ސްޓޫޑަންޓް ލޯނު ސްކީމް އާއި އެޑިޔުކޭޝަނަލް އެސިސްޓަންސް ލޯނު ސްކީމުގެ ދަށުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން މިއަހަރުގެ ނިޔަލަށް ފަސްކޮށްދީފި އެވެ.
މި ނިންމުމާއި ގުޅިގެން ބީއެމްއެލް އާއި ބީއޯސީ މެދުވެރިކޮށް ދަރިވަރުން ނަގާފައިވާ ނެޝަނަލް ސްޓޫޑަންޓް ލޯނު ސްކީމްގެ ލޯނުތަކާއި އެޑިޔުކޭޝަނަލް އެސިސްޓަންސް ލޯނު ސްކީމުގެ ލޯނުތަކުގެ އިތުރުން މީރާއަށް ފައިސާ ދެއްކޭ ގޮތަށް ހަމަޖެހިފައިވާ ލޯނުތައް އަނބުރާ ދައްކަންޖެހިފައިވާ ފަރާތްތަކުން މިއަހަރުގެ ނިޔަލަށް ސްޓޫޑެންޓު ލޯނަށް އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭނެ އެވެ.
ކޮވިޑާ ގުޅިގެން އިގްތިސާދަށް އަސަރުކޮށް، އާންމުނަށް ކުރިމަތިވަމުންދާ މާލީ ދަތިތަކާ ގުޅިގެން ލޯންތައް ދެއްކުން ފަސްކޮށްދިނީ މިދިޔަ މާޗް މަހު އެވެ. ނަމަވެސް ކޮވިޑްގެ ހާލަތައް މާބޮޑު ބަދަލެއް ނައިސް އާއްމު ހާލަތަށް ރުޖޫއަވާން ގިނަ ދުވަސްތަކެއް ނަގާނެކަމަށް އަދިވެސް ބެލެވޭތީ މި އަހަރުގެ ނިޔަލަށް ލޯން އަނބުރާ ދެއްކުން ފަސްކޮށްދިނީ ކަަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުންޏެވެ.
މީގެ ކުރިން މިދިޔަ މާޗްމަހު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ލޯންތައް ދެއްކުން ފަސްކޮށްދިން ނަމަވެސް މަހުން މަހަށް ދައްކަން ޖެހޭ ފައިސާއަށް ބަދަލެއް ނާންނާނެ ކަމަށެވެ.
މިހަރު ޖޫން މަހު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ 514 ދަރިވަރަކަށް މަތީ ތައުލީމުގެ ލޯންގެ ފުރުސަތު ދީފަ އެވެ. ލޯނުގެ ފުރުސަތުތަކުގެ ތެރެއިން 15 ދަރިވަރަކަށް އެމްބީބީއެސް ހަދަން ފުރުސަތު ދިންއިރު 15 ފަރާތަކަށް އެކި ކަހަލަ ލައިސަންސް ނެގުމުގެ ފުރުސަތުތައް ވެސް ދީފަ އެވެ.