އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޮ ސްޓެންޑަޑައިޒޭޝަން (އައިއެސްއޯ)އިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެނަކައިގެ ހިދުމަތްތައް ބައްޓަންކޮށް، އެކޯޕަރޭޝަން އައިއެސްއޯއަށް ސާޓިފައިވެއްޖެ އެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ އެކުންފުނިން އައިއެސްއޯ 9001:2015 ކޮލިޓީ މެނޭޖްމަންޓް ސެޓްފިކެޓާއި އައިއެސްއޯ 45001:2018 އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ ސެޓްފިކެޓް ހާސިލް ކޮށްފައިވާ ކަމަށެވެ.
ކޮލިޓީ މެނޭޖްމަންޓަކީ ބައިނަލްއަގްވާމީ ގޮތުން މުއައްސަސާތަކާއި ކުންފުނިތަކުން ފޯރުކޮށްދޭ ހިދުމަތްތަކަކީ ރަނގަޅު ފެންވަރުގައި ހިފެހެއްޓިފައިވާ ހިދުމަތްތަކެއްތޯ ބަލާނެ ގޮތް ކަނޑައެޅުމުގެ ގޮތުން އެކުލަވާލާފައިވާ މިންގަނޑުތަކެކެވެ.
އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީގެ މިންގަނޑުތަކަކީ މަސައްކަތުގެ މާހައުލުގައި އެކަށޭނެ މިންވަރަށް ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިފައިވޭތޯ ބަލަން އެކުލަވާލާފައިވާ މިންގަނޑުތަކެކެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ އައި އެސްއޯ އަށް ސެޓިފައި ވުމަށް ކުރެވުނު މަސައްކަތުން މިހާރު އެ ކުންފުނީގެ ލަނޑުދަނޑިއާއި، ލަނޑުދަނޑި ހާސިލްކުރުމަށް މަސައްކަތް ކުރަން ޖެހޭ ގޮތުގެ އުސޫލުތަކާއި، ލަނޑުދަނޑި ހާސިލްކުރުމަށް ކުރެވޭ މަސައްކަތް ވަޒަންކުރާނެ މިންގަނޑުތަކާއި، މަސައްކަތްތަކާއި ގުޅުންހުރި މުހިއްމު މައުލޫމާތު އެއްކުރެވޭ ފޯމެޓްތަކާއި، ރިޕޯޓުތައް ހުށަހަޅަންޖެހޭ ފަރާތްތަކާއި، މަސައްކަތްތައް ބަލައި ޗެކު ކުރާނެ އިންތިޒާމް ހަމަޖެހި އަމަލު ކުރަމުންދާ ކަމަށެވެ.
އާ މިންގަނޑުގެ ދަށުން ކޮންމެ ޑިޕާޓްމަންޓަކަށްވެސް ހާސިލްކުރަންޖެހޭ ސްމާޓް ލަނޑުދަނޑިތަކެއް ކަނޑައެޅިފައި ހުރުމާއިއެކު އަދި މި ލަނޑުދަނޑިތައް ކުންފުނީގެ ތަސައްވުރާއި، ވަކި ވަކި މުވައްޒަފުންގެ ކީ ޕާފޯމަންސް އިންޑިކޭޓާސް އާއި ގުޅުވިފައި ހުންނާނެ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފަ އެވެ.
ކުންފުނީގެ މުވައްޒަފުން ކުރަމުންދާ މަސައްކަތަށް ސައީދު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
އައިއެސްއޯއަކީ ގައުމުތަކުގައި މިންގަނޑުތައް ކަނޑައަޅާ ޖަމިއްޔާތަކުގެ މައްޗަށް އެކުލެވިގެންވާ، މިންގަނޑުތައް ކަނޑައަޅާ ބައިނަލްއަގްވާމީ ޖަމިއްޔާއެކެވެ.