twitterviber whatsapp telegramfacebookyoutube instagram
14th October 2026

ނޯޔާގެ ޚާއްސަ އެކުވެރިޔާ - އޯޓިޒަމް ކުދިންނަށް އޮތް ލޯބި އިތުރުކޮށްދޭނެ އާ ފޮތެއް ބާޒާރަށް!

Apr 6, 2026
1

އޯޓިޒަމް ހުންނަ ކުދިން މުޖުތަމައުގައި ބާކީ ނުކުރުމަށާއި، އެކުދިންނާ މެދު އާންމުން ހޭލުންތެރިކުރުވުމުގެ މުހިންމު މަގުސަދުގައި "ނޯޔާގެ ޚާއްސަ އެކުވެރިޔާ" ގެ ނަމުގައި އާ ފޮތެއް ނެރެފި އެވެ.

ކުޅުދުއްފުށީގައި ހުންނަ ޕްލޫމާ ފިހާރައިގައި ބޭއްވި ޚާއްސަ ހަފްލާއެއްގައި މި ފޮތް ނެރެދެއްވީ މަޝްހޫރު ޑޮކްޓަރު، ޑރ. މުހައްމަދު ޢަލީ އެވެ. މި ފޮތަކީ މަރްޔަމް ނޫރާ ލިޔުއްވައި، ޕްލޫމާ އެމްވީ (Pluma MV) އިން ޝާއިއުކޮށްފައިވާ ފޮތެކެވެ.

"ނޯޔާގެ ޚާއްސަ އެކުވެރިޔާ" އަކީ އުމުރުން 5 އަހަރުން މަތީގެ ކުދިންނަށް އަމާޒުކޮށްގެން، އޯޓިޒަމްގެ މައުލޫމާތާއި އެފަދަ ކުދިންނާ މުއާމަލާތްކުރާނެ ގޮތްތައް ކުދިންނަށް ފަސޭހައިން ދޭހަވާނެ ފަދަ ގޮތަކަށް ތައްޔާރުކޮށްފައިވާ ފޮތެކެވެ.

މި ފޮތް ނެރުމުގެ އެންމެ ބޮޑު ބޭނުމަކީ، ކުޑަކުދިންގެ ހިތްތަކުގައި އޯޓިޒަމް ހުންނަ ކުދިންނަށް އޮންނަ ލޯތްބާއި ގަދަރު އިތުރުކުރުމާއި، އެކުދިންނަކީވެސް މުޖުތަމައުގެ ހަމަހަމަ ހިއްސާދާރުންކަން އަންގައިދިނުމެވެ. މި ފޮތުގެ އާންމު އަގަކީ 100 ރުފިޔާއެވެ.

މި ފޮތް މިހާރު ކުޅުދުއްފުށީގައި ހުންނަ ޕްލޫމާ ފިހާރައިންނާއި، ޕްލޫމާ އެމްވީގެ އިންސްޓަގްރާމް ޕޭޖް މެދުވެރިކޮށް އޯޑަރުކޮށްގެން ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

މަރްޔަމް ނޫރާގެ މި މަސައްކަތަކީ، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާ މެދު މުޖުތަމައު ދެކޭގޮތް ބަދަލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި މި ހަފްލާގައި ޑރ. މުޙައްމަދު ޢަލީ ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293