ގދ. ތިނަދޫގައި ޢިމާރާތްތައް ކުއްޔަށް ހިފައިގެން މީގެ އަހަރުތަކެއްކުރީއްސުރެ ތަފާތު ލެވެލްތަކުގައި ތަފާތު ދާއިރާތަކުން ފުޅާ ދާއިރާއެއްގައި ކޯސްތައް ހިންގަމުންގެންދިޔަ އެވިޑް ކޮލެޖުން ތިނަދޫގައި އަމިއްލަ ކެމްޕަހެއް ގާއިމުކޮށް ޒަމާނީ ފެންވަރަށް ހެދުމަށްފަހު އެ ކެމްޕަސް ރަސްމީކޮށް ހުޅުވައިފި އެވެ.
އެވިޑް ކޮލެޖްގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހޮނިހިރުދުވަހުގެރޭ ތިނަދޫ ފުޓުބޯޅަ ދަނޑުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި އެވިޑް ކޮލެޖް ތިނަދޫ ކެމްޕަސް ރަސްމީގޮތުން ހުޅުވައިދެއްވީ އެކޮލެޖްގެ ޗެއަރމަން އަބްދުﷲ މުސްތާޤް ރަޝާދާއި ގދ. ތިނަދޫގެ އެކިއެކި މުއައްސަސާތަކުގެ ވެރިންނާއި ކަމުވޮށިގެންވާ އިއްޒަތްތެރިންނެވެ.
މިރަސްމިއްޔާތު އެވިޑް ކޮލެޖްގެ ފޭސްބުކް ޕޭޖާއި އަދި ޓީވީ މޯލްޑިވްސްއިން ލައިވް ކުރެވުނެވެ.
އެވިޑް ކޮލެޖް ތިނަދޫ ކެމްޕަސް ހުޅުވައި ދެއްވުމަށްފަހު ވާހަކަ ފުޅުދައްކަވަމުން ކޮލެޖްގެ ބާނީ މުޝްތާގު ވިދާޅުވީ ތިނަދޫގައި އެވިޑް ކޮލެޖްގެ ކެމްޕަސް ގާއިމްކުރަން ބޭނުންވީ އޭނާގެ ބައްޕާފުޅު ތައުލީމަށްޓަކާ ހުވަދުއަތޮޅަށް ކޮށްދެއްވި އަގުހުރި މަސައްކަތްޕުޅު ދެމެހެއްޓެވުމުގެ ގޮތުންނެވެ. އަދި ތައުލީމީ އަހްލާގީ ދަރިންތަކެއް ތިނަދޫގައި އުފެދި އެދަރިންގެ ހިދްމަތް ތިނަދުއަށް ދާއިމީކޮށް ލިބިގެންދިއުމަކީ އަބަދުވެސް ބޭނުންވާގޮތްކަމުގައިވާތީ ކަމަށެވެ.
އެވިޑް ކޮލެޖުގެ ކުރިމަގާމެދު ވާހަކަދައްކަވަމުން މުޝްތާގު ވިދާޅުވީ، އެވިޑް ކޮލެޖު ޔުނިވަސިޓީއަކަށް ބަދަލުކުރުމުގެ ވިސްނުން އެބަހުރި ކަމަށާ، ޔުނިވަރސިޓީގެ މައި ކެމްޕަސް ގާއިމް ކުރާނީވެސް ތިނަދޫގައި ކަމަށެވެ.
އެވިޑް ކޮލެޖްގެ އަމިއްލަ ކެމްޕަހެއް ތިނަދޫގައި ހުޅުވިގެންދިޔުމަކީ ނުހަނު ފަހުރުވެރިވާކަމެއްކަމަށާއި އަދި އެއީ ތިނަދޫއަށާއި ތިނަދޫގެ ރައްޔިތުންނަށް ލިބުނު ވަރަށްބޮޑު އުފަލެއްކަމަށް ރަސްމިއްޔާތުގައި ބައިވެރިވި ބޭފުޅުން ހާމަކުރި އެވެ. އަދި ފެށުނީއްސުރެ ތިނަދޫއަކީ ތައުލީމީކަންކަމަށް މުޅިރާއްޖެއަށްވެސް މަޝްހޫރު ރަށަކަށްވެފައި އެވިޑް ކޮލެޖްގެ ބާނީ އަބްދުﷲ މުސްތާޤް ރަޝާދަކީ ތިނަދޫގެ އުފަން ތިނަދޫގެ ލޭ ހުރި ޒުވާނަކާށްވެފައި ތިނަދޫގެ ތައުލީމީ ދަންމަރު އުޖާލާކޮށް ދެމެހެއްޓުމަށް ކެނޑިނޭޅި ކުރައްވަމުންގެންދަވާ ބުރަ އަގުހުރި މަސައްކަތަށްޓަކައި ތިނަދޫގެ ރައްޔިތުން އެބޭފުޅާއަށް ތައުރީފުކުރެއްވި އެވެ.
ރޭގެ ރަސްމިއްޔާތުގައި އެވިޑް ކޮލެޖުގެ ތިނަދޫ ކެމްޕަސް ހުޅުވުމަށް އެހީތެރިވި އެންމެހާ ފަރާތްތަކަށް ހަނދާނީ ލިޔުން ދެއްވިއެވެ. ހަނދާނީ ލިޔުންތައް ހަވާލުކޮށްދެއްވީ، އެވިޑް ކޮލެޖްގެ ޗެއާމަން އަބްދުﷲ މުޝްތާގް ރަޝާދެވެ.
އެވިޑް ކޮލެޖަކީ ދިވެހިރާއްޖޭގައި މަތީ ތައުލީމުގެ ޚިދްމަތް އަތްފޯރާފަދަ އަގެއްގައި ދެމުންގެންދާ އަމިއްލަ އެންމެ ބޮޑު އެއް ކޮލެޖެވެ. މިހާރުވެސް ދެހާހަށްވުރެ ގިނަ ދަރިވަރުން ކޯސްތަކުގައި އެވިޑް ކޮލެޖުން ކިޔަވަމުން ގެންދެއެވެ.