އިބްރާހިމް ހަމީދު
ކަސްޓަމްސް ގާނޫނުގެ ދަށުން މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްގެ ނަމުގައި ދައުލަތުގެ މުއައްސަސާއެއް އުފައްދާ، އެތަނުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ހުވާ ކުރިއިރު ކުޅުދުއްފުށީގައި ހުންނަ ކަސްޓަމްސްގެ އޮފީހުގެ މުވައްޒަފުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިމަހު އެގާރަ ވަނަ ދުވަހު އެއްވަގުތެއްގައި މުޅިރާއްޖޭގައި ކަސްޓަމްސް މުވައްޒަފުން ހުވާ ކުރުން އޮތްއިރު ކުޅުދުއްފުށީ ކަސްޓަމްސް އޮފީހުގައި މަސައްކަތްކުރާ އެގާރަ އޮފިސަރަކުވަނީ ހުވާ ކޮށްފައެވެ. އެކަމަށްޓަކައި ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުގެ ޖަލްސާކުރާ މާލަމްގައި ބޭއްވުނު ރަސްމިއްޔާތުގައި ކުޅުދުއްފުށީ ކަސްޓަމްސްގެ އެގާރަ އޮފިސަރުންނަށް ހުވާލާދެއްވީ ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޒް މުހައްމަދު ނިޔާޒެވެ.
މިދިޔަ މަހު ފަންސަވީހުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކަސްޓަމްސްގެ ބިލް ރައީސުލްޖުމްހުރިއްޔާ ތަސްދީގު ކުރައްވާ ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރުމާއި އެ ގާނޫނުގެ ދަށުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ނަމުގައި ދައުލަތުގެ މުއައްސަސާއެއް ވަނީ އުފައްދާފައެވެ. އަދި ކަސްޓަމްސްގެ މުވައްޒަފުންނަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ބަޔެއްކަމަށާއި މަދަނީ ހިދުމަތެއްދޭ ބައެއްގެ ގޮތުގައި ގާނޫނުގައި ވަނީ ހަމަޖެހިފައެވެ. އެގާނޫނުގައި އެމުއައްސަސާގެ މަގްސަދުތަކާއި ބާރުތަކާއި މަސްޢޫލިއްޔަތުތަކާއި އިމްތިޔާޒްތައް ބަޔާންކޮށް ރާއްޖޭގެ ކަސްޓަމްސާއި ބެހޭ އެންމެހާ އުސޫލުތަކާއި އިޖްރާއަތުތައް ކަނޑައަޅާފައި ވެއެވެ.
މޯލްޑިވްސް ކަސްޓަމްސް ހިނގަމުންދާނީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީ އަހްމަދު އިނާޒްގެ ބެއްލެވުމުގެ ދަށުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.
އަދި ކަސްޓަމްސްގެ ވާޖިބުތަކާއި މަސްޢޫލިއްޔަތުތައް އަދާ ކުރުމުގެ އެންމެހައި ކަންތައް ރާވާ ހިންގާ ބަލަހައްޓާ އިސްފަރާތަކީ މިނިސްޓަރުގެ ބެއްލެވުމުގެ ދަށުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމްގައި ހުންނަވާ ބެފުޅެކެވެ. ކަސްޓަމްސްގެ ކަންތައް ހިންގަނީ ގަވައިދުންތޯ ބެއްލެވުމަށާއި މުވައްޒަފުން ގާނޫނާއި ގަވާއިދަށް ހުރުމަތްތެރިކޮށް ހިތާތޯ ބެލުމަށާއި ކަސްޓްމްސްގެ ތެރޭގައި ގާނޫނާއި ގަވާއިދާ ހިލާފަށް ކަމެއް ހިގައިތޯ ބެލުމަށް ފަސް މީހުންގެ މައްޗަށް ހިމެނޭ އިންޓެގްރެޓީ ކޮމިޝަނެއް ކަސްޓަމްސް ގާނޫނުގެ ދަށުން އުފައްދަން ޖެހެއެވެ.