މިދިޔަ ޖުލައިމަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން (ކޭއާރުއެޗް) ދިހަހާހަށްވުރެގިނަ މީހުން ހިދުމަތް ހޯދާފައިވާކަން ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު މާލެ ސަރަހައްދަށް ބޭސްފަރުވާ ހޯދުމަށް ހުރި ދަތިތަކުގެ ސަބަބުން މާލޭން އުތުރުގެ ގިނަ ބަޔަކު ހިދުމަތް ހޯދައި އަންނަ އެ މަންޒިލަކަށް މިވަނީ ކުޅުދުއްފުށީ ވެފައިވެ އެވެ. އެގޮތުން މާލެ އަތޮޅާއި ޅ އަތޮޅުގެ އިތުރުން ބ އަދި ރ އަތޮޅުންވެސް އެ ސަރަހައްދުތަކުގެ ހޮސްޕިޓާތަކުން ލިބެން ނުހުންނަށް ފަރުވާ ހޯދުމަށް މިހާރު އަންނަނީ ކުޅުދުއްފުއްޓަށެވެ.
މިއާއެކު އެ ހޮސްޕިޓަލުން ހިދުމަތް ހޯދައި ފަރާތްތަކުގެ އަދަދު ވަނީ ވަރަށް ބޮޑުތަނުން އުފުލިފައި އެވެ. ކޭއާރުއެޗުން ކޭއޯއަށް ހިއްސާކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ ޖުލައިމަހު އެ ހޮސްޕިޓަލުން 10145 މީހުން ހިދުމަތް ހޯދާފައިވެ އެވެ. އެ މުއްދަތުގައި މިދިޔަ އަހަރު ހިދުމަތް ހޯދާފައިވަނީ 8501 މީހުންނެވެ.
ޖޫންމަހު 9830 މީހުން ހިދުމަތް ހޯދިއިރު މެއިމަހާއި އެޕްރީލްމަހު މިއަދަދު ވަނީ ވަރަށް ބޮޑުތަކުން ދަށަށްގޮސްފައި އެވެ. އެގޮތުން މެއިމަހު 2945 މީހުން ހިދުމަތް ހޯދިއިރު އެޕްރީލްމަހުވަނީ 3723 މީހުން ހިދުމަތް ހޯދާފައި އެވެ. މިދިޔަ 2019 ވަނަ އަހަރުގެ ޖޫންމަހު އެ ހޮސްޕިޓަލުން ހިދުމަތް ހޯދާފައިވަނީ 7401 މީހުންނެވެ. ހަމަ އެއަހަރުގެ މެއިމަހު 6072 މީހުން ހިދުމަތް ހޯދިއިރު އެޕްރީލްމަހު 8554 މީހުން ހިދުމަތް ހޯދި އެވެ.
2020 ވަނަ އަހަރުގެ މާރޗުމަހު ކޭއާރުއެޗުން 8340 މީހުން ފަރުވާ ހޯދާފައިވާއިރު ފެބްރުއަރީމަހު 9412 މީހުން ފަރުވާ ހޯދާފައި އެވެ. އަދި މިއަހަރު ޖެނުއަރީމަހު 9295 މީހަކު ވަނީ ކޭއާރުއެޗުން ފަރުވާ ހޯދާފައި އެވެ. މިދިޔަ 2019 ވަނައަހަރު އެމުއްދަތުގެ ތެރޭގައި ހިދުމަތް ހޯދި މީހުންގެ އަދަދުތަކަށް ބަލާލާއިރު މާރޗުމަހު 8984 މީހުން ހިދުމަތް ހޯދިއިރު ފެބްރުއަރީމަހު 8245 މީހަކު ހިދުމަތް ހޯދި އެވެ. އަދި މިދިޔަ އަހަރުގެ ޖެނުއަރީމަހު 8943 މީހަކު ކޭއާރުއެޗުން ހިދުމަތް ހޯދާފައިވެ އެވެ.
