ސަރުކާރުގެ ކުންފުނި، އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސެއިން ދީދީ މަގާމުން ވަކިކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)އިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހުސެއިން އެގްރޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި އަދި ބޯޑު މެމްބަރުކަމުގެ މަގާމުން މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ.
ހުސެއިން ދީދީ މަގާމުން ވަކިކުރި ވަކި ސަބަބެއް އެއްވެސް އިދާރާއަކުން އަދި ހާމަކޮށްފައެއް ނުވެ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިއަދު ސަރުކާރުގެ އިތުރު މަގާމުތަކުން ވެސް އިސް ބޭފުޅުންތަކެއް ވަކިކޮށްފައިވެއެވެ. އޭގެ ތެރޭގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ނަޖާޙް ހިމެނެއެވެ.
އޭގެ އިތުރުން ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމުން މުހައްމަދު ހުސެއިން ޝަރީފު (މުންދު)ވެސް މިއަދު ވަނީ ވަކިކޮށްފައެވެ.




