twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކޭއާރުއެޗުގެ އެހީއާއެކު ނ އަތޮޅު ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކަށީގެ ދެ އޮޕަރޭޝަނެއްކޮށްފި

އަބްދުލް ވާހިދު ޙަސަން
Sep 13, 2020

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އެހީތެރިކަމާއެކު ނ އަތޮޅު ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކަށީގެ ދެ އޮޕަރޭޝަނެއްކޮށް ނިންމާލައިފި އެވެ.

މަނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި މިމަހުގެ ކުރީކޮޅު ކުރި ކަށީގެ ދެ އޮޕަރޭޝަންއަކީ 57 އަހަރުގެ ފިރިހެނެއްގެ ކާޕަލް ޓަނަލް ރިލީޒްކުރަން ކުރި އޮޕަރޭޝަނަކާއި 52 އަހަރުގެ އަންހެނެއްގެ ވައަތު ފައިފައި އިން ގެންގްލިއަން ސިސްޓެއް ނެގުމަށ ކުރި އޮޕަރޭޝަނެކެވެ.

ނ އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އިސްމާއިލް ޝަފީޤް ކޭއޯއަށް ވިދާޅުވީ، މިއީ ކޭއާރުއެޗާ ގުޅިގެން ހިންގުނު ފުރަތަމަ އައުޓްރީޗް ޕްރޮގުރާމުގެ ދަށުން ކުރި ދެ އޮޕަރޭޝަންކަމަށާއި މި ދެ އޮޕަރޭޝަންވެސް ވަރަށް ކާމިޔާބުކަމަށެވެ.

އޭނާ ވިދާޅުވީ، ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި އައުޓްރީޗް ޕްރޮގުރާމުގައި ނަންނޯޓްކުރުމަށް ހުޅުވާލުމުން ނ އަތޮޅާއި ށ އަތޮޅުންވެސް ސަތޭކައަށްވުރެގިނަ މީހުން ނަންނޯޓްކުރި ކަމަށެވެ. ތިން ދުވަހުން ޑޮކްޓަރަށް ބެލޭނީ 45 މީހުން ކަމަށް ވިދާޅުވުމުން، ނަންނޯޓްކުރި މީހުންގެ ތެރެއިން ހިންގުނު ސްކްރީނިންގއަކަށްފަހު އެކަމަށް އެންމެ ބޮޑަށް ބޭނުންވާ 45 މީހަކަށް ފުރުސަތު ހޯދާދީފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ޑޮކްޓަރު މީހުން ބެއްލެވުމަށް، ނ އަތޮޅު ހޮސްޕިޓަލުގައި މިވަގުތު ހުރި ވަސީލަތްތަކުން ކުރެވޭނީ ތިން އޮޕަރޭޝަންކަމަށް ކަނޑައަޅައި އެތަނުން ދެ އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލި ކަމަށެވެ. ތިންވަނަ އޮޕަރޭޝަން ނުކުރެވުނީ ބަލި މީހުންއަށް ހޮސްޕިޓަލަށް ނުދެވުނީމަކަށް އިސްމާއިލް ވިދާޅުވި އެވެ.

އިސްމާއިލް ވިދާޅުވީ، ހޮސްޕިޓަލުގައި ރަނގަޅު ވަސީލަތަކާއި ސްޕެޝަލިސްޓުންގެ ހިދުމަތް ލިބޭނެ ނަމަ މިއަށްވުރެ ފުރިހަމަ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި މިހާރުވެސް ރިސޯޓަކުން އެ ހޮސްޕިޓަލަށް ހަދިޔާކޮށްހުރި ރަނގަޅު ފެންވަރުގެ ސްކޭނިންގ މެޝިނެއް ހުރިއިރު ރޭޑިއޮލޮޖިސްޓެއް ނެތް ކަމަށެވެ. އެހެންވުމުން މާބަނޑު މީހުން ސްކޭންކުރުމަށް ފޮނުވަން ޖެހެނީ އެހެން ހޮސްޕިޓަލްތަކަން އޭނާ ފާހަގަކުރި އެވެ.

އަދ ވަރަށް ކުދިކުދި ސްކޭނިންގތަކުގައިވެސް މީހުން އެހެން ހޮސްޕިޓަލްތަކަށް ފޮނުވަންޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ. އެ ހޮސްޕިޓަލަށް ހަދިޔާކޮށްފައިހުރި ސްކޭނިންގ މެޝިންގެ ހިދުމަތް ފޯރުކޮށްދިނުމަށް ރޭޑިއޮލޮޖިސްޓެއް ހަމަޖައްސައިދިނުމަކީ އެ ހޮސްޕިޓަލްގެ ވަރަށް ބޮޑު އެދުމެކެވެ.

އިސްމާއިލް ވިދާޅުވީ، ކުރިއަށްއޮތްތަނުގައިވެސް އެ ހޮސްޕިޓަލުން ލިބެން ނެތް ހިދުމަތްތައް އަތޮޅަށް ފޯރުކޮށްދިނުމަށް ކޭއާރުއެޗާ ގުޅިގެން ކުރިއަށްގެންދަން މަޝްވަރާކުރެވިފައިވާކަމަށެވެ. މި އައުޓްރީޗް ޕްރޮގުރާމު ކުރިއަށްދިޔުމަށް ކޭއާރުއެޗުގެ މެނޭޖަރު އަހުމަދު ދާއޫދު އަދި މެނޭޖްމެންޓާއި މުވައްޒަފުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންދިޔަކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި މީގެ އިތުރުން މަދު ވަސީލަތްތަކާއެކުވެސް މިފަދަ ކަންތައްތައް ވީވަރަކުން ކުރިއަށްގެންދިޔުމަށް ނ އަތޮޅު ހޮސްޕިޓަލްގެ ހުރިހާ މުވައްޒަފުންގެ ފަރާތުން ލިބޭ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ޝުކުރުއަދާކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355