ކޭއާރުއެޗުން ހިދުމަތް ހޯދައި މީހުން ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު އެ ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ވިދާޅުވީ ރަށުން ބޭރުން އަންނަ ފަރާތްތަކަށް ދަތިވާ ކަންތައްތައް ތަކުރާރުވިޔަ ނުދިނުމަށްޓަކާ މަސައްކަތްތަކެއް ހޮސްޕިޓަލުން ކުރަމުންދާ ކަމަށާއި އެގޮތުން ރަށުން ބޭރުން ހިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ހާއްސަ ގޮތްތަކެއް ހޯދައިދުމުގެ ގޮތުން އެ ރަށްރަށުގެ ހެލްތް ސެންޓަރުތަކާއި ފެރީގެ ހިދުމަތް ދޭ ފަރާތްތަކާ ވާހަކަ ދައްކަމުންގެންދާކަމަށެވެ.
މިދަތިތަކާއެކުވެސް ހޮސްޕިޓަލާ ކަމާ ގުޅުން ހުރި ސަރުކާރުގެ މުވައްސަސާތަކުގެ އެއްބާރުލުމާއެކު އާ ހިދުމަތްތަކެއް ތައާރަފްކުރެވި ގިނަ ކުރިއެރުންތަކެއްވެސް ހޯދިފައިވާކަން މެނޭޖަރު އަހުމަދު ފާހަގަކުރައްވަ އެވެ. އެކަމަކު އެ ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެން މައްސަލަތަކާއި އެހެނިހެން ހިދުމަތް ފޯރުކޮށްދިނުމަށް ހުރި ގޮންޖެހުންތަކުގެ މައްސަލަވެސް ބޮޑެވެ.
"އަދިވެސް އެބަހުރި ހިދުމަތް ހޯދާ ފަރާތްތަކަށް އެކަށީގެންވާ ހިދުމަތެއް ފޯރުކޮށްދިނުމުގައި ދަތިވާ ގިނަ ކަންތައްތަކެއް. އެގޮތުން އެންމެ ބޮޑަށް މި އަންނަނީ ޖާގައިގެ ދަތިކަން. އެޑްމިޓް ކުރާނެ އެނދު މަދުވުމުގެ ސަބަބުން އިތުރު ޕްރޮސީޖާތައް ފެށުމަށާއި ހިދުމަތްތައް ފުޅާ ކުރުމަށް ވެސް ދަތިކަން އެބަހުރި. އޭގެ އިތުރަށް ޕްރައިވެޓް ރޫމްސް އެއްގޮތަކަށް ވެސް ނެތުމުގެ ސަބަބުން ގިނަ ދަތިތަކެއް އެބަހުރި." އުތުރުގެ މައި ހޮސްޕިޓަލް، ކޭއާރުއެޗުގެ މެނޭޖަރު އަހުމަދު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، މިދުވަސްވަރުގެ ގޮތުން މެޑިކަލް ކޮންސިއުމަބްލްސް އަދި ފާމަސިއުޓިކަލްސް ލިބުމުގައިވެސް ދަތިތަކެއް އުޅޭ ކަމަށާއި އަދި ކޮންސަލްޓޭޝަން ރޫމްސް ވެސް އެކަށީގެންވާ ވަރަކަށް ނެތްކަން ފާހަގަކުރެއްވި އެވެ. އަހުމަދު ވިދާޅުވީ މުވައްޒަފުންގެ ދަތިކަމަކީވެސް ބޮޑު މައްސަލައެއް ކަމަށާއި ހާއްސަކޮށް ނަރުހުން އިންތިހާއަށް މަދުކަން ފާހަގަކުރެއްވި އެވެ. އެ މައްސަލަތައް ހައްލުކޮށް ދިނުމަށް ކަމާ ގުޅުން ހުރި ފަރާތްތަކުގައި އެދިފައިވާނެކަމަށް އޭނާ ވިދާޅުވި އެވެ.
ހެލްތް މިނިސްޓްރީން ހާމަކުރައްވާގޮތުގައި އެހޮސްޕިޓަލަކީ އަތޮޅުތެރޭގެ އެންމެ ގިނަ މީހުން ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލެވެ. އެވްރެޖްކޮށް ދުވާލަކު އެ ހޮސްޕިޓަލުން 300-400 ދެމެދުގެ އަދަދަކަށް މީހުން ހިދުމަތް ހޯދަ އެވެ.