުޅުވުނު މި ފަދަ ފުރަތަމަ މައިޒާން ކަންވެސް އޭނާ ފާހަގަ ކުރިއެވެ.
މައިޒާނާއި ހިސާބުން މި ޒުވާނުން ހިންދަމާލާކަށް އަދި ބޭނުމެއް ނުވި އެވެ. މައިޒާން ސަރަހައްދުގައި ކުޑަކުދިންނަށް ހާއްސަކޮށް ޕާކެއް އެޅުމަށްވެސް ވަނީ ނިންމާފައެވެ. އެގޮތުން މިހާރު ޕާކު އެޅުމަށް ސަރަހައްދު ކަނޑައަޅާފައިވާއިރު ތަނަށް ބޭނުންވާ ސާމާނު ވަރަށް އަަވަހަށް ލިބިގެން ދާނެ ކަމަށް ރީހާން ބުންޏެވެ.